ޕާކިސްތާނާ އިންޑިޔާއިންވެސް އެ ބިމެއްގެ ފުރިހަމަ މިލްކުވެރިކަން ހޯދުމަށް ވަކާލާތު ކުރަމުންދާ ކަޝްމީރުގެ މައްސަލަ އެތައް އަހަރަކަށް ދިގުލާ ގޮސް، ޕާކިސްތާނާ އިންޑިޔާގެ ގުޅުން އިންތިހާއަށް ހީނަރުވެފައި ވަނިކޮށް، ސުލްހައިގެ އިމުގެ ތެރެއިން މި މައްސަލައަށް ހައްލު ހޯދުމަށް އިންޑިޔާއާއިއެކު ސުލްހައިގެ މަޝްވަރާތައް ކުރިއަށް ގެންދިއުމުގައި އދއިން އެހީތެރިކަން ފޯރުކޮށްދިނުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ގޮވާލައްވައިފިއެވެ.

ސުވިޓްޒަލޭންޑްގެ ޑާވޯސްގައި މިހާރު ކުރިއަށްދާ ވާލްޑް އިކޮނޮމިކް ފޯރަމްގެ ހަވާސާގައި ކުރިއަށްދިޔަ މީޑިއާ ބްރީފްއެއްގައި ވާހަކަފުޅުދައްކަވަމުން އިމްރާން ވިދާޅުވީ، މިއީ ބައިނަލްއަގުވާމީ މުއައްސަސާތަކުން މިމައްސަލައިގެ ތެރެއަށް ވަދެ، މިކަމަށް ހައްލެއް ހޯދަން ފިޔަވަޅު އަޅަންވީ ވަގުތު ކަމަށެވެ.

މިއީ ކަޝްމީރުގެ މައްސަލައިގެ ތެރެއަށް ބައިނަލްއަގުވާމީ ބާރުތަކާ އިދާރާތަކުން ވަދެދިނުމަށް ޕާކިސްތާނުގެ ފަރާތުން އިމްރާން ގޮވާލައްވާ، އެކަމަށް އެދިވަޑައިގެންނެވި ފުރަތަމަ ފަހަރެއް ނޫނެވެ.

އިސްލާމްއަބާދުގައި ހަރަކާތްތެރިވާ ސެކިއުރިޓީ އެނަލިސްޓް އަދި ނޫސްވެރިޔާ ޒާހިދު ހުސައިން ބުނާ ގޮތުގައި މިއީ އިމްރާން އަބަދުވެސް ގެންގުޅުއްވާ ތަސައްވުރުގެ ފައްކުރުމެކެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެމެރިކާގައި ކުރިއަށް ގެންދިޔަ އދގެ މެމްބަރު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގެ ހަވާސާގައި، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާއެކު ކުރިއަށް ގެންދެވި މަޝްވަރާތަކުގައިވެސް އިމްރާން މިފަދަ ރޫހެއްގައި ވާހަކަފުޅު ދެއްކެވިކަން ޒާހިދު ހުސައިން ވަނީ ފާހަގަކޮށްފައެވެ.

ބައިނަލްއަގުވާމީ މަސްރަހުން އިމްރާންއާއި މެދު މިފަދަ ނަޒަރަކުން ބަލަމުންދިޔަ ނަމަވެސް އިމްރާން ވިދާޅުވާ ގޮތުގައި، ނިއުކްލިއާ ހަތިޔާރުގެ ބާރުވެރިކަން ލިބިފައިވާ 2 ގައުމު އަދި އޮތީ ހަނގުރާމައިގެ ތުންފަތް މަތީގައެއް ނޫނެވެ. ނަމަވެސް މިކަމުން، އެހެންކަމަށް ސަމާލުކަން ބަދަލު ކޮށްލުމަށްޓަކައި، އިންޑިޔާގައި މިހާރު ރަށްވެހިކަމުގެ ގާނޫނަށް ގެނައި އިސްލާހުގެ މައްސަލަޔާ ގުޅިގެން އުފެދިފައިވާ މުޒާހަރާތަކަށް އަމާޒުކޮށް އެ ގައުމުން ކޮންމެ ފަދަ ކަމެއް ކޮށްފާނެ ކަމުގެ ބިރުވެރިކަން އެބައޮތްކަން އިމްރާން ވަނީ ފާހަގަކުރައްވާފައެވެ.