ވަގު ޕާސްޕޯޓުތަކެއް ބޭނުންކޮށްގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަން އުޅުނު ބަޔަކު ހިފަހައްޓައިފިއެވެ.

އިމިގްރޭޝަނުން ބުނީ ނަކަލުކޮށްފައިވާ ޕާސްޕޯޓުގައި ރާއްޖެއިން ފުރަން އުޅުނީ ތިން ބިދޭސީން ކަމަށެވެ.

ނަކަލުކޮަށްފައިވާ ޕާސްޕޯޓުގައި ފުރަން އުޅުނު ބިދޭސީންގެ ތަރޭގައި ހިމެނެނީ 22 އަހަރުގެ ދެ ފިރިހެނަކާއި 28 އަހަރުގެ ފިރިހެނެެއް ކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ.

އެ މީހުންނާ ބެހޭ އިތުރު މައުލޫމާތެއް އިމިގްރޭޝަނުން ހާމަކޮށްފައެއް ނުވެއެވެ.

އިމިގްރޭޝަނުން އެ ތިން މީހުން ހުއްޓުވާފައިވާ އިރު، ވަގު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވާން އުޅޭ މީހުންނާއި ޝަހުސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅޭ ގިނަ މީހުން އިމިގްރޭޝަނުން ދަނީ ހުއްޓުވަމުންނެވެ. އެގޮތުން މިދިޔަ އޮކްޓޯބަރުމަހު 13 ވަނަ ދުވަހު ފޭކް ޕާސްޕޯޓެއްގައި ރާއްޖެ އެތެރެވާން އުޅުނު އަންހެނަކާއި އޭނާއަށް އެހީތެރިވި ފިރިހެނަކު ވަނީ ހުއްޓުވާފައެވެ.

މީގެ އިތުރުން މިދިޔަ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހުވެސް ފޭކް ޕާސްޕޯޓުގައި ރާއްޖެ އެރެތެވާން އުޅުނު އަންހެނަކު ވަނީ ހުއްޓުވާފައެެވެ. އަދި މިދިޔަ މަހުގެ 22 ވަނަ ދުވަހު ވެސް، ސައްހަ ޕާސްޕޯޓަށް ބަދަލު ގެނެސްގެން، ނަކަލުކޮށްފައިވާ ޕާސްޕޯޓް ބޭނުން ކޮށްގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެ އެތެރެވާން މަސައްކަތް ކުރި 3 ބިދޭސީ އަކު އިމިގްރޭޝަނުން ވަނީ ހުއްޓުވާފައެވެ.

މި އަހަރު މިހާތަނަށް ފޭކް ޕާސްޕޯޓު ހަދައިގެން އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅޭ ބިދޭސީންގެ އަދަދު 20 އަށް އަރާފައިވާއިރު، މިހާރުވެސް ރާއްޖޭގައި އުޅޭ ގިނަ އަދަދެއްގެ ބިދޭސީންގެ ތެރެއިން ގިނަ ބިދޭސީ މީހުންނަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނެވެ.