ދުނިޔޭގެ ބިމުގެ ސަތަހައަށް ގިނިހިލައެއް ވެއްޓިގެން އުފެދިފައިވާ އެންމެ ޒަމާންވީ ވަޅުގަނޑު ނުވަތަ އެސްޓެރޮއިޑް ކްރޭޓާ، އޮސްޓްރޭލިޔާއިން ފެނިއްޖެއެވެ.

ސައިންސްވެރިން ބުނާ ގޮތުގައި މިއީ، އައިސް އޭޖެއޭ ކިޔުނު ގަނޑުފެނުގެ ދުވަސްވަރުން ދުނިޔެ ސަލާމަތްވި ގޮތާ ބެހޭ އިތުރު ތަފްސީލުތަކެއް ސަރަހައްދަކުން ލިބުން އެކަށީގެންވާ ސަރަހައްދަކަށް ވުންވެސް އެކަށީގެންވެއެވެ.

ދިރާސާ ޓީމުން ބުނާ ގޮތުގައި، އޮސްޓްރޭލިއާގެ ޔަރާބާބާ ސަރަހައްދަށް ގިނިހިލަ ވެއްޓިފައިވަނީ މީގެ ގާތްގަނޑަކަށް 2.2 ބިލިއަން އަހަރު ކުރިންނެވެ. އަދި މިއީ ދުނިޔޭގެ މުޅި އުމުރުގެ ދެބައިކުޅަ އެއްބައި އުމުރު ހުންނާނެ ވަރުގެ ވަޅުގަނޑެއް އުފެއްދި ގިނަހިލައެއް ކަމަށްވެސް ދިރާސާ ޓީމުން ބުނެއެވެ.

ދުނިޔެއަށް ގިނިހިލައެއް ވެއްޓިގެން އުފެދިފައިވާ ކަމަށް ބުނާ އެންމެ ޒަމާންވީ ވަޅުގަނޑު ހިމެނޭ ސަރަހައްދު/ފޮޓޯ: އައިއެސްއެސް

ސައިންސްވެރިންގެ ޓީމުން މި ނިންމުން ނިންމާފައިވަނީ އެ ވަޅުގަނޑުން ނެގި ގަލުގައި އެކުލެވުނު މިނަރަލްތައް ޓެސްޓު ކުރުމަށްފަހުގައެވެ.

މި ވަޅުގަނޑު ފެނިފައިވަނީ 1979 ވަނަ އަހަރުގެ ތެރޭގައި ކަމަށް ވީ ނަމަވެސް މި ފަހަކާ ޖެހެންދެން އެތަނުގެ އެއްވެސް ދިރާސާއެއް ކޮށްފައެއް ނުވެއެވެ.

އެތައް ބިލިއަން އަހަރެއް ވަންދެން ސަރަހައްދުތައް ގިރަމުންދިއުމުގެ ސަބަބުން، ގިނިހިލަ ޖެހިގެން އުފެދުނު ހަގީގީ ވަޅުގަނޑު މިއަދު ހަމަލޮލަށްވެސް ފެންނަން ނެތެވެ. ނަމަވެސް ސައިންސްވެރިން ވަނީ ވަށަމިނުގައި ގާތްގަނޑަކަށް 70 ކިލޯމީޓަރު ހުންނަ ވަރުގެ ވަޅުގަނޑެއް ހިމެނޭ ސަރަހައްދެއްގެ ޗާޓެއް އެކުލަވާލާފައެވެ.