ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުން ރައްޔިތުން ކުރިމަތީގައި ދަންޖައްސާ މަރަން ޖެހޭ ގޮތަށް ގާނޫނުތައް އިސްލާހު ކުރުމަށް އެދި ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ޖާބިރު ފޮނުއްވި ސިޓީގައި ވަނީ ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ގައުމެއް ކަމަށާއި ރާއްޖޭގެ ރައްޔިތުންނަކީ އިސްލާމްދީނުގައި އަންގަވާފައިވާ ރިވެތި އަހުލާގު ހިފަހައްޓަންޖެހޭ ބަޔަކަށް ވާންޖެހޭ ކަމަށެވެ. ނަމަވެސް ފަހަކަށް އައިސް ރާއްޖޭގައި އެންމެ ގިނައިން ހިންގަމުން އަންނަ އެއްކަމަކީ ކުޑަކުދިންނަށް ޖިންސީ އަނިޔާކުރުމާއި ޖިންސީ ފުރައްސާރަ ކުރުމުގެ މައްސަލަތައް ކަމަށެވެ.

"އެއަމަލު ހިންގާ ފަރާތްތައް މުޖުތަމައުގެ ތެރެއަށް ދޫކޮށްލާފައި ތިބުމުގެ އިތުރުން، އެފަދަ ފަރާތްތަކުގެ މައްޗަށް ޝަރީއަތެއް ހިންގި ކަމުގައިވިޔަސް، ގިނަފަހަރަށް ހުކުމް ކުރައްވަމުން ގެންދަވަނީ ކުށް ސާބިތު ނުވާކަމަށް، މިފަދަ ފަރާތްތަކުގެ މައްޗަށް ކަނޑައެޅުއްވުމަށް ގާނޫނުގައި ކަނޑައަޅުއްވާފައި އޮންނަނީ އަދަބަކީ ޖަލަށް ލުން ކަމަށްވާތީ، އެގޮތުގެ މަތިން ކުރެވޭ ހުކުމްތައް ތަންފީޒު ކުރުމުގެ ގޮތުން ޖަލުގައި ކުޑަ ދުވަސްކޮޅަކު ބެހެއްޓެވުމަށްފަހު، އޭގެ ތެރޭގައި އެއިރެއްގައި އޮންނަ ސަރުކާރާއި ގުޅުންހުރި ފަރާތްތަކަށް މައާފް ދެއްވައި ދޫކޮށްލައްވަމުންގެންދޭ،" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ކުށް ސާބިތުވާ ފަރާތްތަކަށް މައާފް ދިނުމަށްފަހު ދޫކޮށްލުމުގެ ފުރުސަތު ކޮންމެ ސަރުކާރަކަށްވެސް ލިބިފައި އޮންނަނީ އެފަދަ ފަރާތްތަކާ މެދު އަމަލު ކުރުމަށް އިސްލާމްދީނުގައި އަންގަވާފައި އޮންނަގޮތާ ހިލާފަށް، ޖަލަށް ލާން ހުކުމް ކުރަމުން ގެންދާތީ ކަމަށެވެ.

މައިންބަފައިންގެ ޝަހުވަތްތެރިކަމުގެ ޝިކާރަ އަކަށް ކުޑަކުދިން ހަދައި، ތުއްތު ކުދިންނަށް ޖިންސީ ގޮތުން އިއާދަ ނުކުރެވޭ ވަރުގެ ބޮޑެތި އަނިޔާތައް ދެމުންދާ ފަރާތްތަކުގެ މައްޗަށް އިސްލާމްދީނުގައިވާ މަގުން އަދަބު ކަނޑައަޅަންޖެހޭ ކަމަށެވެ. އެގޮތަށް ކަނޑަނޭޅި ދިއުމުގެ ނަތީޖާއެއްގެ ގޮތުން ގއ. ކަނޑުހުޅުދޫގައި މިހާރު ހިންގައިގެން އުޅޭ ފަދަ ނުރައްކާތެރި އެތައް މައްސަލައެއް ކުރިއަށް އޮތް ދުވަސްތަކުގައިވެސް ތަކުރާރުވަމުން އަންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެއަމަލުތައް ހުއްޓުވުމަށްޓަކައި މިހާރުން މިހާރަށް ފިޔަވަޅުތައް އެޅުމަށް ރައްޔިތުންގެ މަޖިލީހަށާއި ދިވެހި ދައުލަތުގެ މައްޗަށާއި ދައުލަތުގެ ކަމާއިބެހޭ އެންމެހާ ފަރާތްތަކުގެ މައްޗަށް ޖާބިރު ވަނީ ގޮވާލައްވާފައެވެ. އަދި އެކަންކަން ހުއްޓުވޭނީ ރާއްޖޭގެ ގާނޫނު އަސާސީއަށާއި މިހާރު ހެދިފައިވާ ގާނޫނުތަކަށް ބަދަލު ގެނެސްގެން ކަމަށް އޭނާ ވިދާޅުވިއެވެ.

"އެކަންކަން ކުރުމުގެ މަސައްކަތް މިހާރުން މިހާރަށް ފައްޓަވައި، ކުޑަކުދިންނަށް ޖިންސީ އަނިޔާކުރާ ފަރާތްތަކުގެ މައްޗަށްކަނޑައަޅާ އަދަބަކީ ރައްޔިތުންގެ ކުރިމަތީގައި ދަންޖައްސާ މެރުން ކަމުގައި ހެދުމަށް އަޅުގަނޑު ބޭނުންވާތީ، މިކަން މިގޮތަށް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އެންމެހާ މެންބަރުން ތާއީދުކޮށްދެއްވުމަށް އެބޭފުޅުން އަރިހު އާދޭހާއިއެކު އަޅުގަނޑު އެދެން. އެގޮތުން ރައްޔިތުންގެ މަޖިލީހުން ނިންމަންޖެހޭ އެންމެހާ ކަންކަން ނިންމުމަށް މިހިނދުން މިހިނދަށް ރައްޔިތުންގެ މަޖިލީސްގެ ހާއްސަ ޖަލްސާއެއް ބާއްވަވައި ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި ރައީސް އަށް ދެންނެވިން،" ޖާބިރު ވިދާޅުވިއެވެ.

ދެ އަހަރު ނުފުރޭ ކުޑަ އަންހެން ކުއްޖަކު، އެކުއްޖާގެ ކާފަ އަދި މުނިކާފަ ރޭޕް ކުރި މައްސަލައާއެކު، ރޭޕް ކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް ގޮވާލާ އަޑު ވަނީ ގަދަވެފައެވެ. އެގޮތުން ދީނީ ގިނަ އިލްމުވެރިންނާއި ރާއްޖޭގެ ގިނަ ބަޔަކު ދަނީ އިސްލާމްދީނުގައި އަންގަވާފައިވާ ގޮތަށް މަރުގެ އަދަބު ތަންފީޒު ކުރުމަށް ގޮވާލަމުންނެވެ.

ދެ އަހަރު ނުފުރޭ ކުޑަ އަންހެން ކުއްޖަކާ ބެހުނު މައްސަލާގައި އޭނާގެ ކާފަ އާއި މުނިކާފަ ވަނި ހައްޔަރުކޮށް ބަންދަށް 15 ދުވަސް ޖަހާފައެވެ. އަދި އެކުއްޖާގެ ބައްޕަ ވަނީ އިހުމާލުވިކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ބަންދުކޮށްފައެވެ.

މީގެ އިތުރުން 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްގެން 80 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ފަސް އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކޮށްގެން 56 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށް 15 ދުވަހަށް ބަންދުކޮށްފައެވެ.