އެކަށީގެންވާ ސަބަބެއް ނެތި މައްސަލަތައް ލަސް ކުރާ ފަނޑިޔާރުންނާމެދު ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބުނެފިއެވެ.
ތިން ކޯޓަކަށް ފަނޑިޔާރުން ހުވާ ކުރުމަށް މިއަދު ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގައި ބޭއްވި ރަސްމިއްޔާތުގައި ޖޭއެސްސީއަށް ރައީސް ކަނޑައަޅުއްވާފައި ހުންނަވާ މެމްބަރު މަސްތޫރު ހުސްނީ ވިދާޅުވީ އެ ކޮމިޝަނަށް އެންމެ ގިނައިން ޝަކުވާ ހުށަހަޅަނީ މައްސަލަތައް ލަސްވެގެން ކަމަށެވެ.
އޭނާ ވިދާޅުވީ މިހާތަނަށް 200 އަށްވުރެ ގިނަ ޝަކުވާ އެކޮމިޝަނަށް ލިބިފައިވާ އިރު، އޭގެ ތެރެއިން ދެބައިކުޅަ އެއްބައި ޝަކުވާ އަކީ މައްސަލަތައް އާދައާ ހިލާފަށް ލަސްވެގެން ހުށަހަޅާފައިވާ ޝަކުވާތައް ކަމަށެވެ.
މަސްތޫރު ވިދާޅުވީ ބައެއް މައްސަލަތައް ކުރިއަށް ނުގެންގޮސް ދެ އަހަރަށްވުރެ ގިނަ ދުވަސްވެ، ދައުވާ ލިބޭ ފަރާތް ޖަލުގައި އޮންނަން ޖެހިފައިވާ ކަމަށެވެ. އަދި އަދުލު އިންސާފު ލަސްވުމަކީ އަދުލު އިންސާފު ނުލިބުން ކަމަށާއި އެކަމަށް ހައްލެއް ގެންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެހެންކަމުން އެކަށީގެންވާ ސަބަބެއް ނެތި މައްސަލަ އާދައާ ހިލާފަށް ލަސްވަމުންދާ ނަމަ އެ ލަސްވަމުންދާ ކަމުގެ ޒިންމާވާ ފަރާތެއް، އެއީ ފަނޑިޔާރަކަށް ވިޔަސް އެ ފަނޑިޔާރަކާ މެދު ފިޔަވަޅު އެޅުމުގެ މަސައްކަތް އަޅުގަނޑުމެން ފަށައިގެންފައިވާ ވާހަކަ ދަންނަވަން،" މަސްތޫރު ވިދާޅުވިއެވެ.
ރައްޔިތުން އެންމެ ބޮޑަށް އެދޭ އެއް ކަމަކީ އަދުލުވެރިކަމާއެކު އެކަށީގެންވާ އަވަސްމިނުގައި މައްސަލަތައް ނިންމާ ފަނޑިޔާރު ގެއެއް ލިބުން ކަމަށެވެ. ޖޭއެއްސީގެ މަގުސަދަކީވެސް ރައްޔިތުންނަށް އެފަދަ ފަނޑިޔާރު ގެއެއް ހޯދައި ދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ މިދިޔަ އަހަރަކީ ފަނޑިޔާރު ގެއަށް ހެޔޮ ބަދަލުތަކެއް އައި އަހަރެއް ކަމަށެވެ. އެގޮތުން ކޯޓުތަކުން މިހާރު ރައްޔިތުންނާ ކައިރިން މަސައްކަތް ކުރެވޭ ގޮތަށް އިންތިޒާމުތައް ބައްޓަންކުރެވި، މައްސަލަތައް ތާވަލު ކުރުމާއި ހިންގުމުގައި އަވަސްވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ މައްސަލަ ބަލައިގަތުމުގައި ރަޖިސްޓްރާގެ މަސްއޫލިއްޔަތު ގާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް ލިބިދީފައިވާ ކަމަށެވެ.
މަސްތޫރު މިގޮތަށް ވިދާޅުވެފައި މިވަނީ 2 އަހަރުގެ ކުއްޖާގެ މައްސަލާގައި މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން ބޭއްވި ބައްދަލުވުމެއްގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ކޯޓުތަކުގައި ލަސްވާކަމަށް ފާހަގަކޮށްފައިވަނިކޮށެވެ. އެގޮތުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ޝަރުއީ މަރުހަލާގައި އަވަސް ކުރުމަށްޓަކައި ކަމާގުޅޭ އިދާރާތަކާއެކު މަޝްވަރާކޮށް، އެފަދަ މައްސަލަތައް އެންމެ ލަސްވެގެން ނިންމަންޖެހޭ މުއްދަތެއް ކަނޑައެޅުމާއި ގުޅޭގޮތުން ރިޕޯޓެއް ތައްޔާރުކޮށް 30 ދުވަހުގެ ތެރޭގައި އެ ރިޕޯޓު މަޖިލީހަށް ފޮނުވުމަށް ވަނީ އަންގާފައެވެ.