ބަރުދަން ލުއިކުރުމުގެ ޖިސްމާނީ ތަކުލީފަށްވުރެ ނަފްސާނީ ތަކުލީފު ބޮޑެވެ. ފައިދާއެއް ނެތް ކާބޯތަކެއްޗާ ދުރުވެ، ސިއްހަތަށް ފައިދާ ކުރަނިވި ކާބޯތަކެއްޗާ ދިމާލަށް ދިރިއުޅުން ބަދަލު ކުރުމަކީ ގަދަ ހިތްވަރެއް ހުރެގެން މެނުވީ ކުރެވޭނެ ކަމެއް ނޫނެވެ. ހަށިގަނޑަށް ފައިދާ ހުރި ކާނާ ކައި، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް މަސައްކަތް ކުރަން ފެށުމަކީ އުނދަގޫ ކަމަކަށް ނުވި ނަމަވެސް، އެގޮތުގައި ދެމި ހުރުމަކީ އެންމެ ބޮޑު ގޮންޖެހުމެވެ. ފަހުގެ ހޯދުންތަކަށް ބަލާއިރު، ބަރުދަން ލުއިކުރަން ބޭނުން ނަމަ ކާންވީ އެކަންޏެވެ.

އެކަނި ކައިގެން ހިކެނީ ކީއްވެ؟

ފަހުގެ ހޯދުންތައް ދައްކާ ގޮތުގައި ގާތްތިމާގެ މީހުން، އާއިލާ މެމްބަރުން އަދި އެކުވެރިންނާ އެކު ކައިބޮއި ހަދާނަމަ ގިނައިން ކެވޭ ގޮތްވެއެވެ. އިޖުތިމާއީ މާހައުލެއްގައި އިނދެގެން ކާނަމަ، އެހެން މީހުން ކާއެއްޗިހީގެ ނުފޫޒު ތިބާއަށްވެސް ފޯރާގޮތްވެއެވެ. އަދި ފިޓްވުމަށް އެމީހަކު ކަނޑައެޅި ޒާތީ އަމާޒަށް ވާސިލު ނުވެވި، ދޫކޮށްލަންޖެހޭ ފަހަރު އާދެއެވެ.

އެމެރިކަން ޖާނަލް އޮފް ކްލިނިކަލް ނިއުޓްރިޝަންގައި އާންމުކޮށްފައިވާ ދިރާސާ އެކުލަވާލާފައިވަނީ މިހާތަނަށް ހަދާފައިވާ 42 ދިރާސާއަކުން މައުލޫމާތު އެއްކޮށްގެންނެވެ. މި ދިރާސާ ބުނާ ގޮތުގައި، ދަންނަ މީހުންގެ ބަދަލުގައި، ނުދަންނަ މީހުންނާއެކު ކާންޖެހުމުން ކޮންމެ މީހަކަށްވެސް ކެވެނީ މަދުންނެވެ. މިކަން މިހެން ދިމާވަނީ، އަނެކުން ތިބާއަށް ދޭ ފުރަތަމަ ނަޒަރު ކާމިޔާބު ކުރުމުގެ ރޫހެއް އޮންނާތީކަމަށްވެސް ބުނެވެއެވެ.

ގޮތް ނިންމުން

ދިރާސާގެ ހޯދުން ބުނާ ގޮތުގައި ބަރުދަން ލުއިކުރުމުގެ އަޒުމުގައި ހުރި މީހަކަށް ރަނގަޅީ ދަންނަ މީހުންނާއެކު އެއް ސުފުރާ މައްޗަށް ނެރުމެވެ. ގާތް މީހުންނާއެކު އެއް ސުފުރާއަކަށް އެރުމުން، ގިނައިން ކެވެނީ އެކަންޏެއް ނޫނެވެ. ކެވޭ ވަރުވެސް ނޭނގެނީއެވެ. ކެވޭ ނުކުވޭ އެއްޗެއްވެސް ނޭނގެނީއެވެ. ނަމަވެސް، އާއިލީ ގުޅުމާ ރަހުމަތްތެރިކަމުގެ ގުޅުން ދެމެހެއްޓުމައްޓަކައި މިފަދަ ކަންކަމުން މުޅިން ދުރުވުމަކީވެސް އެންމެ ރަނގަޅު ގޮތެއް ނޫނެވެ.