އިންސާނުންގެ ދިފާއީ ނިޒާމުން މުޅިން އަލަށް ދެނެގަނެވުނު ބައިގެ އެހީގައި، ހުރިހާ ބާވަތެއްގެ ކެންސަރަށް ފަރުވާ ކުރެވިދާނެ ކަމަށް ސައިންސްވެރިން ބުނެފިއެވެ.

މި ގޮތުން ކާޑިފް ޔުނިވާސިޓީގެ ޓީމަކުން ވަނީ ޕްރޮސްޓްރޭޓް ކެންސަރާ، ފުއްޕާމެޔާ، އުރަމަތީގެ ކެންސަރާ އަދިވެސް އިތުރު ކެންސަރުތަކެއްގެ މި އުސޫލުގެ ދަށުން ނައްތާލަން ޓެސްޓުކޮށްފައެވެ.

ނޭޗާ އިމިއުނޮލޮޖީގައި ޝާއިއުކޮށްފައިވާ ދިރާސާގައި ބަޔާންކޮށްފައިވާ ކަންކަމަކީ އިންސާނުންގެ ހަށިގަނޑުގައި އަދި ތަހުލީލުކޮށްފައިވާ ކަންކަމެއް ނޫނެވެ. ނަމަވެސް، މިއީ އިންސާނުންނަށް ބޮޑެތި ފައިދާތަކެއް ލިއްބައިދިނުމުގެ ފުރުސަތު އޮތް ކަންތައްތަކެއްކަން ސައިންސްވެރިން ވަނީ ފާހަގަކޮށްފައެވެ.

އިންސާނާގެ ދިފާއީ ނިޒާމަކީ ތަފާތު އެކި އިންފެކްޝަންތަކާ ހަނގުރާމަ ކުރުމުގެ އިތުރުން ކެންސަރާ ދެކޮޅަށްވެސް މަސައްކަތްކުރާ ނިޒާމެކެވެ. ސައިންސްވެރިން ހޯދަމުންދިޔައީ ދިފާއީ ނިޒާމުގެ އެހީގައި ޓިއުމަރާ ހަނގުރާމަ ކުރާނެ ގޮތެކެވެ.

މި ހޯދުންތަކުގެ ތެރެއިން، އިންސާނާގެ ހަށިގަނޑުގައި ދައުރުވާ ލޭގެ ތެރެއިން 'ޓި-ސެލް'އެއް ވަނީ ހޯދާފައެވެ. ކެންސަރަށް ހަމަލާ ދެނީ މިސެލްއިންނެވެ.