ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުލައިފި އެވެ.

މިކަމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނުގައި ބުނެފައިވަނީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ މާދަމާއިން ފެށިގެން އާންމުކޮސްފައިވާ ކަމަށެވެ. މި ރަޖިސްޓަރީ ދިވެހި ސަރުކާރުގެ ގެޒެޓުގައި، އަދި ކޮމިޝަނުގެ ވެބްސައިޓުގައި އަދި، މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލް އިދާރާ، ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާ، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުގައި އާންމުކޮށް ފެންނަން ހުންނާނެކަމަށް އެ ކޮމިޝަނުން ބުނެއެވެ.

މީގެއިތުރުން VR space IDNO Send to 1414 އެސް.އެމް.އެސް ކޮށްގެން ރަޖިސްޓްރީ ޗެކްކުރެވޭނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅާނީ ޖަނަވަރީ މަހުގެ 20 އިން ފަށަައިގެން ޖަނަވަރީ 31 ގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 03:00 ކަމަށެވެ. އަދި ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާއިންނެވެ. މާލޭގައިނަމަ، އިންތިހާބާ ބެހޭ މަރުކަޒު (ބައު ޖަމާލުއްދީން) އިންނެވެ. ޝަކުވާ ފޯމު ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހުއެވެ. މި އަހަރުގެ ކައުންސިލް އިންތިހާބުގައި 983 ކައުންސިލަރުން އިންތިހާބު ކުރާނެއެވެ. އޭގެ ތެރެއިން 33 ޕަސެންޓް އަންހެނުންނަށް ހާއްސަ ކުރަން ގާނޫނުގައި ލާޒިމުކޮށްފައިވެއެވެ.