ރައްޔިތުންގެ މަޖިލީހުން ވެރިކަން ހިންގުމުގެ ބާރުތަކަށް އަރައިގަތުމަކީ ގާނޫނުއަސާސީއާ ހިލާފުކަމެއް ކަމަށް ކުރިމިނަލް ކޯޓްގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

ހައިލަމް މިގޮތަށް ވިދާޅުވެފައިވަނީ 2 އަހަރުގެ ކުއްޖާގެ މައްސަލާގައި މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން އެމައްސަލަ ދިރާސާ ކުރުމަށްފަހު 7 ނިންމުމެއް ތަންފީޒު ކުރުމަށް ޖެންޑާ މިނިސްޓްރީއަށް މަޖިލިހުން އަންގާފައި ވާތީއެވެ. މިކަން އަންގާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ.

މަޖިލީހުގެ އެ ނިންމުންތަކުގެ ނޫސްބަޔާން ހިމެނޭ ޓްވީޓް ރީޓްވީޓް ކުރައްވައި ހައިލަމް ވިދާޅުވީ ގާނޫނު އަސާސީގެ ފުރަތަމަ ބާބުން ދިވެހި ދައުލަތުގެ ތިން ބާރު ވަކިކުރެވިފައިވާ ކަމަށާއި ގާނޫނު ހެދުމުގެ ބާރުން ވެރިކަން ހިންގުމުގެ ބާރުތަކަށް އަރައިގަތުމަކީ ގާނޫނު އަސާސީއާ ހިލާފުކަމެއް ކަމަށެވެ.

އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީވެސް ވަނީ ރައްދު ދެއްވާފައެވެ. އޭނާ ވިދާޅުވީ ރައީސަށް ކަންކަން ކުރަން އެންގުމުގެ ބާރެއް މަޖިލީހަށް ނޯންނާނެ ކަމަށެވެ. އަދި ވިދާޅުވީ ރައީސް ނަޝީދުގެ ރިޔާސަތުގައި މަޖިލިސް ޗާޓުން ބޭރުވާ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަަން ޖެހިދާނެ ކަމަށެވެ.

ރާއްޖޭގެ ގާނޫނު އަސާސީގައިވާ ގޮތުން މަޖިލީހުގެ ދައުރަކީ ކަންކަމުގައި ފެންނަ ގޮތް ވެރިކަން ހިންގާ ބާރަށް ހުށަހެޅުމާއި ގާނޫނުތައް ފާސްކުރުމެވެ. އެކަންކަން ތަންފީޒުކުރުމަކީ ވެރިކަން ހިންގާ ބާރު ނުވަތަ ރައީސްގެ މަސްއޫލިއްޔަތެކެވެ.

މަޖިލީހުން ޖެންޑާއަށް ތަންފީޒުކުރުމަށް އަންގާފައިވާ ކަންތައްތައް:

  • ނުރައްކަލަށް ހުށަހެޅިފައިވާ ކުދިންނާއި އާއިލާތައް ދެނެގަންނާނެ މިންގަނޑުތައް ދެ ދުވަހެއްގެ ތެރޭގައި އެކުލަވާލައި އެކަން މަޖިލީހަށް އެންގުން
  • ނުރައްކަލަށް ހުށަހެޅިފައިވާ ކުދިންނާއި އާއިލާތައް ދެނެގަތުމަށް އެކުލަވާލާ މިންގަނޑުތަކުގެ އަލީގައި، ދައުލަތުގެ ކަމާ ގުޅުންހުރި އެންމެހާ މުއައްސަސާތަކުގައި މިހާރު ހުރި މައުލޫމާތު ދިރާސާކޮށް، 7 ދުވަހުގެ ތެރޭގައި ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިންނާއި އާއިލާތައް މިފަދަ އާއިލާތައް ދަފްތަރުކޮށް މިފަދަ އާއިލާތައް ގަވާއިދުން މޮނިޓާކުރާނެ ނިޒާމެއް އެކުލަވާލުން
  • ސިޓީ ކައުންސިލުތަކާ، އަތޮޅު ކައުންސިލުތަކާ އަދި ރަށު ކައުންސިލުތައް މެދުވެރިކޮށް ދައުލަތުގެ އިދާރާތަކުގެ ސަމާލުކަމަށް ގެނެވިފައިނުވާ ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިންނާއި އާއިލާތަކުގެ މައުލޫމަތު ދެނެގަނެ، 30 ދުވަހުގެ ތެރެގައި ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިންނާއި އާއިލާތަކުގެ މައްޗަށް އެކުލަވާލާ ދަފްތަރުގައި މި މައުލޫމާތު ހިމެނުން
  • ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުކުރެވި، ދައުވާ އުފުލާފައިވާ ފަރާތްތަކުގެ ތެރެއިން މުޖުތަމައަށް ދޫކޮށްލާފައިވާ ފަރާތްތައް މިހާރުން މިހާރަށް ދެނެގަނެ، އެފަދަ މީހުން ދޫކޮށްފައިވާ ސަބަބުތައް އަލުން މުރާޖައާކޮށް، މިފަދަ މީހުން މޮނީޓާ ކުރާނެ ނިޒާމެއް 30 ދުވަހުގެ ތެރޭގައި އެކުލަވާލުން
  • ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ޝަރުއީ މަރުހަލާގައި އަވަސް ކުރުމަށްޓަކައި ކަމާގުޅޭ އިދާރާތަކާއެކު މަޝްވަރާކޮށް، އެފަދަ މައްސަލަތައް އެންމެ ލަސްވެގެން ނިންމަންޖެހޭ މުއްދަތެއް ކަނޑައެޅުމާއި ގުޅޭގޮތުން ރިޕޯޓެއް ތައްޔާރުކޮށް 30 ދުވަހުގެ ތެރޭގައި އެ ރިޕޯޓު މަޖިލީހަށް ފޮނުވުން
  • ކުޑަކުދިންގެ މައްސަލަތައް ތަހުގީގުކޮށް އެކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ މަތިކޮށްފައިވާ މުއައްސަސާތަކުގެ ކަމާ ގުޅުންހުރި ޑިޕާޓްމަންޓަތަކުގެ ޕާފޯމަންސް އޮޑިޓެއް 30 ދުވަހުގެ ތެރޭގައި ހަދާ، އެ ރިޕޯޓް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމމިޓީއަށް ހުށަހެޅުން

2009 ވަނަ އަހަރު ގާއިމް ކުރެވުނު ޗައިލްޑް ޕްރޮޓެކްޝަން ޑޭޓާބޭސް 30 ދުވަހުގެ ތެރޭގައި އަލުން ބޭނުން ކުރަން ފެށުން

އިތުބާރުކުރެވޭ މަގާމެއްގައި ތިބި ބަޔަކު ދެ އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ ކޮމިޓީން ވަނީ، ޖެންޑާ މިނިސްޓްރީއާ، މޯލްޑިވްސް ޕޮލިސް ސާވިސްގެ އިތުރުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ފަރާތްތަކާއި، ގއ. ކަނޑުހުޅުދޫ ކައުންސިލް ރައީސްގެ ފަރާތުން މައުލޫމާތު ސާފުކޮށްފައެވެ.