އަންހެނަކަށް ވީތީ ހޯމޯންސްގެ ތަކުލީފާ ކުރިމަތިލާން ނުޖެހޭ ދުވަސްވަރެއް މަދުވާނޭ ދެންނެވިދާނެއެވެ. ފުރާވަރަށް އަޅާ ބާލިޣުވަމުން އަންނަ ދުވަސްވަރާ، ހައިލުގެ ދުވަސްވަރާ، މާބަނޑު ދުވަސްވަރުގެ އިތުރުން އިއްދައިން ކެނޑޭ ދުވަސްވަރަކީ ހޯމޯންސްގެ ސަބަބުން އެތައް ވޭނެއްގައި ގިނަ އަންހެނުންތަކެއް އުޅެމުންދާ ދުވަސްވަރެކެވެ. މި ލިސްޓަށް އިތުރުވާ ތަފާތު އެކި ބަލިތައްވެސް އެބަހުއްޓެވެ. އެންޑޯމެޓްރޯސިސް އާއި ޕޮލިސިސްޓިކް އޯވަރީ ސިންޑްރޯމް (ޕީކޯސް) މީގެ ތެރޭގައި ހިމެނޭއިރު، މިއީ އެތައް އަހަރަކަށް ހޯމޯންސްއާއި ކުޅެލާ ބޮޑެތި ބަލިތަކެކެވެ. މި ހުރިހާ ކަމެއްގެ ތެރެއިން، އެންމެ ބޮޑު ވޭނެއް ތަހައްމަލު ކުރަމުންދަނީ ހަންގަނޑޭ ދެންނެވުމަކުން ގޯހެއް ނެތެވެ.

ކޮންސަލްޓަންޓް ޑާމަޓޮލޮޖިސްޓެއް ކަމަށްވާ ޑރ ޖަސްޓިން ކްލަކް ވިދާޅުވާ ގޮތުގައި، 60 ޕަސެންޓް އަންހެނުންނަކީ އެމީހުންނާ މަހަކު އެއް ފަހަރު ބައްދަލުކުރާ ހައިލުގެ ދުވަސްވަރަށް ފެށުމުގެ ހަފުތާއެއް ދުވަސް ކުރިން މޫނުމަތީގައި ބިއްސާ އޮށާޅަ ނަގާ ބައެކެވެ. ހޯމޯންސްގެ ސަބަބުން އޮށާޅައާއި ބިހި އާންމު ނަގަނީ ކޯތާފަތްމަތީގައެވެ.

ކުރުމުއްދަތުގެ ހައްލަކީ ފަހަރެއްގައިވެސް ދިގު މުއްދަތުގެ ހައްލެއް ނޫނެވެ. މޫނުގައި އޮށާޅަ ނަގަން ފެށުމުގެ އަލާމާތްތައް ފެންނުމާއެކު އެ ސަރަހައްދުގައި ޑްރައިންގް ލޯޝަންއެއް ބޭނުންކުރާށެވެ. މިއީ އޮށާޅަ ނަގާ ސަރަހައްދުގެ ހަންގަނޑުގައި އިތުރުވާ ތެލުގެ މާއްދާތައް މަދުކޮށްދީ، އޮށާޅަ ހިންދާލަދޭ ސަލްފާއާއި ޒިންކް އޮކްސައިޑް އެކުލެވޭ ލޯޝަންއެކެވެ.

ގަވައިދުން މޫނުގައި އޮށާޅަ ނަގާނަމަ އޮށާޅަގަން މެދުވެރިވާ ދުވަސްވަރާ ދިމާކޮށް، ދުރާލާ، އެކަމަށް ހާއްސަ މާސްކެއްވެސް ބޭނުން ކުރެވިދާނެއެވެ. އަދި ރޭގަނޑު ނިދަން އޮށޯތުމުގެ ކުރިން ރަނގަޅަށް މޫނު ދޮވެ، ސާފުކުރަން އާދަކުރާށެވެ.

މޫނު ދޮންނަ ޓެކްނީކްއަކީވެސް މިކަމުގައި މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ. ތިއީ ދެއަތް ތިލައަށް ފެން އަޅައިގެން މޫނުގައި ފެން ޖެހޭ ގޮތަށް ސާފުކުރާ މީހެއް ނަމަ، މިއީ އަދި އެންމެ ރަނގަޅު ގޮތެއް ނޫންކަން ގަބޫލުކުރަންޖެހެއެވެ. މިގޮތަށް އަތަށް ފެން އަޅައިގެން މޫނުގައި ފެން ޖައްސާނަމަ މޫނުގެ ބައެއް ހިސާބުތައް ރަނގަޅަށް ސާފެއް ނުވާނެއެވެ. އެންމެ ރަނގަޅީ، ސާފުކުރަން ހާއްސަ، ސާފު ތުވާލިކޮޅަކުން ނުވަތަ މޫނު ސާފުކުރާ ޓިޝޫއިން މޫނު ސާފުކޮށް ދޮވުމެވެ.

މޫނުން އޮށާޅަ ނެގުމުގެ ތަކުލީފާ ކުރިމަތިލާންޖެހޭނަމަ، މޫނުގެ ހަމުގައި ޖެހޭ ހުރިހާ ފޭރާމެއް ސާފުކުރުމަކީވެސް ނުހަނު މުހިންމު ކަމެކެވެ. އެގޮތުން ބުރުގާ، ސްކާފް، ޝޯލް ފަދަ ތަކެއްޗަކީ މޫނުގައި ޖެހޭނެ ފޭރާން ކަމަށްވާއިރު، އެތަކެތި ދޮވެ ސާފުކުރަން ހާއްސަ ސަމާލުކަމެއް ދޭންވާނެއެވެ. މީގެ އިތުރުން، އެންމެ ލަސްވެގެން، ހަފުތާއަކު 1 ފަހަރު ބެޑްޝީޓްއާއި ބާލީސް އުރަވެސް ބަދަލުކޮށް، ދޮވެ ސާފުކުރަން ވާނެއެވެ.