ނިއުކްލިއާ ހަމަލާ ދިނުމުގެ ގާބިލިކަން ލިބިފައިވާ ބެލިސްޓިކް މިސައިލެއް އިންޑިއާއިން ޓެސްޓުކޮށްފިއެވެ.

3500 ކިލޯމީޓަރު ސަރަހައްދަކަށް ހަމަލާ ދިނުމުގެ ގާބިލިކަން ލިބިފައިވާ ކޭ-4 ބެލިސްޓިކް މިސައިލް ލޯންޗުކޮށްފައިވަނީ އަންދަރަ ޕްރަދޭޝްގެ އައްސޭރި ފަށުންނެވެ. މިއީ ސަބްމެރީން މެދުވެރިކޮށް، ދުޝްމަނުންނަށް އަމާޒުކޮށް ހަމަލާ ފޮނުވާލާ ޒާތުގެ މިސައިލްއެކެވެ.

މި ޒާތުގެ މިސައިލްއަކީ އިންޑިއާގެ އަރިހާންތް ސަބްމެރީންއަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ މިސައިލްއެއް ކަމަށްވާއިރު، މިއީ އިންޑިއާގެ ސަބްމެރީންއަކުން ފޮނުވާނެ އެންމެ ބާރުގަދަ މިސައިލް ކަމަށްވެސް މައުލޫމާތު ލިބެއެވެ. ކޭ-4 މިސައިލް އުފައްދާފައިވަނީ އިންޑިއާގެ ޑިފެންސް ރިސާޗް އެންޑް ޑިވަލޮޕްމަންޓް އޯގަނައިޒޭޝަން (ޑީއާރްޑީއޯ)އިންނެވެ. މި މިސައިލްއަކީ އަރިހާންތް ކްލާސް އެޓޮމިކް ސަބްމެރީންތަކުގެ އަރުމާޒަށް ހާއްސަކޮށްގެން ފަރުމާކުރާ މިސައިލްއެއް ކަމަށް މައުލޫމާތު ލިބެއެވެ.

އެޓޮމިކް ސަބްމެރީންތަކުގައި މި މިސައިލް ބޭނުންކުރަން ފަށާނީ އަދިވެސް އިތުރު ޓެސްޓުތަކެއް ކުރުމަށްފަހު ކަމަށް ބެލެވެއެވެ.

ކޭ-4ގެ އިތުރުން އިންޑިއާއިން ދަނީ 700 ކިލޯމީޓަރަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ ބީއޯ-5 މަރުކާގެ ކަނޑުއަޑިން ހަމަލާދޭ މިސައިލެއް ފަރުމާކޮށް އުފެއްދުމުގެ މަސައްކަތްކުރަމުންނެވެ.

އިންޑިއާއިން އެގައުމުގެ އަސްކަރީ ގާބިލިކަން އިތުރުކުރަމުންދާ މި ދަނޑިވަޅަކީ ޒަމާންވީ ހަތުރުވެރި ޕާކިސްތާނާ ދެމެދު އިންތިހާއަށް ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެކެވެ.