ލޯކަލް ކައުންސިލް އިންތިހާބަށް ޕީޕީއެމުން ށ އަދި ކ އަތޮޅަށް ކުރާ ދަތުރުގައި އެ ދެއަތޮޅުގައި ކެމްޕޭން ހަރަކާތްތައް ބާއްވަމުން އެބަދެއެވެ.

ޕީޕީއެމުން ބުނީ މިހާރު ޕީޕީއެމުން ކުރަމުންދާ ދަތުރަކީ އަންނަ އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި އެޕާޓީގެ ޓިކެޓުގައި ވާދަކުރާ ފަރާތްތަކަށް ތާއީދު ހޯދުމުގެ ގޮތުން ކުރާ ދަތުރެއް ކަމަށެވެ. އެގޮތުން ށ އަތޮޅުގެ ހުރިހާ ރަށަކަށާއި ކ އަތޮޅުގެ ރަށްތަކަށް ޕީޕީއެމުން ދާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ށ އިތޮޅަށް ކުރާ ދަތުރުގައި ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމާއި ޕީޕީއެމާއި ޕީއެންސީގެ އިސް ބައެއް މެންބަރުން ބައިވެރިވެފައިވާ ކަމަށްވެސް ޕީޕީއެމުން މައުލޫމާތު ދެއެވެ. އިއްޔެ ފެށި މި ދަތުރު ނިންމާލާނީ މި މަހުގެ 23 ވަނަ ދުވަހު ކަމަށްވެސް ޕީޕީއެމުން ބުނެއެވެ.

އިދިކޮޅު ކޯލިޝަނުންގެ ލީޑަރުންގެ ޓީމް ކ އަތޮޅަށް ކުރަމުން ދާ ދަތުރުގައި އެ އަތޮޅުގެ ހަ ރަށަކަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށް ޕީޕީއެމުން ބުނެއެވެ.

މި ދަތުރުތައް އިއްޔެ ފަށާފައިވާ އިރު ޕީޕީއެމުން ދަތުރުކޮށްފައިވާ ރަށްތަކުގެ ތެރޭގައި ކ. ތުލުސްދޫއާއި ށ. ފުނަދޫ ހިމެނެއެވެ.

ރައީސް ޔާމީން މިނިވަން ކުރުމަށާއި އަންނަ އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ލ. އަތޮޅަށާއި މ. އަތޮޅުގެ އިތުރުން ދ. ކުޑަހުވަދޫގައިވެސް ޕީޕީއެމާއި ޕީއެންސީން ވަނީ ޖަލްސާ ބާއްވާފައެވެ.