ވެކްސިން ފުރިހަމަ ނުކުރާ ޖުމްލަ 309 ކުދިންނަށް ވެކްސިން ދީފި ކަމަށް ދަމަނަވެށިން ނެރުނު ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ދަމަނަވެށިން ބުނީ، 18 އަހަރުން ދަށުގެ ކުދިންގެ ތެރެއިން މިއަދު އެތަނުން އެމްއެމްއާރް ވެކްސިން ޖެހި ކުދިންގެ ޖުމްލަ އަދަދަކީ 38 ކަަމަށެވެ. މިއަދު ވެކްސިން ޖެހި ކުދިންގެ ތެެރެއިން 27 ކުދިންނަކީ ވެކްސިން ފުރިހަމަ ކުރަންޖެހޭ އުމުރު ކަމުގައިވާ 18 މަހުގައި ވެކްސިން ފުރިހަމަކޮށްފައި ނުވާ ކުދިންގެ ތެރެއިން ވެކްސިން ޖެހި ކުދިންގެ އަދަދު ކަމަށެވެ.
މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް އައި އިރު މިހާރު ދަމަނަވެށިން ވަނީ 18 އަހަރުން ދަށުގެ ކުދިންގެ ތެރެއިން 440 ކުދިންނަށް އެމްއެމްއާރް ވެކްސިން ދީފައެވެ. އަދި ހަމަ މި މުއްދަތުގެ ތެރޭގައި ވެކްސިން ފުރިހަމަ ކުރަންޖެހޭ އުމުރު ކަމުގައިވާ 18 މަހުގައި ވެކްސިން ފުރިހަމަކޮށްފައި ނުވާ ކުދިންގެ ތެރެއިން ވެކްސިން ޖެހާފައިވާ ޖުމްލަ ކުދިންގެ އަދަދަކީ 309 ކުދިންނެވެ.
މި މަހުގެ 12 އިން ފެށިގެން މިއަދާ ހަމައަށް އެންމެ ގިނައިން ވެކްސިން ފުރިހަމަކޮށްފައި ނުވާ ކުދިންގެ ތެރެއިން ވެކްސިން ޖެހާފައިވަނީ މި މަހުގެ 16 ވަނަަ ދުވަހު ޖުމްލަ 78 ކުދިންނަށެވެ.
ވެކްސިން ޖެހުމަށް ހެލްތް މިނިސްޓްރީން އިލްތިމާސްކޮށްފައި ވަނީ މި ޖެނުއަރީ މަހުގެ ތެރޭގައި ރާއްޖޭގައި ހިމަބިއްސަށް 3 އަަހރުގެ ކުއްޖަކު ޕޮސިޓިވް ވި ހިސާބުންނެވެ. މިއަދާ ހަަމއަށް އައި އިރު ރާއްޖޭގައި 4 މީހަކު ވަނީ ހިމަބިއްސަށް ޕޮސިޓިވް ވެފައެވެ.
މީސްލްގެ ވެކްސިން ދަމަނަވެށިން ދެމުން އަންނަ އިރު ވެކްސިން ފުރިހަމަކޮށްފައި ނުވާ 18 އަހަރުން ދަށުގެ ކުދިންނަށް މާދަމާއިން ފެށިގެން ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:15 އިން ހަވީރު 4:00 އަށް ކަމަށް ދަމަނަވެށީން ބުނެއެވެ. އަދި ވެކްސން ޖަހަން އަންނަ އިރު ކއުްޖާގެ އައިޑީކާޑާއި ވެކްސިން ކާޑު ގެނައުމަށް ބުނެފައި ވެއެވެ. ހަމައެއާއެކު ވެކްސިން ކާޑު ނެތް ކުދިންނަށްވެސް އައިޑީކާޑު ހިފައިގެން އައުމުން ވެކްސިން ޖަހައިދޭނެ ކަމަށް އެފަރާތުން ބުނެއެވެ.