ވެކްސިންއާ ގުޅޭ ހާއްސަ ޑާޓާ ބޭސްއެއް ގާއިމްކުރަން ހެލްތް މިނިސްޓަރު އަބްދުﷲ އަމީން މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީގެ އިސްވެރިންނާ ބައްދަލުކޮށް މަޝްވަރާކުރައްވައިފިއެވެ.
މިއަދު ހެލްތު މިނިސްޓަރު އަމީން ވަނީ ކޮމިއުނިކޭޝަން މިނިސްޓްރީގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ. މި ބައްދަލު ވުމުގައި ވެކްސިންއާ ގުޅޭ ހާއްސަ ޑާޓާ ބޭސްއެއް ގާއިމުކުރުމާ ގުޅޭ ގޮތުން މިނިސްޓަރު އަމީން ވަނީ ކޮމިއުނިކޭޝަން މިނިސްޓްރީގެ އިސްވެރިންނާ މަޝްވަރާކުރައްވާފައެވެ.
ވެކްސިންއާ ގުޅޭ ގޮތުން ޑާޓާ ބޭސްއެއް ހެދުމަށް ހެލްތތުން މަސައްކަތް ފަށާފައި މިވަނީ ރާއްޖޭގައި ހިމަބިއްސަށް ޕޮޒިޓިވް ވެފައިވާ ޖުމްލަ 4 މީހުން ފެނިފައި ވަނިކޮށެވެ. މި ބައްޔަށް ހަތަރުވަނަ ފަތާރެއް ޕޮސިޓިވް ވެފައިވަނީ އިއްޔެއެވެ.
ރާއްޖޭގައި ހިމަބިހި ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިބަލި ޖެހުމުގެ ފުރުސަތު ބޮޑީ ވެކްސިން ނުޖަހާ ފަރާތްތައް ކަމަށް ވުމާއެކު، ވެކްސިން ނުޖަހާ ތިިބި މީހުންގެ ތެރެއިން 18 އަހަރުން ދަށުގެ ކުދިންގެ ދަފްތަރެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މި ހަފްތާ ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ތިބި ވެކްސިން ނުޖަހާ ކުދިންގެ މައުލޫމާތު ލިބޭނެ ކަމަށް ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު ހުރިހާ ސްކޫލުތަކަކުން ދަނީ އެ ސްކޫލެއްގައި ކިޔަވާ ދަރިވަރުންނަށް ހަމައަށް ވެކްސިން ދީފައިތޯ ބެލުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ދަރިވަރުންގެ ވެކްސިން ކާޑު ގެނައުމަށް ސްކޫލްތަކުން ވަނީ ދަރިވަރުންގެ ބެލެނިވެރިންނަށް އަންގާފައެވެ.