ރާއްޖޭގައި މިވަގުތު މަސައްކަތްކުރާ 100އަށް ވުރެ ގިނަ ޑޮކްޓަރުންނާއި ހޮސްޕިޓަލުތަކުގައި މަސައްކަތް ކުރާ ނަރުހުން ހިމަބިއްސަށް އަހުލުވެރި ކުރެވިއްޖެއެވެ.

ހެލްތް މިނިސްޓްރީން ބުނީ، ރާއްޖޭގައި ހިމަބިހި ބަލި ފެތުރެމުންދާ މި ދަނޑިވަޅުގައި، ޑޮކްޓަރުންނާއި ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރާ ނަރުހުން މިބައްޔަށް އަހުލުވެރިކޮށް، މިބަލި ޖެހިފައިވާ ކަމަށް ޝައްކުވާ މީހުން ދެނެގަންނާނެ ގޮތާއި އަދި އެފަރާތްތަކުގެ މައުލޫމާތު ރިޕޯޓް ކުރުމުގައި އަމަލު ކުރަންޖެހޭ ގޮތްތަކާ ބެހޭގޮތުން މައުލޫމާތު ފޯރުކޮށް ދިނުމަށްޓަކައި އޮރިއެންޓޭޝަން ސެޝަންތަކެއް ކުރިއަށް ގެންދަމުންދާ ކަމަށެވެ.

އެގޮތުން މިހާތަނަށް ހޮސްޕިޓަލްތަކާއި ކްލިނިކްތައް ހިމަނައިގެން 100 އަށްވުރެ ގިނަ ޑޮކްޓަރުންނާއި ނަރުހުންނަށް އޮރިއެންޓޭޝަން ސެޝަންތައް ބޭއްވިފައިވާ ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.

އެގޮތުން މިހާތަނަށް މާލެއާއި ހުޅުމާލޭގައި ގާއިމްކުރެވިފައިވާ ހޮސްޕިޓަލްތަކާއި ބައެއް ޕްރައިވެޓް ކްލިނިކްތަކަށް އޮރިންޓޭޝަން ސެޝަންތައްވަނީ ދެވިފައި ކަމަށް އެ ހެލްތުން ބުނެއެވެ. މީގެއިތުރުން އަތޮޅު ހޮސްޕިޓަލްތަކަށް އަމާޒުކޮށްގެން، މިހާތަނަށް 16 އަތޮޅު ހޮސްޕިޓަލަކަށް އޮރިއެންޓޭޝަން ސެޝަން ހިންގިފައިވާ ކަމަށް ވެސް ހެލްތުން ބުނެއެވެ.

ސިއްހީ ހިދްމަތްދޭ ފަރާތްތަކުން ހިމަބިހި ބައްޔަށް އަހުލުވެރިކުރުމަށް ހެލްތް މިނިސްޓްރީން ކުރާ މަސައްކަތުގައި ހެލްތު ސެންޓަރުތަކުގައި މަސައްކަތް ކުރައްވާ ޑޮކްޓަރުންނަށް އަމާޒުކޮށް ހުރިހާ ހެލްތު ސެންޓަރުތަކަށް ޕްރޮގްރާމްތައް މިހަފްތާ ތެރޭގައި ހިންގުމަށްހަމަޖެހިފައިވާ ކަމަށް އެފަރާތުން ބުނެއެވެ.