މުޑި ކާށި ނޭނގޭ ދިވެއްސަކު މަދުވާނެއެވެ. ނަމަވެސް އަދުގެ ތޮއްޖެހިފައިވާ ވެށީގައި ފުރާވަރަށް އަޅާ ބޮޑުވަމުން އަންނަ ކުދިންނަށް ޒުވާނުންނަށް މުޑި ކާއްޓަކީ ކޯއްޗެއްކަން މާ ރަނގަޅަށް ނޭނގިދާނެއެވެ. މުޑިކާއްޓަށް ކޮކޮނަޓް އެމްބްރިޔޯއޭވެސް ކިޔައެވެ. ޒަމާނުއްސުރެ ކާބަފައިން ބުނެ އުޅެމުން އަންނަ ފަދައިން ރުކެއްގައި ދިވެއްސަކަށް ބޭނުން ނުހިފޭނެ ހަމަ އެއްބައިވެސް ނުވެއެވެ. ގޮތުން މުޑިކާއްޓަކީވެސް އޭގެ ފައިދާ އިންތިހާއަށް އެކުލެވިގެންވާ ބާވަތަކެވެ. ބައެއް ފަރާތްތަކުން ވަކާލާތުކުރާ ގޮތުގައި ކުރުނބާ ފަންޏާ ހެވައަށްވުރެ މުޑިކާށީގައި ފައިދާ ބޮޑެވެ.

ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ

މުޑިކާށި މުއްސަނދިވެފައިވަނީ ގެއްލުންދެނިވި އިންފެކްޝަންތަކާ އެކި ކަހަލަ ބަލިތަކުން ދުރުކޮށްދެނިވި މާއްދާތަކުންނެވެ. މި މާއްދާތަކަކީ އިސްވެ ދެންނެވުނު އިންފެކްޝަންތަކާ ބަލިތަކުން ދިފާއުވުމަށް އިންސާނާގެ ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތަކެކެވެ. މުޑިކާށީގައި އެކުލެވޭ ބައެއް މާއްދާތަކަކީ ވައިރަސްތަކާ، އެކި ކަހަލަ ޕެރަސައިޓްއާއި ފަންގަސްތަކުންވެސް ތުރުކޮށްދިނުމުގެ ސިފަތަކެއް ލިބިފައިވާ މާއްދާތަކެކެވެ.

މެޓަބޮލިޒަމް ރޭޓް ހެޔޮފާލަކަށް އަޅުވާދޭ

ހަޖަމް ކުރުމުގެ ބާރުގަދަކޮށް ދުޅަހެޔޮ ކުރަން ބޭނުން ނަމަ އެންމެ ގާތް އެކުވެރިޔަކީ މުޑިކާއްޓެވެ. މީގައި އެކުލެވޭ ފައިބަރުގެ މާއްދާއަކީ ހަޖަމްކުރުމަށް އެހީވެދޭނެ މާއްދާއެކެވެ. ހަމަ އެހެންމެ، މިއީ ބަނޑާ، ގޮހުރުގެ ކަންކަމަށްވެސް ލުއި ލިއްބައިދޭނެ އެއްޗެކެވެ. މީގެ އިތުރުން މުޑިކާއްޓަކީ ބޮޑުކަމު ދިއުމުގައި އުނދަގޫތަކާ ކުރިމަތިލާންޖެހޭ މީހުންވެސް ބޭނުން ކުރަން ރަނގަޅު ބާވަތެކެވެ. ހަށިގަނޑުގެ މެޓަބޮލިޒަމް ރޭޓް ރަނގަޅު ކުރުމަށްވެސް މުޑިކާށި އެހީވެދެއެވެ.

ބަރުދަން ލުއިކުރުމަށްވެސް އެވަރެއް ނެތް

ފެށިގެންދިޔަ އާ އަހަރާއެކު އެންމެ ގިނަ ބަޔަކު ހާސިލުކުރަން ކަނޑައެޅި އެއް އަމާޒަކީ ބަރުދަން ލުއިކުރުން ނުވަތަ ވަކި ބައްޓަމަކަށް ހަށިގަނޑު ބަދަލުކޮށްލުން ކަމުގައި ދެންނެވުމަކުން ގޯހެއް ނެތެވެ. މިކަން ކުރަން އެދޭ ފަރާތްތަކަށްވެސް ކުޑިކާއްޓަކީ އެހީއެކެވެ. މުޑިކާށި ކެއުމަކީ ބަނޑު ފުރިފައި ހުންނަ ކަމުގެ އިހުސާސްކޮށްދޭނެ ކަމެކެވެ. މިއީ ކުށްލި ކުށްލި ކާހިތްވާ ވަގުތުތަކުގައިވެސް ބޭނުންކުރެވިދާނެ ބާވަތެކެވެ. ކާއްޓަކީ ކެލަރީގެ ގޮތުން ބަލާއިރު ކުޑަ މިންވަރެއް އެކުލެވޭ ބާވަތެއް ކަމުން، ބަރުދަން ކޮންޓްރޯލް ކުރުމަށްވެސް އެހީއަކަށްވެއެވެ.

ހަކުރުބަލީގެ މީހުންނަށް މުޑިކާށި ކެވިދާނެތަ؟

މިއީ ބޮޑު ސުވާލެކެވެ. ހަކުރު ބަލީގެ ތަކުލީފު އުފުލާ މީހުންގެ އަދަދު، މި ކުޑަކުޑަ ދިވެހިރާއްޖޭގައިވެސް ދަނީ އިތުރުވަމުންނެވެ. އެކަށީގެންވާ ގޮތެއްގައި، ފައިދާ ހުރި ކާނާ ބޭނުން ނުކުރެވުމަކީ މިކަމުގެ އެންމެ ބޮޑު އެއް ސަބަބެވެ. ކަންމިހެން އޮތްއިރު، މުޑިކާއްޓަކީ ހަކުރު ބަލީގެ މީހުންނަށް ހުރި ނަސީބެކޭވެސް ބުނެވިދާނެއެވެ. މުޑިކާށި ކެއުމުން ހަށިގަނޑުގައި އިންސިއުލިން އުފައްދާ މިންވަރާ އެ އިންސިއުލުން ބޭނުން ކުރެވޭ ގޮތް ރަނގަޅުކޮށްދެއެވެ. އަދި ހަކުރު ބަލީގެ ސަބަބުން ހަށިގަނޑަށް ކުރިން ކުރިމަތިވަމުން އައި އެތައް ކަމަކުން ބޮޑުތަނުން ދުރުކޮށްދެއެވެ. ނަމަވެސް ހަކުރު ބަލީގެ ހަމައެކަނި ފަރުވާއަކީ މުޑިކާށި ކަމުގައި ދެކިގެން ނުވާނެއެވެ. މިކަމަށް ޑޮކްޓަރެއްގެ އިރުޝާދާ ލަފާ ބޭނުންވާނެއެވެ. އަދި އެމީހަކު މުޑިކާށި ކެއުމާ މެދު ޝައްކުތަކެއް އުފެދޭނަމަ، ޑޮކްޓަރުގެ ލަފާ ހޯދުން އެދެވިގެންވެއެވެ.

މިއީ މުޑިކާށިން ލިއްބައިދޭ ބައެއް ފައިދާތަކެވެ. މިކަންކަމުގެ އިތުރުން މުޑިކާއްޓަކީ ކެންސަރުން ދުރުވުމަށްވެސް އެހީތެރިވެދޭ ބާވަތެކެވެ. ވަކިން ހާއްސަކޮށް އިންސިއުލިން މަދުވެގެން ކުރިމަތިލާންޖެހޭ ކެންސަރާ ދުރުކުރުމަށް މަގުފަހިކުރެއެވެ.

ހަމަ މިއާއެކު، މުޑިކާށި ކެއުމަކީ ގިނަ ދުވަހު ޒުވާންކަންމަތީ ދެމިހުރުމަށްވެސް އެހީވެދޭނެ ކަމެކެވެ.