ހިމަބިއްސަށް ފަރުވާ ދިނުމަށް ހުޅުމާލޭގައި ހެލްތު މިނިސްޓްރީން ގާއިމް ކޮށްފައިވާ ސެންޓަރުން ހިދުމަތް ދޭން ފަށައިފިއެވެ.

ހެލްތު މިނިސްޓްރީން ބުނީ އެ ސެންޓަރުން މިއަދުން ފެށިގެން ކޮންމެ ދުވަހެއްގެ ހެނދުނު 8:00އިން ރޭގަނޑު 10:00އަށް ހުޅުވާފައި ހުންނާނެ ކަމަށެވެ. އެ ސެންޓަރު ގާއިމްކޮށްފައި ހުންނަނީ ހުޅުމާލެ އޯޓިޒަމް ސެންޓަރާ ޖެހިގެން އުތުރަށް ހުންނަ ޕްރީ ސްކޫލުގައެވެ.

އެ ސެންޓަރުން ހިމަބިއްސަށް ސްކްރީން ކުރުމުގެ ކަންކަން ކުރިޔަށް ގެންދާނެ ކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތުދެއެވެ. ހެލްތު މިނިސްޓްރީން ބުނީ ހުން އައިސް ގައިގާ ކުދި ބިހިތަކެއް ނަގާ ކަމަށް ވާ ނަމަ ލަސްނުކޮށް އެ ސެންޓަރަށް ގޮސް ފަރުވާ ހޯދުމަށް އިލްތިމާސްކުރާ ކަމަށެވެ.

ދާދިފަހުން ހެލްތު މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީނު ވިދާޅުވީ މީގެފަހުން ހިމަބިއްސަށް ޝައްކު ކުރެވޭ ފަރާތްތަކާއި ބަލި ޖެހިފައިވާ ފަރާތްތަކަށް ދެން ފަރުވާދޭނީ އެތަނުން ކަމަށެވެ.

އިއްޔެވެސް ވަނީ ހިމަބިއްސަށް މީހަކު ޕޮޒިޓިވް ވެފައެވެ. ހެލްތު މިނިސްޓްރީން އަންނަނީ ދެލައްކަ މީހުންނަށް ޖެހޭ ވަރަށް ރާއްޖެއަށް ވެކްސިން އެތެރެ ކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ. އަދި އެއާއެކު މުޅި ރާއްޖެއަށް އަމާޒުކޮށްގެން ވެކްސިން ޖެހުމުގެ ކެމްޕޭނެއް ވެސް ހިންގުމަށް އެ މިނިސްޓްރީން ވަނީ ނިންމާފައެވެ. ހިމަބިއްސަކީ ކުރިން ރާއްޖެއިން އެއްކޮށް ނައްތާލާފައިވާ ބައްޔެކެވެ.

އެހެންނަމަވެސް ދާދިފަހުން ތުއްތު ކުއްޖަކަށް ހިމަބިހި ޖެހިގެން ރިޕޯޓުކޮށްފައި ވެއެވެ. އަދި އެކުއްޖާއަކީ ވެކްސިން ޑޯޒު ހަމަ ކޮށްފައި ނުވާ ކުއްޖެކެވެ. އޭގެފަހުން އިތުރު ތިން މީހަކަށް ހިމަބިހި ޖެހިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން ވަނީ ބުނެފައެވެ.