އިތުރު މީހަކު ހިމަބިއްސަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭން ބުނީ، ހިމަބިއްސަށް ޕޮޒިޓިވް ވެފައިވާ މީހަކު ފެނިފައިވަނީ މިއަދު ޓެސްޓްކުރެވުނު 8 ފަރާތުގެ ތެރެއިން ކަމަށެވެ.

ހިމަބިއްސަށް ޕޮޒިޓިވް ވެފައިވާ މީހަކު ފެނިފައި މިވަނީ ރާއްޖޭގައި ހިމަބިހި ފެތުރެމުންދާކަން ސަރުކާރުން އިއުލާން ކޮށްފައިވަނިކޮށެވެ. މިބަލި ފުރަތަމަ ފެނިފައި ވަނީ ވެކްސިން ދިނުން ހުއްޓާލި 3 އަހަރުގެ ކުއްޖެއްގެ ގައިންނެވެ. އަދި 30 އަހަރުގެ މީހަކު ހިމަބިއްސަށް ޕޮޒިޓިވްވެފައި ވާއިރު ތިންވަނަ މީހަކު ވެސް ވަނީ ހިމަބިއްސަށް ޕޮޒިޓިވް ވެފައެވެ. މިއަދު ފެނުނު މީހާއާއެކު ހިމަބިއްސަށް ޕޮޒިޓިވްވެފައިވާ ޖުމްލަ 4 މީހުން މިވަނީ ރާއްޖެއިން ފެނިފައެވެ.ރާއްޖޭގައި ހިމަބިހި ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިބަލި ޖެހުމުގެ ފުރުސަތު ބޮޑީ ވެކްސިން ނުޖަހާ ފަރާތްތައް ކަމަށް ވުމާއެކު، ވެކްސިން ނުޖަހާ ތިިބި މީހުންގެ ތެރެއިން 18 އަހަރުން ދަށުގެ ކުދިންގެ ދަފްތަރެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މި ހަފްތާ ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ތިބި ވެކްސިން ނުޖަހާ ކުދިންގެ މައުލޫމާތު ލިބޭނެ ކަމަށް ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ގައުމެއް ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ކަނޑައެޅީ 2017 ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ. އެއާއެކު، ރާއްޖެ ވެފައި ވަނީ އޭޝިއާ ސަރަހައްދުގައި ވެސް އެންމެ ފުރަތަމަ ހިމަބިހި ނައްތާލެވުނު ދެ ގައުމުގެ ތެރެއިން އެއް ގައުމަށެވެ. ރާއްޖެއާ އެކުގައި ހިމަބިހި ނައްތާލެވިފައިވާ އަނެއް ގައުމަކީ ބޫޓާނެވެ.