ސިފައިންގެ ދެ މީހަކު ވެގެން 15 އަހަރުގެ ކުޑަ ކުއްޖަކު ރޭޕް ކުރި މައްސަލަ އެއްވެސް ފަރާތަކުން އެމްއެންޑީއެފާ ހިއްސާ ކޮށްފައި ނުވާ ކަމަށާއި އެ މައުލޫމާތު އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމަށްވެސް ވިދާޅުވެ ދެއްވިފައި ނުވާ ކަމަށް އެ މުއައްސަސާއިން ބުނެފިއެވެ.
އެކަމާ ގުޅިގެން އެމްއެންޑީއެފުން ނެރުނު ބަޔާނެއްގައި ވަނީ އެފަދަ ކަމެއް ހިނގާފައިވާކަމުގެ އެއްވެސް މައުލޫމާތު އެއްވެސް ފަރާތަކުން އެ މުއައްސަސާއާ ހިއްސާކޮށްފައެއް ނުވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި އެ ވާގހަކަ ދެއްކެވި ރައްޔިތުންގެ މަޖިލީހުގެ މެންބަރާއި އަދި ފުލުހުންނަށް ގުޅުމުން، 15 އަހަރުގެ ކުޑަ ކުއްޖަކު ރޭޕްކުރި ކަމެއް ނުވަތަ އެކަމެއް ކުރި މީހަކު ނުވަތަ އެކަން ކުރި ބަޔަކު ބުނެދެވިފައިިނުވާ ކަމަށްވެސް ބަޔާނުގައިވެއެވެ.
ސިފައިންގެ މީހެއްގެ ފަރާތުން މިފަދަ ދަށު ދަރަޖައިގެ ލާއިންސާނީ އަމަލެއް ހިނގާފައިވާކަމުގެ މައުލޫމާތެއް އެއްވެސް ފަރާތަކުން ހިއްސާކޮށްފިނަމަ އެ މައްސަލައެއް ވަގުތުން ބަލައި ފިޔަވަޅު އަޅާނެ ކަަމށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް މިގޮތައް އަމަލު ކުރެވޭނެކަމުގެ ޔަގީންކަން އަރުވާ ކަމަށްވެސް އެމްއެންޑީއެފްގެ ބަޔާނުގައިވެއެވެ.
އުމުރުން ދެ އަހަރުގެ މައުސޫމު ކުޑަ ކުއްޖަކު ރޭޕް ކުރި މައްސަލައަކީ ރާއްޖޭގެ ގައުމީ ދިފާއީ ބާރުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި މި އިންސާނީ އަނިޔާވެރި އަމަލު ހިނގިފަރާތްތަކަށް ހައްގު އަދަބު ލިބުމަކީ އެ މުއައްސަސާގެ ވެސް ނުހަނު ބޮޑު އެދުމެއް ކަމަށްވެސް ބަޔާނުގައިވެއެވެ.
މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ރޭ ބޭއްވި ބައްދަލުވުމުގައި
ރޮޒައިނާ ވިދާޅުވީ، ސިފައިންގެ 2 މީހަކު، 15 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލަ އެ ކުއްޖާގެ މަންމަ ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް މި މައްސަލައިގެ ތަހުގީގަށް އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާއިރު، މި މައްސަލައިގެ އަޕްޑޭޓެއް ހޯދުމަށް ހުދު އޭނާ ވެސް ވިލީޕޮލިހަށް ވަޑައިގެންނެވި ކަމަށާއި، ނަމަވެސް އެއްވެސް މައުލޫމާތެއް ލިބިވަޑައިގެންފައި ނުވާ ކަމަށް ވިދާޅުވިއެވެ.
15 އަހަރުގެ ކުއްޖާއަށް އެ ކުއްޖާ ރޭޕް ކުރީ ކޮންބައެއްކަން ކިޔައިދޭން އެނގޭ އިރުވެސް، އެކަން ކުރި ދެ ސިފައިންނަށް ފިޔަވަޅު ނޭޅި ކޮންމެ ދުވަހަކު ސިފައިންގެ ޔުނިފޯމުގައި އެ 2 މީޙުން ވަޒީފާއަށް ނިކުންނާތީ ރޮޒައިނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ރޮޒައިނާ ވަނީ ފުލުހުންނާއި، ޖެންޑާ އަދި ކޯޓުގައި މިފަދަ ކިތައް މައްސަލަ އޮތްތޯ އޮޅުން ފިލުވަން ޖެހޭކަން ފާހަގަކުރައްވާފައެވެ. އަދި މިފަދަ މައްސަލަތައް ރިޕޯޓް ކުރިއަސް މުއައްސަސާތަކުން އެކަމާ އަޅާ ނުލާކަން ފާހަގަކުރައްވައި ރޮޒައިނާ ވިދާޅުވީ، މައްސަލައެއް ރިޕޯޓް ކުރިއަސް މުއައްސަސާތަކުން ތިބެނީ "އޭގެ މައްޗަށް އަރާ" ކަމަށެވެ.
މީގެ އިތުރުން އިތުރު ސިފައިންގެ މީހަކަށްވެސް ވަނީ ޖިންސީ ގޯނާގެ ތުހުމަތު ކޮށްފައެވެ. އެގޮތުން ސޯޝަލް މީޑިއާގައި މީހަކު ކޮށްފައިވާ ޓްވީޓެއްގައި ބުނީ އެ މީހާއަކީ ސިފައިންގެ މީހެއްގެ ފަރާތުން ޖިންސީ ގޯނާ ލިބުނު މީހެއް ކަމަށެވެ. އަދި އެކަން ހިނގާފައިވަނީ އޭނާ އެތުލެޓިކްސްގައި އުޅުނުއިރު ކަމަށާއި އެކަމުގައި އޭނާގެ އިތުރުން އެހެން ކުދިންތަކެއްވެސް އެ ސިފައިންގެ މީހާގެ ޝިކާރައަކަށްވި ކަމަށް އެމީހާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި އެ ސިފައިންގެ މީހާ ވަނީ އެތުލެޓިކްސް އެސޯސިއޭޝަނުން ސަސްޕެންޑް ކޮށްފައެވެ. އަދި އެ ސިފައިންގެ މީހާއާ ގުޅޭ މައްސަލަތައް ކަމާ ގުޅުން ހުރި އިދާރާތަކަށް ވެސް ހުށަހެޅި ކަމަށާއި ނަމަވެސް އެމީހާއާ މެދު އެޅުނު އެއްވެސް ފިޔަވަޅެއް ނެތް ކަމަށްވެސް ބުންޏެވެ.
މިކަމާ ގުޅިގެން އެތްލެޓިކް އެސޯސިއޭޝަނުން ބުނީ އެ ޕޯސްޓުގައި ބުނެފައިވާ މީހާއަކީ އެއް އިރެެއްގައިވެސް އެ އެއެސޯސިއޭޝަންގެ ކޯޗެއް ނޫން ކަމަށެވެ.
ތަންދޮރު ނުބަލާ މޮޅު ވާހަކައެއް ދައްކަން ރޮޒޭ ވެސް ދެއްކި ވާހަކައެއް. މަޝްހޫރުވާން ވެސް އެހެން ގޮތެއް ހޯދަބަލަ