އެމެރިކާގެ މަޝްހޫރު އެނިމޭޓަޑް ޓީވީ ސީރީޒް 'ދަ ސިމްސަންސް'ގެ ގިނަ ކެރެކްޓަރުތަކަކަށް އަޑު އަޅާ ދެމުން އަންނަ ހޭންކެ އެޒޭރިއާ، "އަޕޫ"ގެ ކެރެކްޓަރަށް ދެން އަޑު އަޅާ ނުދޭނެ ކަމަށް ބުނެފިއެވެ.
'ދަ ސިމްސަންސް'ގައި "ކްވިކް-އީ-މާޓް"ގެ ނަމުގައި ފިހާރައެއް ހުޅުވައިގެން ވިޔަފާރި ކުރަމުން އަންނަ އިންޑިއާ ދަރިކޮޅުގެ "އަޕޫ ނަހާސަޕީމާޓެލޯން" ނުވަތަ އަޕޫގެ ކެރެކްޓަރަށް ހޭންކް އެޒޭރިއާ އަޑުއަޅާ ދިނުން ހުއްޓާލާފައި މިވަނީ، އަޕޫގެ ކެރެކްޓަރާ ގުޅިގެން ގިނަ ބައެއްގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގައެވެ.
1990 ވަނަ އަހަރު އަޕޫގެ ކެރެކްޓަރު އުފެއްދީއްސުރެ އެ ރޯލަށް އަޑުއަޅާދެމުންދަނީ ހޭންކް އެޒޭރިއާއެވެ.
އަޕޫގެ ކެރެކްޓަރު ގެނެސްދެމުންދާ ގޮތާ މެދު ފާއިތުވީ އަހަރުތަކުގައި ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށް، 'ދަ ސިމްސަންސް'ގެ ޕްރޮޑިއުސަރުންނަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އަޕޫގެ ރޯލާ މެދު އާންމުންގެ މެދުގައި ދެބަސްވުންތައް އުފެދެން ފެށީ، އަޕޫގެ ކެރެކްޓަރަކީ ނަސްލީ ތަފާތުކުރުންތައް އިންތިހާއަށް ރަމްޒުކޮށްދޭ ކެރެކްޓަރެއް ކަމަށް ބުނެ، އެމެރިކާ-އިންޑިއާ ދަރިކޮޅުގެ ކޮމިކް ހަރީ ކޮންޑަބޯލޫ، 2017 ވަނަ އަހަރު ޑޮކިއުމަންޓްރީއެއް އާންމުކުރި ހިސާބުންނެވެ.
އަޕޫއަށް އަޑުއަޅާ ނުދިނުމަށް ހޭންކް އެޒޭރިއާ ނިންމާފައިވާއިރު، އަޕޫގެ ރޯލަށް އާ ފަންނާނަކު ހޮވާނީ ކަމެއް ނުވަތަ ކާޓުން އަޕޫގެ ކެރެކްޓަރު "ފޮހެލާނީ"ކަމެއް އަދި ސާފެއް ނުވެއެވެ. ހޭންކް އެޒޭރިއާ ބުނީ މި ނިންމުން ނިންމާފައިވަނީ ޓީމާވެސް މަޝްވަރާ ކުރުމަށްފަހުގައި ކަމަށާ، އެންމެނަށްވެސް ފެނުނު އެންމެ ރަނގަޅު ގޮތަކީ ހޭންކް އެޒޭރިއާ، "އަޕޫ"ގެ ކެރެކްޓަރު ދޫކޮށްލުން ކަމަށް ހޭންކް އެޒޭރިއޭ ވަނީ ހާމަކޮށްފައެވެ.
ހޭންކް އެޒޭރިއާ ބުނީ "އަޕޫ"ގެ ކެރެކްޓަރުގެ ސަބަބުން އެއްވެސް މީހަކު ހަވާސާކޮށް އެއްފަރާތް ކުރެވުމަކީ އޭނާގެ މަސައްކަތުގެ މައިދާނާ ޒާތީ ދިރިއުޅުމުގައިވެސް އެކަމާ ހިތާމަ ކުރާ ކަމެއް ކަމަށެވެ.
"އަޕޫ"ގެ ކެރެކްޓަރު ދޫކޮށްލުމަށް ހޭންކް އެޒޭރިއާ ނިންމުމާއެކު ކަންޑަބޯލޫ ބުނީ، 2017 ވަނަ އަހަރުގެ ޑޮކިއުމަންޓްރީއަކީ އެއްވެސް ހާލެއްގައި 'ދަ ސިމްސަންސް' އިން "އަޕޫ"ގެ ކެރެކްޓަރު ނައްތާލަން ކުރި ކަމެއް ނޫންކަމަށާ، ނަމަވެސް އެކަން ކުރީ އޭނާ ދިރިއުޅެމުންދާ މުޖުތަމައުގައި ނަސްލީ ތަފާތުކުރުންތައް ހުރި ގޮތް ދައްކުވާ ދިނުމަށް ކަމަށެވެ. "އަޕޫ"އަކީ ޚުދު އޭނާވެސް ޒާތީ ގޮތުން ލޯބިވާ ކެރެކްޓަރެއް ކަމަށް ކޮންޑަބޯލޫ ވަނީ ފާހަގަކޮށްފައެވެ. އަދި ޝޯ ލިޔާ މީހުން، "އަޕޫ"ގެ ކެރެކްޓަރަށް ރަނގަޅު ގޮތެއް ހަދާދޭނެ ކަމަށް އުއްމީދު ކުރާކަމަށްވެސް ކޮންޑަބޯލޫ ކުރި ޓްވީޓެއްގައި ވަނީ ބުނެފައެވެ.