2 އަހަަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.

މަޖިލީހުން ބުނީ، 2 އަހަަރުގެ ކުޑަ އަންހެން ކުއްޖަކަަށް ޖިންސީ ގޯނާ ކުރި މައްސަލަ ދިރާސާ ކުރުމަށް މިރޭ 8:30 ގައި ކޮމިޓީ ބައްދަލުވުމެއް ބޭއްވުމަށް ތާވަލުކޮށްފައިވާ ކަމަށެވެ.

ކޮމިޓީ ބައްދަލުވުމެއް ބޭއްވުމަށް މިރޭ ތާވަލު ކޮށްފައިވާއިރު، މި މައްސަލައާ ގުޅިގެން މިއަދު ވަނީ އިހުތިޖާޖުތަކެއް ބާއްވާފައެވެ. އެގޮތުން، ޖެންޑާ މިނިސްޓްރީ ކުރިމަތީގައި އިހުތިޖާޖު ކޮށްފައިވާއިރު، ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓު ކުރިމަތީ ވެސް ވަނީ އިހުތިޖާޖު ކޮށްފައެވެ. އަދި ގއ. ގެމަނަފުށީ ޕޮލިސް ސްޓޭޝަން ކުރިމަތީ އިހުތިޖާޖު ކޮށްފައިވާއިރު ދެ އަހަރުގެ ކުއްޖާގެ ބައްޕަ ހުރި ފްލެޓް ދޮރުމައްޗަށް އާންމުން އެއްވެ ވަނީ އަޑުއުފުލަފައެވެ.

ހަމައެއާއެކު މީޑިއާއަށް މައުލޫމާތު ދެމުން ފުލުހުން މިއަދު ފުރަތަމަ ބުނެފައިވަނީ 2 އަހަރުގެ އަންހެން ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ 3 ފިރިހެނެއް އުޅޭ ކަމަށެވެ. ނަމަވެސް، މި މައްސަލާގައި ތުހުމަތު ކުރެވެނީ ދެ ފިރިހެނަކަށް ކަމަށް ބުނެ ފުލުހުން ވަނީ 62 އަހަރުގެ މީހަކާއި 81 އަހަރުގެ މީހަކު މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

2 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ދެފަރާތަކީ ކުއްޖާގެ ޒިންމާދާރު މަގާމެއްގައި ތިބި ދެމީހުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ ކުއްޖާގެ މުނިކާފައާއި ކާފައެވެ. އަދި މިހާރު 2 އަހަރުގެ ކުއްޖާ ވަނީ ރައްކާތެރި މާހައުލަކަށް ގެންގޮސްފައި ކަމަށް ޖެންޑާ މިނިސްޓްރީން ބުނެއެވެ.