2 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ހައްޔަރު ކުރި ދެމީހުން ގެމަނަފުށީ ޕޮލިސް ސްޓޭޝަނަށް ގެންދިއުމުން އެ ރަށުގެ މީހުން އިހުތިޖާޖު ކުރަން ފަށައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި 2 އަހަރުގެ އަންހެން ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވަނީ އެ ކުއްޖާގެ ކާފައާއި މުނި ކާފަ ކަމަށް ބައެއް މަސްދަރުތަކުން ބުނެއެވެ. މިއަދު ފުލުހުން ވަނީ މި މައްސަލާގައި 81 އަހަރުގެ ފިރިހެނަކާއި 62 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައެވެ. އެ ދެމީހުން ގެމަނަފުށީ ޕޮލިސް ސްޓޭޝަނަށް ގެންގޮސްފައިވާ އިރު އެރަށުގެ ރައްޔިތުން ނުކުމެ ދަނީ ޝުއޫރު ފާޅުކުރަމުންނެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން އެ ރަށުގެ މީހަކު ބުނީ ގެމަނަފުށީ ޕޮލިސް ސްޓޭޝަން ކައިރީގައި ރަށުގެ ރައްޔިތުން އެއްވެގެން އުޅޭ ކަމަށާއި އެއްފަރާތުގައި ރަށުގެ އަންހެނުން ތިބި އިރު އަނެއް ފަރާތުގައި ފިރިހެނުން ތިބެގެން އެމީހުންގެ ޝުއޫރުތައް ފާޅު ކުރަމުން ދާ ކަމަށެވެ. އެގޮތުން ހައްޔަރު ކޮށްފައިވާ ދެމީހުންގެ ތެރެއިން މުދިމު (ކުއްޖާގެ ކާފަ) އަކީ ކުރިންވެސް އެފަދަ މައްސަލަތަކުގައި ހައްޔަރު ކުރި މީހެއްކަމާއި އެމީހާ ދޫކޮށްލީމައި ކުޑަކުދިންނަށް އަނިޔާކުރުން ނުހުއްޓި ކުރިއަށް ގެންދާތީ އޭނާއަށް އަދަބު ދިނުމަށް ގެމަނަފުށީގެ މީހުން ދަނީ ގޮވާލަމުންނެވެ.
ގެމަނަފުށީގެ ކުރީގެ ކައުންސިލަރު އަބްދުލް ހަންނާނު ވިދާޅުވީ، އެރަށުގެ ރައްޔިތުން ހަވީރު 4 ޖެހީއްސުރެ ގެމަނަފުށީ ޕޮލިސް ސްޓޭޝަން ކައިރީ ޝުއޫރު ފާޅު ކުރަމުންދާ ކަމަށެވެ. އަދިވެސް ހައްޔަރު ކޮށްގެނ ްގެނައި ދެމީހުން ތިބީ ގެމަނަފުށީ ޕޮލިސް ސްޓޭޝަންތެރޭގައި ކަމަށާއި އެފަދަ ބޮޑު ކުށެއް ކޮށްގެން ގެނައި މީހަކު ގެމަނަފުށީ ޕޮލިސް ސްޓޭޝަންގައި ހިމާޔަތްދީފައި ބަހައްޓަްނ ބޭނުން ނުވާކަމަށް އޭނާ ވިދާޅުވިއެވެ.
ގެމަނަފުށީގައި އިހްތިޖާޖު ކުރަމުންދާ އިރު މާލޭގައި 2 އަހަރު ކުއްޖާގެ ބައްޕަ ހުރި ފްލެޓް ކައިރީގައި އެތައް ބަޔަކު ނުކުމެ ދަނީ އިހްތިޖާޖު ކުރަމުންނެވެ. މައުލުމާތު ލިބިފައިވާ ގޮތުގައި އެ ފްލެޓްގެ ބިއްލޫރިގަނޑުވެސް ވަނީ ތަޅާލާފައެވެ. އަދި އެ ސަރަހައްދުގައި ހަރަކާތްތެރިވި ފުލުހެއްގެ ބޯވެސް ވަނީ ފަޅައިގެން ގޮސްފައެވެ. އެހެންކަމުން އެ ސަރަހައްދަށް އެސްއޯ ފުލުހުން ގޮސް އަމަންއަމާންކަން ބަލަހައްޓަން މަސައްކަތް ކޮށްފައި ވެއެވެ. އެގޮތުން އެ ސަރަހައްދުގައި އެސްއޯ ފުލުހުން ޕެޕާ ސްޕްރޭވެސް ވަނީ ބޭނުންކޮށްފައި ކަމަށް މައުލޫމާތު ލިބެއެވެ.
2 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައި ވާއިރު އެކުއްޖާ މިހާރު ވަނީ ރައްކާތެރިކަމުގެ މާހައުލަކަށް ގެންގޮސްފައި ކަމަށް ޖެންޑާ މިނިސްޓްރީން ބުނެއެވެ.