2 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލަލައިގައި ކުއްޖާގެ ބައްޕަ ފިލައިގެން މާލެއަށް އައި ކަން އެ އާއިލާއިން ދޮގުކޮށްފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން 2 އަހަރުގެ ކުއްޖާގެ ބައްޕަގެ އާއިލާގެ މެންބަރެއް ބުނީ، ކުއްޖާގެ ބައްޕަ ބުރާސްފަތި ދުވަހު މާލެ އައުމަށް މާ ކުރިން ޓިކެޓް ނަގާފައިވާ ކަމަށެވެ. އަދި އޭނާ މާލެ އައުމަށް ނިންމާފައި ވަނީ މި މަހުގެ 13 ވަނަ ދުވަހު އެ ކުއްޖާގެ މަންމަ މާލެ ގެނެސްފައި ވާތީ މަންމައާ ބައްދަލު ކުރުމަށް ކަމަށް އޭނާ ބުނެއެވެ.

މީގެ އިތުރުން އޭނާ ބުނީ ކުޑަކުއްޖާގެ މައްސަލައިގައި އެފަރާތުން ވަކި އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށާއި އެ ކުއްޖާގެ ބައްޕަ މާލެއަށް އައިސް ފުލުސް އޮފީހަށް ވެސް ގޮސްފައިވާ ކަމަށެވެ. އެހެންކަމުން އޭނާ މާލެއަށް އައީ ފިލައިގެން ނޫން ކަމަށް އާއިލާއިން ބުނެއެވެ. އަދި ކުއްޖާގެ ބައްޕަ ފިލައިގެން މާލެއަށް އައި ކަމަށް ބުނެ ހަބަރު ފެތުރުމުން އެކަމާ ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.

"އަޅުގަނޑުމެން ބަލަމުން މިދަނީ އެކަން ކިހިނެއްތޯ ވީ، ދެން މެޑިކަލް ރިޕޯޓުތަކުގެ ނަތީޖާއާ އެއްޗިސް އައިމަ އަޅުގަނޑުމެންނަށް ވަކި އެއްޗެއް ބުނަން އެނގޭނީ. ފުލުހުން ބުނާ އެއްޗަކަށް އަޅުގަނޑުމެންނަކަށް ވަކި އެއްޗެކޭ ނުބުނެވޭނެ. ފުލުހުން އެހާ ހިސާބަށް އަންނާނީ ވަރަށް ރަނގަޅަށް ކަންކަން ތަހުގީގު ކޮށްފަ"
ކުއްޖާގެ ބައްޕަ ފަރާތު އާއިލާ މެންބަރެއް

އާއިލާގެ ފަރާތުން މި މައްސަލަ ދިމާވި ގޮތް ކިޔައި ދިނުމަށް އުޒުރުވެރި ވެފައިވާ އިރު އޭނާ ބުނީ މެޑިކަލް ރިޕޯޓުތަކުގެ ނަތީޖާ ލިބުނުން ނޫނީ ވަކި އެއްޗެއް ބުނެވެން ނެތް ކަމަށެވެ. މިވަގުތު ފުލުހުން ނިންމާ ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށާއި ފުލުހުން ކަން ކުރާނީ މައްސަލަ ވަރަށް ރަނގަޅަށް ތަހުގީގު ކޮށްފައި ކަމަށްވެސް އާއިލާއިން ބުނެއެވެ.

ކުއްޖާގެ ކާފަ މި މައްސަލައިގައި ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ފުލުހުން ބުނާއިރު ކުރިންވެސް އޭނާގެ މައްސަލަތަކެއް އުޅޭ ކަމަށް ސޯޝަލް މީޑިއާގައި އަންނަނީ އަޑުތައް ފެތުރެމުންނެވެ. ނަމަވެސް އާއިލާއިން ބުނީ ކުއްޖާގެ ކާފަގެ އިތުރު މައްސަލަތަކެއް ނޫޅޭނެ ކަމަށެވެ. އަދި ސޯޝަލް މީޑިއާގައި އެ ރަށުގެ މުދިމެއްގެ މައްސަލަތަކެއް 2014 އަދި 2015 ގައި އުޅޭ ކަމަށް ދައުރުވަމުންދާ ވާހަކަތަކުގައި އެ ބުނާ މުދިމަކީ ކާފަ ނޫން ކަމަށާއި އެއީ ރަށުގައި ކުރިން އުޅުނު އެހެން މުދިމެއް ކަމަށް ބުނެއެވެ.

ހަމައެއާއެކު އެ އާއިލާގެ ގިނަ ބަޔަކު މާލެއަށް ބަދަލުވެފައި ވަނީ ޖިންސީ ގޯނާގެ ކަންކަން ބޮޑުވެގެން ކަމަށް ދެކެވޭ ވާހަކަތައްވެސް އޭނާ ދޮގުކުރިއެވެ. އޭނާ ބުނީ ތައުލީމް ހޯދުމަށާއި ވަޒީފާ ހޯދުމަށް މާލެއަކީ މީހުން ދިރިއުޅުން ބަދަލުކުރާ ތަނެއް ކަމަށެވެ. އެގޮތުން އެ އާއިލާ މާލެއަށް އައީ އެ ބޭނުމުގައި ކަމަށެވެ.

ރާއްޖޭގެ ދެކުނުގެ ރަށެއްގައި 2 އަހަރުގެ ކުޑަކުއްޖަކަށް މިދިޔަ ބުދަ ދުވަހު ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެފައި ވާއިރު އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމަށް ފުރަތަމަ ތުހުމަތު ކުރެވިފައި ވަނީ އެ އާއިލާގެ ތިން މެންބަރަކަށެވެ. "ދަ ޕްރެސް" އަށް މައުލޫމާތު ދިން އެރަށުގެ މީހަކު ބުނެފައި ވަނީ އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވެނީ ކުއްޖާގެ ބައްޕަ، ކާފަ އަދި މުނި ކާފައަށް ކަމަށެވެ.

ހަމައެއާއެކު މީޑިއާއަށް މައުލޫމާތު ދެމުން ފުލުހުން މިއަދު ފުރަތަމަ ބުނެފައިވަނީ 2 އަހަރުގެ އަންހެން ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ 3 ފިރިހެނެއް އުޅޭ ކަމަށެވެ. ނަމަވެސް، މި މައްސަލާގައި ތުހުމަތު ކުރެވެނީ ދެ ފިރިހެނަކަށް ކަމަށް ބުނެ ފުލުހުން ވަނީ 62 އަހަރުގެ މީހަކާއި 81 އަހަރުގެ މީހަކު މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ކުއްޖާގެ މުނިކާފަ (ކ) ކުއްޖާގެ ކާފަ (ވ) ހައްޔަރު ކޮށްގެން ގެންދަނީ

2 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ދެފަރާތަކީ ކުއްޖާގެ ޒިންމާދާރު މަގާމެއްގައި ތިބި ދެމީހުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ ކުއްޖާގެ މުނިކާފައާއި ކާފައެވެ. އަދި މިހާރު 2 އަހަރުގެ ކުއްޖާ ވަނީ ރައްކާތެރި މާހައުލަކަށް ގެންގޮސްފައި ކަމަށް ޖެންޑާ މިނިސްޓްރީން ބުނެއެވެ.