'ކޮންފެޝަންސް އޮފް އަ ޝޮޕަހޮލިކް'ގެ ރެބެކާ ބްލޫމްވުޑް މަތިން ހަނދާން އެބަހުރި ހެއްޔެވެ؟ ބޭނުން ނުވާ ވަރަށް، އެންމެ ޒަމާނީ އަންނައުނާ، ފޭރާމާ، ގަހަނާއާއި ބޫޓާ، ފައިވާނާ އެނޫންވެސް އެފަދަ ތަކެތި ގަނެވޭ ހެއްޔެވެ؟ އަތުގައި ފައިސާ ނެތަސް، ދަރަންޏެއް ނަގައިގެން ވިއަސް 'އަދާހަމަ' ވޭތޯ ބެލޭ ހެއްޔެވެ؟ މިއީ މިއަދު ދިވެހިންގެ ތެރެއިން ބައެއް ޒުވާނުންވެސް އެކަމުގެ ޝިކާރައަކަށްވެފައިވާ ނުރައްކާތެރި އާދައެކެވެ.
ތަޖުރިބާކާރުން ބުރަވާ ގޮތުގައި މިއީ ނުކުޅެދުންތެރިކަމެކެވެ. އެމީހުންވަނީ މިކަމަށް ނަމެއްވެސް ކިޔާފައެވެ. އެއީ ކޮމްޕަލްސިވް ބައިންގް ޑިސްއޯޑާ (ސީބީޑީ)އެވެ. މިއީ އެއްޗެއް ނުގަނެ ހުންނަން އިންތިހާއަށް ނަފްސަށް ދަތިކުރުވާ ނުކުޅެދުންތެރިކަމެކެވެ. އެއްޗެއް ނުގަނެ ހުންނަން ނުކުޅެދެއެވެ. އެއްޗިހި ގަނެ، ވިޔަފާރި ކުރުމަކީ އެވަގުތަކަށް ނަފްސުގައި ހުރި ނުތަނަވަސްކަމެއް ފިލުވާލަދޭ ކަމެއްކަން ހޯދުންތަކުން ދެއްކި ނަމަވެސް، އެއީ ދިގުމުއްދަތުގައި އެމީހަކަށް ބޮޑެތި ތަކުލީފުތަކެއް ކުރިމަތިކުރުވާނެ ނުރަނގަޅު އާދައެކެވެ.
ސީބީޑިއަކީ ނަފްސާނީ ބައްޔެއް؟
އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި މަސައްކަތްކުރާ ސައިކޮލޮޖިސްޓެއް ކަމަށްވާ ޑޮކްޓާ ޕްރޭނާ ކޯލީ ބުނާ ގޮތުގައި ބައެއް މީހުންގެ ކިބާގައި ސީބީޑީ އަށަގަންނަނީ ވިޔަފާރިކުރާއިރު އެމީހުންގެ ސިކުނޑިއާއި ނަފްސަށް އެލިބޭ އުފާވެރިކަމެއްގެ ސަބަބުން އެ އަރާމުކަމަށް ދެވިހިފައިގެންނެވެ. ސީބީޑީއަކީ މާ އާންމުނުވި ކަމުގައި ވީ ނަމަވެސް އޮބްސެސިވް ކޮމްޕަލްސިވް ޑިސްއޯޑާ (އޯސީޑީ)ގެ ބާވަތެއްކަންވެސް ޑރ ޕްރޭ ކޯލީ ވަނީ ފާހަގަކުރައްވާފައެވެ.
ހިތްއެދޭ އެއްޗެއް ގަތުމަށް ހޭދަކުރާ ވަގުތަކީ އެމީހެއްގެ ސިކުނޑި އަފަލުގެ ހޯމޯން ނުބަތަ ޑޯޕަމީން ބޭރުކުރާ ވަގުތެއް ކަމަށާ، މިކަމުގެ ސަބަބުން އާދަޔާ ހިލާފު ހަމަޖެހުމެއް ހަށިގަނޑަށް ލިބިގެންދާނެ ކަމަށާ، ސީބީޑީގެ ތަކުލީފު އުފުލާ މީހުންނަކީ މި ހަމަޖެހުމަށް އެދެމުންދާ ބައެއް ކަން ޑރ ޕްރޭނާ ވިދާޅުވިއެވެ.
ވިޔަފާރިކުރަން ލޯބިކުރަނީތަ ނޫނީ ތިހުރީ ދެވިހިފާފަތަ؟
ހިތްގަޔާވާ އެއްޗެއް ގަނެލުމަށް ނުވަތަ އެއްޗިހިތަކެއް ގަތުމަށް ދޭތެރެއަކުން ދިއުމަކީ، އެމީހަކީ ސީބީޑީގެ ތަކުލީފު އުފުލާ ކަމުގެ ނިޝާނެއް ނޫނެވެ. މައްސަލައަކަށް ވަނީ އެކަމުން ދުރުވާން އުނދަގޫވެ، ދެވިހިފާފައޭ ބުނާ ހިސާބަށް ދިއުމުންނެވެ.
މިޒަމާނަކީ ވިޔަފާރިކުރުންވެސް އިންތިހާއަށް ފަސޭހަވެފައިވާ ޒަމާނެކެވެ. މޯބައިލް ފޯނުގެ 2 ފިތަކަށް އޮބާލާއިރަށް ބޭނުންވި އެއްޗެއް އޮންނާނީ އަތުގައޭ ބުނާހާވެސް ފަސޭހައެވެ. އެކަމަކު މިހެން އަދި ހިތަށް އަރާ އެއްޗެއް ގަންނަ ކޮންމެ މީހަކީވެސް ސީބީޑީ ހުންނަ މީހެއް ނޫންކަމަށް ސައިކޮލޮޖިސްޓް ޑރ ހަރްޝީން ކޭ އަރޯރާ ވަނީ ފާހަގަކުރައްވާފައެވެ. މައްސަލައަކަށް ވާނީ ވިޔަފާރި ނުކޮށް ނުހުރެވޭ ވަރަށް އެކަމަށް އާދަވުމުން ކަމަށްވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
ސީބީޑީގެ އާންމު އަލާމާތްތައް:
- ވިޔަފާރިއެއްކޮށް އެއްޗެއް ގަންނާނެ ފުރުސަތަކަށް ބަލަބަލާ ހުރުން
- ބޭނުންވާ މިންވަރަށްވުރެ އިތުރަށް ވިޔަފާރިކުރުން
- ވިޔަފާރިކުރަމުން ގޮސް ގަތް އެއްޗިއްސަކީ ބޭކާރު އެއްޗިހިކަން އެނގުނު ނަމަވެސް އެ ނުގަނެ ދޫކޮށްލަން އުނދަގޫވެ، ދޫ ނުދެވުން
- ބައިވަރު އެއްޗިހިތަކެއް ގަނެ ނިމުމަށް ފަހު އާދަޔާ ހިލާފު އުފަލެއް އިހުސާސްކުރެވުން
ސީބީޑިއަކީ ވަކި ޖިންސަކަށް ހާއްސަކަމެއްތަ؟
ސައިކޮލޮޖޮސްޓް ޑރ ކަމްނާ ޗިއްބާރް ވިދާޅުވާ ގޮތުގައި ސީބީޑީއަކީ ވަކި ޖިންސަކަށް ހާއްސަ ކަމެއް ނޫނެވެ. ކޮންމެހެން ބޭނުން ނުވާ އެއްޗިހި ގަތުމުގައި ގިނަ ވަގުތު ހޭދަކުރަނީ އަންހެނުން ކަމަށް 'ނަންވެފައި' އޮންނައިރު، ސީބީޑީގެ ބަލިމަޑުކަމަކީ ފިރިހެނުންނަށްވެސް ކުރިމަތިލާންޖެހޭ ކަމެއްކަން ޑރ ޗިއްބާރު ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ބައެއް ފިރިހެނުންނަކީ ދިރިއުޅޭ ގެ ވިއްކާލައިގެންވެސް ފައިސާ ހޯދައިގެން ވިޔަފާރި ކުރަން ދެވިހިފާ ދަރަޖައަށް ސީބީޑީގެ ތަކުލީފު އުފުލާ މީހުންކަމަށް އޭނާ ވިދާޅުވިއެވެ.