މުޅި ދުނިޔޭގެ ނިސްބަތުން ބަލާއިރު ކޮންމެ 5 މަރަކުން 1 މަރުގެ ސަބަބަކީ ސެޕްސިސް ނުވަތަ ލޭ ވިހަވުންކަމަށް މި ބައްޔާ ގުޅޭ ގޮތުން މިހާތަނަށް ހަދާފައިވާ އެންމެ ފުރިހަމަ އެއް ދިރާސާ ބުނެފިއެވެ.
ދިރާސާގެ ހޯދުންތައް ދައްކާ ގޮތުން އަހަރެއްގެ މައްޗަށް 11 މިލިއަން މަރުވެދަނީ ސެޕްސިސްގެ ސަބަބުންނެވެ. މިއީ ކެންސަރު ބަލީގައި މަރުވެދާ މީހުންނަށްވެސް ގިނަ އަދަދެކެވެ.
ދިރާސާ ކުރިއަށް ގެންދިޔަ ޔުނިވާސިޓީ އޮފް ވޮޝިންގްޓަންގެ ޓީމުން ބުނީ، މި ނަތީޖާއަކީ މީގެ ކުރިން ލަފާކޮށްފައިވާ މިންވަރުތަކަށްވުރެ 2 ގުނަ އިތުރު އަދަދެއް ކަމަށެވެ.
ސެޕްސިސްގެ ސަބަބުން އެންމެ ގިނަ މީހުން މަރުވަނީ ފަގީރު އަދި މެދުފަންތީގެ އާމްދަނީ ލިބޭ ގައުމުތަކުންނެވެ. ނަމަވެސް މުއްސަނދި ގައުމުތަކުންވެސް މި ތަކުލީފާ ކުރިމަތިލާންޖެހެއެވެ.
ސެޕްސިސްއަކީ ކޮބާ؟
ސެޕްސިސްއަކީ 'ފޮރުވިފައިވާ ގާތިލެއް' ކަމަށް ބުނެވެއެވެ. އެހެނީ މި ބައްޔަކީ ދެނެގަތުމަށް މާ ފަސޭހަ ބައްޔަކަށް ނުވާކަމެވެ.
ސެޕްސިސްއަށް މަގުފަހިވަނީ ހަށިގަނޑަށް ކުރިމަތިވާ އިންފެކްޝަންއެއްގެ ސަބަބުން، ހަމައެކަނި އެ އިންފެކްޝަންއާއި ހަނގުރާމަ ކުރުމުގެ ބަދަލުގައި ހަށިގަނޑުގެ އެހެން ގުނަވަންތަކަށްވެސް ހަށިގަނޑުގެ ދިފާއީ ނިޒާމުން ހަމަލާދޭން ފަށާ ހިސާބުންނެވެ. ނަތީޖާއަކަށްވަނީ އެތެރެހަށީގެ މުހިންމު ގުނަވަންތަކެއް ފެއިލްވުމެވެ.
ސެޕްސިސްއަށް ޕޮޒިޓިވްވުމަށްފަހު އެބައްޔަށް ފަރުވާ ހޯދާފައިވާ މީހުންނަށްވެސް ދިގުމުއްދަތަކަށް މިފަދަ ތަކުލީފުތަކެއްގައި އުޅެންޖެހެއެވެ. ނުވަތަ ނުކުޅެދުންތެރިކަމެއްގައި ދުވަސްތައް ގުނަންޖެހެއެވެ.
ސެޕްސިސްއަށް މަގުފަހިކުރާ އިންފެކްޝަން އާންމުކޮށް އަންނަނީ ޑައިރިޔާއާ ފުއްޕާމޭގެ ބަލިތައް ޖައްސާ ބެކްޓީރިއާ އަދި ވައިރަސްތަކާއެކުގައެވެ.
ދިރާސާ ބުނީ ކީކޭ؟
ލޭންސެޓްގައި ޢާންމުކޮށްފައިވާ ދިރާއަށް މައުލޫމާތު އެއްކޮށްފައިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން 195 ގައުމަކުން ކަމަށްވާއިރު، އަހަރެއްގެ މައްޗަށް ސެޕްސިސްއަށް 49 މިލިއަން ޕޮޒިޓިވް ކަމަށް ހޯދުންތަކުންވަނީ ދައްކާފައެވެ.
ކަންމިހެން އޮތް ނަމަވެސް ސެޕްސިސް ބަލި ޖެހޭ މީހުންނާ، އެ ބަލީގައި މަރުވާ މީހުންގެ އަދަދު، 1990އިން ފެށިގެން ދަށަށް ދާން ފަށާފައިވާކަމަށް، ކަމާބެހޭ ފަރާތްތަކުން ފާހަގަކުރެއެވެ.
ސެޕްސިސްގެ އަލާމާތްތަކަކީ ކޮބާ؟
ބޮޑެތި މީހުން:
- ބަލިޖެހިފައި ހުންނަ މީހަކު ދައްކާ ވާހަކަ ސާފެއް ނުވާނެ
- އާދަޔާ ހިލާފަށް ތުރުތުރުއެޅުން ނުވަތަ މަސްތަކުގައި ރިއްސުން
- ދުވާލެއްގެ މައްޗަށް 1 ފަހަރު ނަމަވެސް ކުޑަކަމު ދާން ނުޖެހުން
- އާދަޔާ ހިލާފަށް ނޭވާ ކުރުވުން
- ހިތުގެ ހިނގުން އަވަސްވުމާ، ހަށިގަނޑުގެ ފިނިހޫނުމިން ދަށްވުން ނުވަތަ މަތިވުން
- ހަމުގައި ލައްތަކެއް ޖެހުން ނުވަތަ ހަމުގެ ކުލަ ބަދަލުވުން
ކުޑަކުދިން:
- ހަށިގަނޑުން ލައްތަކެއް ފާޅުވުން/ ހަމުގެ ކުލަ މަރުވެފައި ހުރުން
- އާދަޔާ ހިލަފަށް ނިދިގަދަވުމާ، ހޭލައްވަން އުނދަގޫވުން
- އާދަޔާ ހިލާފަށް ހަށިގަނޑު ފިނިވެފައި ހުރުން
- އަވަސް އަވަހަށް ނޭވާލުން
- ބިހިގަނޑެއް ނުވަތަ ހަމުގެ ތަނެއް ރަތްވެފައި ހުރުމާއެކު އެތަނަށް ފިތާލުމުން ކުލަ މަޑުނުވުން
- ފިޓްޖެހޭ ގޮތުން ސީޒާސްއައުން
ސެޕްސިސްއިން ދުރުވާނީ ކިހިނެއް؟
ސެޕްސިސްއިން ދުރުވުމަށް އޮތް އެންމެ ފުރަތަމަ ކަމަކީ އިންފެކްޝަންތަކުން ދުރުވުމެވެ. މިކަން ކުރެވެން އަންނަނީ ސާފު ބޯފެން ލިބުމާ ރައްކާތެރި ނަރުދަމާގެ ނިޒާމެއް ގާއިމުކުރެވިގެންނެވެ. އަދި ގަވައިދުން ވެކްސިން ލިބެން ހުރުމާ، ވެކްސިން ޖެހުންވެސް މި ލިސްޓުގެ އެންމެ ކުރިން ޖާގަ ހޯދައެވެ.
ދެން އޮތީ ސިއްހީ ދާއިރާ ހަރުދަނާކޮށް، ސެޕްސިސް ބަލީގެ ޕޭޝަންޓުން ދެނެގަތުމަށް މިހާރަށްވުރެ ރަނގަޅަށް މަސައްކަތްކުރުމެވެ. މި ބައްޔަކީ ދެނެގަތުމުގައި ދަތިތަކެއް ކުރިމަތިލާންޖެހޭ ބައްޔެކެވެ. ދުރާލާ ފަރުވާ ދެވިއްޖެނަމަ އިންފެކްޝަންތައް ނައްތާލެވެއެވެ.
މިހުރިހާ ކަމެއްވެސް ކުރެވެން އަންނަނީ އެކަމަށް މީހުން ހޭލުންތެރިވެ، ކަމާބެހޭ ތަޖުރިބާކާރުންގެ ލަފައާއި އިރުޝާދު އަޑުއަހާ، އެކަމަށް އިޖާބަދޭނެ މުޖުތަމައެއް ބިނާކުރެވިގެންނެވެ.