ޔޫކްރައިންއަށް ފޯރުކޮށްދިނުމަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ (ކޮންގްރެސް) އިން ފާސްކޮށްފައިވާ އެހީ، އެގައުމަށް ފޯރު ނުކޮށްދީ، ގާނޫނާ ހިލާފަށް ވައިޓް ހައުސްއިން ހިފެހެއްޓިކަމަށް އެމެރިކާ ސަރުކާރު ޖަވާބުދާރީ ކުރުވާ އިދާރާ (ޖީއޭއޯ)އިން ބުނެފިއެވެ.
ޖީއޭއޯއިން މިކަން ހާމަކޮށްފައިވާ މި ދަނޑިވަޅަކީ، ހަމަ މިމައްސަލާގައި އެމެރިކާގެ ރައީސް ކަމުގެ މަގާމުން ޑޮނާލްޑް ޓްރަމްޕް އަޒުލުކުރުމަށް ކޮންގްރެސްއިން ފާސްކޮށް، އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ (ސެނެޓް)އަށް ހުށަހަޅާފައިވާ މައްސަލަ ބަލަން ފަށާފައިވާ ދަނޑިވަޅެވެ.
އެމެރިކާއިން ޔޫކްރައިންއަށް ފޯރުކޮށްދޭންޖެހޭ އެހީއަށް ޓްރަމްޕް ހުރަސް އަޅުއްވާފައިވަނީ، ޓްރަމްޕްގެ ސިޔާސީ ވާދަވެރިއެއް ކަމަށްވާ ޖޯ ބައިޑްންއާއި އޭނާގެ އާއިލާއާއި ދެކޮޅަށް ޔޫކްރައިންގައި ތަހުގީގުތަކެއް ހިންގުމަށް ޔޫކްރައިންގެ ރައީސްއަށް މަޖުބޫރުކުރެއްވުމަށް ފިއްތުންތައް ކުރިމަތިކުރެއްވުމުގެ ގޮތުން ކަމަށް ތުހުމަތުކުރެވެއެވެ.
ޔޫކްރައިންވެސް ވަނީ ޓްރަމްޕް އަޒުލުކުރުމާ ގުޅުން ހުރި މައްސަލަތަކުގެ ވަކިވަކި ތަހުގީގުތައް ހިންގަން ފަށާފައެވެ.
އެހީ ފޯރުކޮށްނުދީ ފްރީޒްކުރުން ގާނޫނާ ހިލާފުވީ ކީއްވެ؟
ޖީއޭއޯގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ކޮންގްރެސްއިން ގާނޫނީ ހައިސިއްޔަތު ދީފައިވާ ކަމަކަށް، ރައީސްއަކަށް ޒާތީ ގޮތުން އިސްވާ ކަންކަމަށް ރިއާޔަތްކޮށް ބަދަލު ގެންނެވުމުގެ ބާރެއް، އެމެރިކާގެ ގާނޫނުން ލިއްބައިދީފައެއް ނުވެއެވެ. ވައިޓް ހައުސްގެ އޮފީސް އޮފް މެނޭޖްމަންޓް އެންޑް ބަޖެޓް (އޯއެމްބީ)އިން ޔޫކްރައިން-އެހީއަށް ހުރަސް އަޅާފައިވަނީ އެމެރިކާގެ އިމްޕައުންޑްމަންޓް ކޮންޓްރޯލް އެކްޓް (އައިސީއޭ)އާއި ހިލާފަށް، ސިޔާސަތަކުން ހުއްޖަތް ދައްކައިގެން ކަމަށްވެސް ޖީއޭއޯގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
1974 ވަނަ އަހަރުގެ އައިސީއޭ ގާނޫނު ބުނާ ގޮތުގައި ކޮންގްރެސް އިން ފާސްކޮށްފައިވާ އެހީއަކަށް ވައިޓް ހައުސްއިން ހުރަސް އެޅުމަކީ ގާނޫނާ ހިލާފު ކަމެކެވެ. އަދި މިފަދަ ގޮތަކަށް އެހީއަށް ހުއްޓުވާ، ނުވަތަ އެހީ ފޯރުކޮށްދިނުން ލަސްކުރާނަމަވެސް ކޮންގްރެސްއަށް އެކަމުގެ އެލާޓެއް ދާންޖެހެއެވެ. ނަމަވެސް ޓްރަމްޕްގެ ސަރުކާރުން މިފަދަ ފިޔަވަޅެއްވެސް އަޅާފައެއް ނުވެއެވެ.
ކަންމިހެން އޮތް ނަމަވެސް އައިސީއޭއާ ހިލާފުވާ ފަރާތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅެއް އެޅޭކަށް ޖާގައެއް ނުދެއެވެ. އެމެރިކާގެ ތާރީހަށް ބަލާއިރު ގިނަ ރައީސުންތަކެއް އައިސީއޭއާ ހިލާފުވެވަޑައިގަތެވެ.
އެމެރިކާއިން ޔޫކްރައިންއަށް ފޯރުކޮށްދިނުމަށް ކޮންގްރެސްއިން ފާސްކުރި އެހީއަށް ވައިޓް ހައުސްއިން ހުރަސްއެޅުމަށްފަހު، ޔޫކްރައިންއާ ހިސާބަށް އެހީ ގޮސްފައިވަނީ 2 މަހެއްހާ ދުވަސް ފަހުންނެވެ.
ވައިޓް ހައުސް އިން ބުނީ ކީކޭ؟
ޓްރަމްޕް އަޒުލުކުރުމާ ގުޅުން ހުރި މައްސަލަ ސެނެޓްއިން ބަލަން ފަށާފައިވާ މިދަނޑިވަޅާ ދިމާކޮށް ޖީއޭއޯއިން އާންމު ކުރި ބަޔާން ބަލައި ނުގަންނަ ކަމަށް ވައިޓް ހައުސްއިން ވަނީ ބުނެފައެވެ. އަދި ޖީއޭއޯއިން މަސައްކަތް ކުރަމުންދަނީ މީޑިއާއިން ކައްކަމުންދާ ކުޅިގަނޑުގެ ތެރެއަށް އަމިއްލައަށް ވަނުމަށް ކަމަށްވެސް ވައިޓް ހައުސްއިންވަނީ ތުހުމަތުކޮށްފައެވެ.
ޓްރަމްޕް އުޒުލުކުރުން ގޮސްފައި އޮތީ ކިހާ ހިސާބަކަށް؟
ޓްރަމްޕަކީ އެމެރިކާގެ ކޮންގްރެސްއިން އަޒުލުކުރި 3 ވަނަ ރައީސްއެވެ. ނަމަވެސް މިކަމަށް އަމަލީ ސިފަ އަންނާނީ ސެނެޓުންވެސް އެކަމަށް ތާއީދު ކުރުމުންނެވެ. ސެނެޓްގައި މިމައްސަލަ ބައްލަވާނެ 100 މެމްބަރުންގެ ބެންޗް ވަނީ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައި ހުވާކުރައްވާފައެވެ. މެމްބަރުންނަށް ހުވާލާދެއްވީ އެމެރިކާގެ އުއްތަމަ ފަނޑިޔާރު ޖޯން ރޮބާޓްސްއެވެ.
ކޮންގްރެސްއިން ޓްރަމްޕާ ދެކޮޅަށް ހުށަހަޅާފައިވާ ހުށަހެޅުންތަކަކީ ސާބިތުކުރެވޭ މައްސަލަތަކެއްތޯ ދިރާސާކުރުމަށްފަހު އެމެރިކާގެ ރައީސް ކަމުގެ މަގާމުން ޓްރަމްޕް އަޒުލުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ހަފުތާތަކަކަށް ދެމިގެންދާނެއެވެ. މިކަންކަން ތަހުގީގު ކުރުމަށްފަހު އޮންނަ ފުރަތަމަ އަޑުއެހުން އޮންނާނީ މިމަހުގެ 21 ވަނަ ދުވަހުއެވެ.