އެމެރިކާއާއި ދެކޮޅަށް ކަމަށް ބުނެ އަފްގާނިސްތާނުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިންގާ، ވަރުގަދަ ހަމަލާތަކެއް ދެމުންދާ ހަނގުރާމަވެރި ތޯލިބާނު ޖަމާއަތުން ދޭ މިފަދަ ހަމަލާތައް މަދުކޮށް ހަމަނުޖެހުންތައް ހިންގާ މިންވަރު މަދުކުރުމަށް އެ ޖަމާއަތުން ތައްޔާރަށް އޮތް ކަމަށް ޕާކިސްތާނުގެ ހާރިޖީ ވަޒީރު ޝާހް މަހްމޫދު ގުރައިޝީ ވިދާޅުވެއްޖެއެވެ.

މިދަނޑިވަޅަކީ އަފްގާނިސްތާނުގައި 18 އަހަރަށްވުރެ ދިގުލާ ގޮސްފައިވާ ހަނގުރާމައެއް ކުރަމުންދާ އެމެރިކާއާ ތޯލިބާނު ހަނގުރާމަވެރިންނާ ދެމެދު ސުލްހައިގެ މަޝްވަރާތަކެއް ކުރިއަށްދާ ދަނޑިވަޅެއްކަމުން، މިކަމުގައި ކާމިޔާބު ލިބުން އޮތީ މާ ދުރުގައި ނޫންކަމަށް ބެލުމުގެ ފުރުސަތު، ޕާކިސްތާނުގެ ވާހަކަތަކުން އާވެފައިވާކަމަށް މުރާސިލުން ބުނެއެވެ.

އަފްގާނިސްތާނުގައި ސުލްހަ ގާއިމުކުރުމަށް އެމެރިކާއިން ތޯލިބާނު ހަނގުރާމަވެރިންނާއެކު ކުރިއަށް ގެންދާ ސިލްސިލާ މަޝްވަރާތައް އަދި ކޮޅެއްގައި ޖެހިފައެއް ނުވެއެވެ.

މިފަދަ ދަނޑިވަޅެއްގައި ދެއްވި ވީޑިއޯ މެސެޖެއްގައި ގުރައިޝީ ވިދާޅުވީ އެދެވޭ ވަރުގެ ކުރިއެރުންތަކެއް ހާސިލުކުރެވިފައިވާކަމަށާ، ހަމަނުޖެހުންތައް މަދުކުރުމަށް ތޯލިބާނުންވެސް 'އެދޭ'ކަމަށެވެ. މިއީ ސުލްހައިގެ އެއްބަސްވުމަކާ ހަމައަށް ދިއުމަށް ކުރިއަށް އެޅޭ ފިޔަވަޅެއް ކަންވެސް ގުރައިޝީ ވަނީ ފާހަގަކުރައްވާފައެވެ. ނަމަވެސް މިކަމާ ބެހޭ އިތުރު އެއްވެސް ތަފްސީލެއް ދެއްވާފައެއް ނުވެއެވެ.

ތޯލިބާނުންގެ ރަސްމީ ތަރުޖަމާނު ޒަބީއުﷲ މުޖާހިދުވެސް ވަނީ ޕާކިސްތާނުގެ ވާހަކަތައް ދިރާސާކުރަމުންދާކަމަށް ބުނެފައެވެ.

އަފްގާނިސްތާނުގައި ސުލްހަ ގާއިމުވެ، އެގައުމުގައި ހަރަކާތްތެރިވަމުންދާ އެމެރިކާ ސިފައިން ފޭބުމުގެ އެއްބަސްވުމާ ދާދި ގާތްވެފައިވަނިކޮށް އެ މަޝްވަރާތައް ފެއިލްވީ މަޝްވަރާ މަރުހަލާގައި "ދިރުމެއް ނެތް" ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވި ހިސާބުންނެވެ. ޓްރަމްޕް މިފަދަ މޭރުމަކުން ފާޑުވިދާޅުވެފައިވަނީ ތޯލިބާނުންގެ ފަރާތުން އުފެދިގެން އަންނަ ހަމަނުޖެހުންތަކަށް އިޝާރާތް ކުރައްވަމުންނެވެ.

މެދުކެނޑުކަމަކަށްފަހު ގަތަރުގައި މިދިޔަ ޑިސެމްބަރު މަހު މަޝްވަރާތައް އަލުން ފެށުނު ނަމަވެސް، އަފްގާނިސްތާނުގެ ބަގްރާމް އެއާބޭސްއަށް އަމާޒުވި ހަމަލާއާއިއެކު އަނެއްކާވެސް މިމަޝްވަރާތައް ވަނީ މެދުކެނޑިފައެވެ.

އެމެރިކާއާއި ތޯލިބާނު ހަނގުރާމަވެރިންނާ ދެމެދު ގަތަރުގައި މަޝްވަރާތައް ކުރިއަށް ގެންދިއުމުގައި މެދުވެރިއެއްގެ ގޮތުގައި އެންމެ ބޮޑު އެއްބާރުލުމެއް ދެމުންދަނީ ޕާކިސްތާނުގެ ސަރުކާރުން ކަމަށް ޚަބަރު ލިބެއެވެ.