2 އަހަަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކުއްޖާގެ ބައްޕަ ފިލައިފިއެވެ.

ރާއްޖޭގެ ދެކުނުގެ ރަށެއްގައި 2 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެފައި ވާ އިރު އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވެނީ އެ އާއިލާގެ ތިން މެންބަރަކަށެވެ. އޭގެ ތެރެއިން އެ ކުއްޖާގެ ބައްޕަ ފިލައިފި ކަން "ދަ ޕްރެސް" އަށް ކަށަވަރު ވެއްޖެއެވެ.

2 އަހަރުގެ އަންހެން ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވެނީ އެ ކުއްޖާގެ ބައްޕައާއި ކާފައާއި މުނި ކާފައަށެވެ. އޭގެތެރެއިން ފިލާފައި ވަނީ ކުއްޖާގެ ބައްޕައެވެ. "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން އެރަށުގެ މީހަކު ބުނީ، ޖިންސީ ގޯނާ ކުރިކަން ކުއްޖާގެ ބޮޑުދައިތަ (މަންމަ ފަރާތު ބޮޑުދައިތަ) އަށް އެނގިގެން ކުއްޖާ ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި ފުލުހުންނަށް މައްސަލަ ހުށަހެޅި ކަމަށެވެ. އަދި ބުދަދުވަހުގެ ރޭގެ ވަގުތެއްގައި 2 އަހަރު ކުއްޖާގެ ބައްޕަ ގެއްލިގެން އުޅޭ ކަމަށް ހަބަރު ލިބުނު ކަމަށާއި، ރަށު ތެރެއިން އޭނާ ފެނިފައި ނުވާ ކަމަށް އެރަށު މީހަކު ބުނެއެވެ.

ދެކުނުގެ ރަށެއްގައި މި ހާދިސާ ހިނގާފައިވާ އިރު އެ އަތޮޅުގެ އެއާޕޯޓަށް ފުރަން ދިޔަ އެރަށުގެ ބަޔަކަށް 2 އަހަރުގެ ކުއްޖާގެ ބައްޕަ ބުރާސްފަތި ދުވަހުގެ ފަތިހުގެ ވަގުތެއްގައި ފެނިފައިވާ ކަމަށް އޭނާ ކިޔައިދިނެވެ. އަދި އެމީހާ، އެ ރަށު މީހުން މާލެ ދިޔަ ޕްލައިޓުން ދަތުރު ނުކުރާ ކަމަށް ވެސް އޭނާ ބުނެއެވެ. މީގެ އިތުރުން ކުއްޖާގެ ކާފަ އާއި މުނިކާފަ ރޭގެ ވަގުތެއްގައި ފުލުސް އޮފީހަށް ގެންދިޔަ ކަމަށާއި ނަމަވެސް މިހާރު އެމީހުން ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ނޫން ކަމަށް ވެސް އެފަރާތުން މައުލޫމާތު ދެއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ ރާއްޖޭގެ ދެކުނުގެ ރަށެއްގައި އުމުރުން ދުވަސްވީ މީހަކު 2 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ މައްސަލައެއް މިދިޔަ ބުދަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. މި މައްސަލާގައި އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް މި މައްސަލަ ފުލުހުން ވަރަށް ސީރިއަސް މައްސަލައެއް ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެއް އާއިލާއަކަށް ނިސްބަތްވާ 3 މީހުން 2 އަހަރުގެ ކުޑަކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވާ އިރު، އޭގެތެރެއިން އެ ކުއްޖާގެ ކާފައާއި މުނި ކާފައަކީ މީގެ ކުރިންވެސް ރަށުތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ ކަމަށް ބުނާ ދެމީހުންނެވެ. މަގުމަތީގައި ކުޅެން އުޅޭ ކުދިންނަށް ފައިސާ ދީގެން ހައްދާލައިގެން ކުދިން ގެންދާ ކަމާއި، މީގެ ކުރިންވެސް އެކުއްޖާގެ މުނިކާފަ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ހުށަހަޅާފައި ވާނެކަމަށްވެސް އެރަށު މީހަކު ބުނެއެވެ.

2 އަަހަރު ކުއްޖާގެ ކާފައަކީ އެރަށުގެ މުދިމެއް ކަމަށާއި އޭނާ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާތީ އޭނާގެ ފަހަތުގައި ރަށުގެ ގިނަ ބަޔަކު ނަމާދު ނުކުރާކަމަށްވެސް އެރަށު މީހަކު ބުނެއެވެ.

ޖިންސީ ގޯނާގެ ޝިކާރައަކަށް ވީ އުމުރުން 2 އަަހަރުގެ އަންހެން ކުއްޖާ މިހާރު ވަނީ ޖެންޑާގެ ބެލުމުގެ ދަށުން މާލެ ގެނެސްފައިކަން އެނގޭއިރު މި މައްސަލައާ ގުޅިގެން ޖެންޑާއިން އެއްވެސް އެއްޗެއް ބުނަން ވަނީ އުޒުރުވެރިވެފައެވެ.