ރާއްޖޭގެ ދެކުނުގެ ރަށެއްގައި 2 އަހަރުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެފައިވާ އިރު އެ ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވެނީ އެ ކުއްޖާގެ ބައްޕައާއި ކާފައާއި މުނިކާފައަށް ކަން ހާމަވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައިވާ 2 އަހަރުގެ ކުޑަ ކުއްޖާއަކީ އަންހެން ކުއްޖެކެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން އެމީހުން ނިސްބަތްވާ ރަށުގެ މީހަކު ބުނީ، 2 އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވެނީ އެ ކުއްޖާގެ ބައްޕައާއި ކާފައާއި މުނިކާފައަށް ކަމަށެވެ. އެ ކުއްޖާގެ ކާފައަކީ އެ ރަށުގައި މުދިންކަން ކުރާ މީހެއް ކަމަށާއި އެކުއްޖާގެ ކާފައާއި މުނިކާފައަކީ ރަށުގައި މަގުމަތީގައި އުޅޭ ކުޑަކުދިންނަށް ވެސް ޖިންސީ ގޯނާ ކުރަން މަސައްކަތް ކުރާ ބައެއްކަން ރަށުގެ މީހުންނަށް އެނގޭ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެގޭގައި އުޅޭ ހަމައެކަނި އަންހެނަކީ އެކުއްޖާގެ މަންމައެވެ. ނަމަވެސް އެ ކުއްޖާގެ މަންމަ މި މަހުގެ 13 ވަނަ ދުވަހު މާލެއަށް ދިޔަ އިރު އެ ކުއްޖާގެ ބޮޑުދައިތަ (މަންމަ ފަރާތު ބޮޑުދައިތަ) ކައިރީ ބެހެއްޓުމަށް ބުނުމުން ކުއްޖާގެ ބައްޕަ އެކަމަށް ދެކޮޅު ހަދައި ބައްޕަ ކައިރީ އެ ކުއްޖާ ބެހެއްޓި ކަމަށް އެފަރާތުން ބުނެއެވެ. އަދި އެ ގޭގައި އިތުރު އަންހެނަކު ނުހުންނާތީ ކުއްޖާ ރީތިކޮށް ހަދަން ބޮޑުދައިތަ ދާ ކަމަށް ބުންޏެވެ.

މި ދިޔަ ބުދަ ދުވަހު 2 އަހަރުގެ ކުއްޖާ ފާހާނާއަށް ދިޔުމުން އޭ ދޮއްވާ ރީތިކުރަން ބޮޑުދައިތަ އުޅުމުގެ ތެރޭގައި، ކުއްޖާގެ ލަދުވެތި ގުނަވަނަށް ތަދުވާތީ އުޅުނު ކަމަށާއި، ތަދުވަނީ ކީއްވެތޯ ސުވާލު ކުރުމުން އެ ކުއްޖާއަށް އެކަން ކުރީ ބައްޕަކަމަށް ބުނިކަމަށް މައުލޫމާތު ދިން ފަރާތުން ބުނެއެވެ. އަދި އެހިސާބުން ވަގުތުން ކުއްޖާ ގޮވައިގެން ބޮޑުދައިތަ ހޮސްޕިޓަލަށް ދިޔަ ކަމަށާއި، ކުއްޖާ ބެލި ޑޮކްޓަރުން ވެސް ތިބީ ކުއްޖާއަށް ވެފައި އޮތް ވަރު ފެނި ފެންކަޅިވެފައި ކަމަށް އެފަރާތުން ބުނެއެވެ.

"ޑޮކްޓަރުން ތިބީ ރޮވިފައި، ފެންކަޅިވެފައި، ޝޮކެއްގައި، ޑޮކްޓަރުން ބުނީ ކުއްޖާއަށް އެހެން ހެދީ އިންސާނެއް ނޫނޭ."
އެ ރަށު މީހެއް

"ދަ ޕްރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޖިންސީ ގޯނާގެ ޝިކާރައަކަށްވި 2 އަހަރުގެ އަންހެން ކުއްޖ، ޖެންޑާގެ ބެލުމުގެ ދަށުން ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި ވަނީ މާލެއަށް ގެންގޮސްފައެވެ. މިކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ޖެންޑާއިން އެއްވެސް އެއްޗެސް ބުނަން ވަނީ ދެކޮޅު ހަދާފައެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، ރާއްޖޭގެ ދެކުނުގެ ރަށެއްގައި އުމުރުން ދުވަސްވީ މީހަކު ދެ އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ މައްސަލައެއް މިދިޔަ ބުދަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. މި މައްސަލާގައި އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނާއިރު، މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއް ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ކުޑަކުއްޖކަށް ފައިސާ ދެނީ / ފޮޓޯ: ސޯޝަލް މީޑިއާ

އެ ރަށުގެ މީހަކު "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ބުނީ، އެ ކުއްޖާގެ ކާފައާއި މުނިކާފައަކީ ވަރަށް ގިނައިން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ ބައެއް ކަމުގެ ވާހަކަ ދެކެވޭ ކަމަށާއި އެ ގޭގައި ދޭތެރެ ދޭތެރެއިން އެފަދަ މައްސަލަތައް ހިނގާ ކަމަށެވެ. އެގޮތުން މަގުމަތިން ދާ ކުދިން ގެއަށް ގެންގޮސްދިނުމުގެ ނަމުގައި ފައިސާ ދީ ހައްދާލައިގެން ގެންދާ ކަމަށް ވެސް މައުލޫމާތު ލިބިފައި ވެއެވެ.

"ދޭތެރެ ދޭތެރެއިން އެ މައްސަލަ ޖެހޭ އެގޭގަ. މަގުމަތިން ދިމާވާ ކުދިން ހިނގާށޭ ގެއަށް ދާން ކިޔައިގެން ގެންދޭ. ދެން 5 ރުފިޔާ ނުވަތަ 10 ރުފިޔާ ދީގެން ހައްދާލައިގެން ކުދިން ދޭތެރެ ދޭތެރެއިން އެގެއަށް ގެންދޭ. ވަރަށް ގިނައިން އުމުރުން ދުވަސްވީ މީހާ (އެ ކުއްޖާގެ މުނިކާފަ) ލާރި ކުދިކޮށް މާރުކޮށްގެން ހިފައިގެން ނުކުމެ ރަށުތެރޭ ކުޑަ އަންހެން ކުދިންނަށް ބަހާ ހަދާ."
އެރަށު މީހެއް

އެ ކުއްޖާގެ މުނި ކާފައަކީ ފައިސާ ހިފައިގެން މާރުކޮށްގެން ނުކުމެ ރަށުތެރޭ މަގުމަތީގައި އުޅޭ ކުޑަ އަންހެން ކުދިންނަށް ބަހާ މީހެއް ކަމަށާއި ތަންކޮޅެއް ކުރިން އެގޮތަށް ނުކުމެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރަން އުޅުނު މައްސަލައެއްގައި ރަށުތެރެއިން މީހަކު ނުކުމެ އެމީހާގެ ގައިގައި ޖަހާފައިވާ ކަމަށްވެސް އެރަށު މީހަކު ބުނެއެވެ. އެ ކުއްޖާގެ މުނިކާފަ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ކުރިންވެސް ރިޕޯޓުކޮށްފައިވާ ކަމަށާއި އެ މައްސަލަ ކޯޓުގައި މަޑުޖެހިފައިވާ ކަމަށްވެސް އެފަރާތުން ބުނެއެވެ.

2 އަހަރު ކުއްޖާގެ ކާފައަކީވެސް އެފަދައިން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހެއް ކަމަށާއި އޭނާއަކީ ރަށުގައި މުދިންކަން ކުރާ މީހެއް ކަމަށް އެރަށު މީހަކު ކިޔައިދިނެވެ. އެމީހުން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާތީ އެކަމާ ރަށު މީހުން ވަރަށް ނުރުހޭ ކަމަށްވެސް އޭނާ ބުނެއެވެ. އެގޮތުން 2 އަހަރު ކުއްޖާގެ ކާފަ މުދިމަކަށް ހުންނާތީ ރަށުގެ ބައެއް މީހުން އޭނާގެ ފަހަތުގައ ނަމާދަށް ވެސް ނާރާ ކަމަށް އޭނާ ބުނެއެވެ.

"މަގުމަތީގައި އާންމުކޮށް ކުޅެން ނުކުމެ އުޅޭ ކުދިންނާ އެމީހުން ބެހެނީ. ދެން މުދިމު އެހެން އުޅޭތީ ވަރަށް ރުޅިއަންނާނެ ރަށު މީހުން. އޭނަގެ ފަހަތުން ނަމާދަށްވެސް ނާރާނެ އެހެން އުޅޭތީ."
އެ ރަށު މީހެއް

މި އަހަރު ތެރޭ، 2 އަހަރު ކުއްޖާގެ މުނި ކާފަ މަގުމަތިން އެހެން ކުޑަކުއްޖަކަށް ގޯނާ ކުރި މައްސަލައެއް ފުލުހަށް ހުށަހެޅި ކަމަށްވެސް އެ ރަށު މީހަކު ބުނެއެވެ. އަދި އެއީ މީސްމީޑިއާގައި މިހާރު އާންމުވެގެން އުޅޭ ވީޑިއޯއާ ގުޅުން ހުރި މައްސަލަ ކަމަށްވެސް އޭނާ ބުނެއެވެ.

ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތައް އާންމުވަމުން އަންނަ އިރު ދާދި ފަހުން ފިހާރާއެއްގެ ތެރެއިން ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގެ އިތުރުން، މާލެއަށް ދަތުރު ކުރި ބޯޓެއްގެ ތެރޭގައި ފަޅުވެރިއަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ.