ވެލާނާ އިންޓްނޭޝަނަލް އެއާޕޯޓުގައި އަލަށް ބިނާކުރަމުންދާ ސީޕްލޭން ޓާމިނަލާ ބެހޭގޮތުން ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ދެއްކެވި ވާހަކަތައް މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) އިން ދޮގުކޮށްފިއެވެ.
އެމްއޭސީއެލުން ބުނީ، އެންމެ މީހަކު ދައްކާ ވާހަކަތަކަށް ބިނާކޮށް މީޑިއާއިން ހަބަރުތައް ގެނެސްދޭތީ އެކަމާ ހިތާމަ ކުރާ ކަމަށެވެ. އަދި މީގެ ކުރިން ހާމަކުރި ފަދައިން ސީޕްލޭން ޓާމިނަލް ވަކި ފަރާތަކަށް ދޭން ނުނިންމާ ކަމަށް އެމްއޭސީއެލުން ބުނެއެވެ.
އެމްއޭސީއެލުން މިހެން ބުނީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްއޭސީއެލް)ގެ ސީޕްލޭން ޓާމިނަލް ޓްރާންސް މޯލްޑިވްސް އެއާލައިން (ޓީއެމްއޭ)އަށް ވަރަށް އަވަހަށް ހަވާލުކުރާނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވިދާޅުވެ ޔައުގޫބް ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ. އެތަން ޓީއެމްއޭއަށް ހަވާލުކޮށްފި ކަމަށްވާނަމަ އެކަމެއް ކުރި ބަޔަކު ޖަވާބުދާރީ ކުރުވަން ފަސްޖެހިވަޑައި ނުގަންނަވާނެ ކަމަށާއި ސީޕްލޭން ޓާމިނަލްގެ މައްސަލަ މާލިއްޔަތު ކޮމެޓީން ބަލާ ފިޔަވަޅު އަޅާނެ ކަމަށް ވެސް ޔައުގޫބު ވިދާޅުވެފައިވެއެވެ.
އާ ސީޕްލޭން ޓާމިނަލްގެ ޖާތައް ކުއްޔަށްދިނުން އެމްއޭސީއެލްއިން މަޑުޖައްސާލާފައި ވާއިރު، އެ ކުންފުނިން ބުނެފައި ވަނީ އާ ސީޕްލޭން ޓާމިނަލް އާއި ވީވީއައިޕީ އިމާރާތް ހިންގާ ބަލަހައްޓާނީ އެކުންފުނިން ކަމަށެވެ. ނަމަވެސް އެކި އެކި ސީޕްލޭން އޮޕަރޭޓަރުންގެ އޮޕަރޭޝަން ހިންގާނީ، އޮޕަރޭޝަނަށް ބޭނުންވާ ޖާގަ އެޓާމިނަލުން ކުއްޔަށް ހިފައިގެން ކަމަށް އެމްއޭސީއެލުން ބުނެއެވެ.
އެމްއޭސީއެލް އިން ބުނީ އެ ކުންފުންޏާއި ސީޕްލޭން އޮޕަރޭޓަރުންނާއި ދެމެދު ޓާމިނަލްއިން ޖާގަ ކުއްޔަށް ދިނުމަށް މަޝްވަރާތަކެއް ކުރެވުނު ކަމުގައި ވީނަމަވެސް މިހާތަނަށް އައި އިރު، އެއްވެސް އޮޕަރޭޓަރަކާއެކު އާ ސީޕްލޭން ޓާމިނަލްއިން ޖާގަ ކުއްޔަށް ދިނުމަށް އެއްބަސްވެވިފައެއްނުވާ ކަމަށެވެ. އަދި ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުގެ މަތިން މިވަގުތު އެ މަޝްވަރާތައް މަޑުޖައްސާލާފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.
އެމްއޭސީއެލުން ބުނެފައިވާ ގޮތުގައި، 4 ފަންގިފިލާއަށް އިމާރާތްކުރެވޭ ސީ ޕްލޭން ޓާމިނަލަކީ 26 މިލިއަން ޑޮލަރު ހަރަދުކުރެވިގެން އިމާރާތްކުރެވޭ ތަނެކެވެ. އަދި އެ ކޮމްޕްލެކްސްގައި 28،000 އަކަ މީޓަރުގެ ސީޕްލޭން ޓާމިނަލަކާއި، 1 ފަންގިފިލާގެ 120 އަކަމީޓަރުގެ ވީއައިޕީ އިމާރާތެއް ހިމެނޭ ކަމަށް އެމްއޭސީއެލުން ބުނެއެވެ.