އުމުރުން ދުވަސްވީ މީހަކު، 2 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކޮށްފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ ރާއްޖޭގެ ދެކުނުގެ ދެކުނުގެ ރަށެއްގައި އުމުރުން ދުވަސްވީ މީހަކު ދެ އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ މައްސަލައެއް އިއްޔެ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލާގައި އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައެއް ނުވެއެވެ. ނަމަވެސް މި މައްސަލަ ފުލުހުން ވަރަށް ސީރިއަސް މައްސަލައެއް ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

މި ފަހަކަށް އައިސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތައް ރިޕޯޓު ކުރަމުންދާ މިންވަރު އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ. އެގޮތުން މިދިޔަ އާދިއްތަ ދުވަހު، ފިހާރައެއްގައި މަސައްކަތް ކުރާ އުމުރުން 17 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. މި މައްސަލަ ޖެންޑާއަށް ރިޕޯޓް ކޮށްފައިވާއިރު، މި މައްސަލަ ރައްދުވާ ކުއްޖާ މިހާރު ވަނީ ރައްކާތެރި މާހައުލެއްގައި ކަމަށް ވެސް ޖެންޑާއިން ބުނެފައިވެއެވެ.

މީގެ އިތުރުން މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ބޯޓެއްގައި ދެ އަންހެން ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ. މި މައްސަލައިގައި 18 އަހަރުން ދަށުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައި ވަނީ އެ ދޯނީގެ ފަޅުވެރިއަކަށް އުޅުނު އުމުރުން 44 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މައްސަަ ރިޕޯޓު ކުރުމާއި ގުޅިގެން އެ ބޯޓު މާލެއަށް ލެފި ވަގުތު ޕޮލިހުން ވަނީ އެ މީހާ ހައްޔަރު ކޮށްފައެވެ.