ދިވެހި ސިވިލް ސާވިސްގެ ގަވާއިދު 2014 އަށް އިސްލާހު ގެނައުމަށް އާންމު ރައްޔިތުންގެ ހިޔާލު ހުށަހަޅަން ހުޅުވާލައިފިއެވެ.

ސިވިލް ސާވިސް ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ސިވިލް ސާވިސްގެ ގަވާއިދަކީ އާންމު ރައްޔިތުންނާއި، ސަރުކާރުގެ އިދާރާތަކާއި ސިވިލް ސާވިސް މުވައްޒަފުންގެ ހައްގުތަކާއި މަސްލަހަތުތަކާ ގުޅުން ހުރި ވަރަށް މުހިންމު ގަވާއިދެއް ކަމަށެވެ. އެގޮތުން ސިވިލް ސާވިސް ގަވާއިދު މުރާޖައާކޮށް، އެ ގަވާއިދަށް އިސްލާހު ގެނައުމުގެ މަސައްކަތް އެ ކޮމިޝަނުން ކުރަމުން އަންނަ ކަމަށެވެ.

އެ ގަވާއިދަށް ގެނެވޭ އިސްލާހުތަކަކީ އެންމެހާ ރައްޔިތުން އަދި ވަކިން ހާއްސަކޮށް ސިވިލް ސާވިސްގެ މުވައްޒަފުންގެ ބިނާ ކުރަނިވި ހިޔާލާއި މަޝްވަރާއާ އެކު ގެނެވޭ އިސްލާހުތަކަކަށް ވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ކޮމިޝަނުން ބުނެއެވެ. އެހެންކަމުން ސިވިލް ސާވިސްގެ ގަވާއިދަށް ގެންނަން ފެންނަ އިސްލާހުތަކާ ގުޅޭ ހިޔާލުތައް ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައި ކަމަށް އެފަރާތުން ބުނެއެވެ.

މިއަދުން ފެށިގެން އެއް މަސް ދުވަހުގެ މުއްދަތަށް، ދިވެހި ސިވިލް ސާވިސްގެ ގަވާއިދަށް ގެންނަން ފެންނަ އިސްލާހުތަކާ ގުޅޭ ހިޔާލުތައް އީމެއިލް އަދި ސިވިލް ސާވިސް ކޮމިޝަނުގެ ވެބްސައިޓު ނުވަތަ ސިޓީގެ ޒަރީއާއިން ކޮމިޝަނަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެ ކޮމިޝަނުން ނެރުނު އިއުލާނުގައި ބުނެއެވެ.