ލައިސަންސް ނެތް ދެ މީހުން ދުއްވި ދެ ސައިކަލު އެކްސިޑެންޓްވެ ދެ މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ ހުޅުމާލެ ނިރޮޅުމަގުން އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ދެ ސައިކަލުން އެއް ސައިކަލު އަނބުރާލަން އުޅުމުގެ ތެރޭގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިންގާފައިވާ ކަމުގހެ މައުލޫމާތު ރޭ 10:41 ގައި ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގައި އެތަނުން އެއް ސައިކަލު ދުއްވަން އިން 39 އަހަރުގެ ދިވެހި އަންހެނަކާއި އެ ސައިކަލުގެ ފަހަތުގައި އިން 40 އަހަރުގެ ދިވެހި އަންހެނަކަށް އެކި ވަރުގެ އަނިޔާ ލިބިފައި ވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ނަމަވެސް އެއްވެސް މީހެއްގެ ހާލު ސީރިއަސް ނޫން ކަމަށްވެސް ފުލުހުން ބުނެއެވެ.

އެކްސިޑެންޓް ވި އަނެއް ސައިކްލުގައި އިނީ 19 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓުގައި، ދެ ސައިކްލު ދުއްވި ދެ މީހުންނަކީވެސް ސައިކަލު ދުއްވުމުގެ ލައިސަންސް ނޯންނަ ދެ މީހުން ކަމަށެވެ. އަދި ލައިސަންސް ނެތި ސައިކަލު ދުއްވުމުން އެ ދެމީހުން ޖޫރިމަނާ ކޮށްފައިވާ ކަމަށާއި އެ ދެމީހުން ދުއްވި ސައިކަލު ވަނީ ޓޯ ކުރެވިފައި ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ. އަދި މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.