ހިމަބިހި ވެކްސިންގެ ދެ ޑޯޒް ޖަހާ ހަމަކުރާނެ ގޮތް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް ކިޔައިދެއްވައިފިއެވެ.

ފައިސަލް ވިދާޅުވީ ހިމަބިހި ވެކްސިންގެ ދެ ޑޯޒް ހަމަކުރާނެ ގޮތަކީ:

  • މީސްލްސްގެ ދެ ޑޯޒް ޖެހުން
  • މީސްލްގެ އެއް ޑޯޒާއި އެމްއާރް ވެކްސިންގެ އެއްޑޯޒު ޖެހުން
  • އެމްއެމްއާރް ގެ އެއް ޑޯޒާއި އެމްއާރްގެ އެއް ޑޯޒް ޖެހުން
  • މީސްލްސް ގެ އެއް ޑޯޒާއި އެމްއެމްއާރްގެ އެއް ޑޯޒް ޖެހުން
  • އެމްއެމްއާރް ގެ ދެ ޑޯޒް ޖެހުން
  • އެމްއާރް ގެ ދެ ޑޯޒް ޖެހުން

މި ދެ ޑޯޒް ހަމަނުކޮށް އެއް ވެކްސިން ޖަހާފައިވާނަމަ އެއީ މީސަލްސް (ހިމަބިހި) ކަމަށާއި ދޭތި އޮތްނަމަ އެއީ ކޯފުއްޕީގެ "މަމްޕްސް" ހިމަނާފައި ކަމަށްވެސް ފައިސަލް ވިދާޅުވެއެވެ.

ދެ ޑޯޒް ހަމަކޮށް ވެކްސިން ޖަހާއިރު ބަލަން ޖެހެނީ އޭގެ ތެރެއިން ކޮންމެވެސް އެއް ގޮތަކަށް ދެ ޑޯޒް ހަމަކުރެވިފައި ވޭތޯ ކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.

ރާއްޖެއަކީ މީސަލްސް ނުވަތަ ހިމަބިހިން ސަލާމަތްވެފައިވާ ގައުމަކަށް ހެދުމުގެ ފެށި ކެމްޕޭނުގައި، އެމްއާރް ވެކްސިން ދީފައި ވަނީ އުމުރުން 15 އަހަރާއި 25 އަހަރާ ދެމެދުގެ އެންމެންނަށާއި އަށް އަހަރާއި 14 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން، މީސަލްސް އަދި އެމްއެމްއާރް ވެކްސިންގެ ދެ ޑޯޒު ހަމަވިކަން ކަށަވަރު ނުވާ ކުދިންނަށެވެ. ނަމަވެސް ރާއްޖޭގައި އެމްއެމްއާރު ވެކްސިން އާއްމުކޮށް ޖަހަނީ އުމުރުން 18 މަހުގައެވެ. އެއީ މީސަލްސް ވެކްސިންގެ ދެވަނަ ޑޯޒެވެ. ފުރަތަމަ ޑޯޒް ދެނީ އުމުރުން ނުވަ މަހުގައެވެ.

ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ގައުމެއް ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ކަނޑައެޅީ 2017 ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ. ނަމަވެސް މިހާރު މި ވަނީ އަނެއްކާވެސް ހިމަބިހި ފެރުރެންފަށާފައެވެ. ރާއްޖޭގައި މިހާރު ހިމަބިހި ފެތުރެމުން ދާއިރު، ވެކްސިން ދިނުން ހުއްޓާލި 3 އަހަރުގެ ކުއްޖަކަށާއި، 30 އަހަރުގެ މީހަކު ވަނީ ހިމަބިއްސަށް ޕޮޒިޓިވްވެފައެވެ. އަދި 17 އަހަރުގެ ކުއްޖަކަށް ޝައްކު ކުރެވިގެން ޓެސްޓުކުރުމުން އެކުއްޖާ ވަނީ ހިމަބިއްސަށް ނެގެޓިވް ވެފައިވާ ނަމަވެސް ހިމަބިއްސަށް ޕޮޒިޓިވް މި ތިންވަނަ މީހަކު ފެނިފައި ވަނީ މިދިޔަ އަންގާރަ ދުވަހެވެ.

ގައިންގަޔަށް އަރާ ބަލިތަކުން ތުއްތުކުދިން ރައްކާތެރި ކުރުމަށް ރާއްޖޭގައި ވެކްސިން ދޭން ފަށާފައި ވަނީ 1976 ވަނަ އަހަރުއެވެ. އަދި ހިމަބިހިން ރައްކާތެރިވުމަށް މީސަލްސް ވެކްސިން ދޭން ފަށާފައި ވަނީ 1983 ވަނަ އަހަރުއެވެ.

ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ގައުމެއް ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ކަނޑައެޅީ 2017 ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ. އެއާއެކު، ރާއްޖެ ވެފައި ވަނީ އޭޝިއާ ސަރަހައްދުގައި ވެސް އެންމެ ފުރަތަމަ ހިމަބިހި ނައްތާލެވުނު ދެ ގައުމުގެ ތެރެއިން އެއް ގައުމަށެވެ. ރާއްޖެއާ އެކުގައި ހިމަބިހި ނައްތާލެވިފައިވާ އަނެއް ގައުމަކީ ބޫޓާނެވެ.