ވެކްސިން ނުޖަހާ ތިބި 18 އަހަރުން ދަށުގެ ކުދިންގެ ދަފްތަރެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ހެލްތް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ ވެކްސިން ނުޖަހާ ތިިބި މީހުންގެ ތެރެއިން 18 އަހަރުން ދަށުގެ ކުދިންގެ ދަފްތަރެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މި ހަފްތާ ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ތިބި ވެކްސިން ނުޖަހާ ކުދިންގެ މައުލޫމާތު ލިބޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިހާތަނަށް 48 ރަށަކުން މައުލޫމާތު ލިބިފައިވާ ކަމަށާއި އިތުރު ރަށްތަކުގެ މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.

"ގަސްތުގައި ވިޔަސް ނުވަތަ އޮޅިގެން ވިޔަސް 18 އަހަރުން ދަށުގެ ވެކްސިން ނުޖަހާ މީހުންގެ ދަފްތަރެއް އެކުލަވައިލުމުގެ މަސައްކަތް އެބަކުރަން، އުންމީދު ކުރަނީ މާދަމާ ލިސްޓުގެ ބޮޑު ބައެއް އެކުލަވައިލެވޭނެ ކަމަށް،" އަމީން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މާލޭ ސަރަހައްދުގެ ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ މީހުންނާއި ހިމަބިހި ފެނުނު ސަރަހައްދުތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ގޭގެއަށާއި އެސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އަމާޒުކޮށް ވެކްސިން ދެވިފައިވާ ކަމަށެވެ.

"މިއާ ގުޅިގެން ހިންގުނު ހަރަކާތްތަކުގެ ތެރެއިން ވެކްސިން ދެވުނީ ގާތްގަނޑަކަށް 1240 ފަރާތް ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބިފައިވަނީ، އިއްޔެ އާއި މިއަދާ އަޅުގަނޑުމެންނަށް ދެވިފައިމިވަނީ، އަދިވެސް އެމަސައްކަތް ކުރިއަށް އެބަދޭ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ސީދާ ބައްޔަށް ޝައްކު ނުވިނަމަވެސް ހުން އައުމާއި މިނޫންވެސް އަލާމްތަކާއި ގުޅިގެން ޓެސްޓްތައް ކުރަމުންދާ ކަމަށެވެ. އެގޮތުން މިއަދު 15 ފަރާތެއް ޓެސްޓް ކުރެވުނު ކަމަށާއި އެންމެންވެސް ހިމަބިއްސަށް ނެގެޓިވް ވެފައިވާ ކަމަށެވެ. އަދި ބަލި ހުރި އިތުރު މީހަކު ފެނިފައިނުވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ސަރުކާރުން މިކަމާ ގުޅިގެން އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތައްއެޅި، ފެތުރިއްޖެ ހިނދެއްގައި ވާންޖެހޭ ހުރިހާ ތައްޔާރީއެއްވެފަ، ވެކްސިން ޖެހުމާ ދެކޮޅު ފަރާތްތައް ވެކްސިން ޖެހުމަށް އިލްތިމާސް ކުރަން، ވެކްސިން ޖެހޭނެ އިންތިޒާމްތައް މިވަނީ ހަމަޖެހިފަ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކްލިނިކަލް ޓްރެއިނިން ދިނުމުގެ މަސައްކަތް ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށް ގެންދަވާ ކަމަށެވެ. އެގޮތުން މާލެ ސަރަހައްދު ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރާ ބޭފުޅުންނާއި ސިއްހީ ހިދުމަތްތެރިންނަށް އެކަމާބެހޭ މައުލޫމާތު ފޯރުކޮށްދެމުންދާ ކަމަށެވެ. އެޕްރޮގްރާމަކީ ހިމަ ބިއްސަށް އިތުރަށް އަހުލުވެރި ކުރުވަން ހިންގާ ޕްރޮގްރާމެއް މި ޕްރޮގްރާމްގެ ދަށުން 108 ފަރާތަކަށް ތަމްރީން ދެވިފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ފާހަގަ ކުރެވުނު ފަރާތްތަކަށް ވެކްސިން ދެވި، އެސަރަހައްދުގައި ހިމެނޭ ވަރަށް ގިނަ ފަރާތްތަކަށް މިވަނީ ވެކްސިން ދެވިފަ،" މިނިސްޓަރު ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ޔުނިސެފް މެދުވެރިކޮށް ޕްރޮކިއު ކުރެވުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށާއި އެގޮތުން ހަތް ދުވަހާއި 10 ދުވަހުގެ ތެރޭގައި ފުރަތަމަ ލިބެންޖެހޭ ވެކްސިން ލިބޭނެ ކަމަށެވެ. އަދި ވެކްސިން ރައްކާ ކުރުމާއި އެހެން ސަރަހައްދުތަށް ފޯރުކޮށް ދިނުމަށް ކުރަން ޖެހޭ މަސައްކަތްތައްވެސް މިހާރު ކުރެވެމުންދާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ހެލްތް މިނިސްޓްރީގައި ޓާސްކް ފޯހެއް އެކުލަވާލެވިފައިވާ ކަމަށެވެ. އެ ޓާސްކް ފޯހުގައި ކަމާބެހޭ ހުރިހާ އިދާރާތަކާއި ޔުނިސެފާއި ޑަބްލިއުއެޗްއޯއާ އެހެނިހެން މުހިންމު މުއައްސަސާތައް ހިމެނިފައި ވާނެ ކަމަށެވެ.