އަތޮޅުތެރޭ ރަށްރަށުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ޓީމެއް ފުރާގޮތަށް ހަމަޖެހިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އިކޮނޮމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މި ހަފްތާތެރޭ އަތޮޅުތެރޭ ރަށްރަށުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ބެލުމަށް މިނިސްޓްރީން ޓީމެއް ފުރާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެފަދަ ބިދޭސީން ރަޖިސްޓްރީ ކޮށް ނިމޭނެ ވަކި ދުވަހެއް އެނގޭނީ އެ ރަށްރަށުގައި އުޅޭ ބިދޭސީންގެ މައުލޫމާތު އެނގުމުން ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މީގެ އިތުރުން އިކޮނޮމިކް މިނިސްޓްރީން ބުނީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ރަޖިސްޓްރީ ކޮށްފައިވާ އަދަދު ވަރަށް އަވަހަށް އެ މިނިސްޓްރީން ބާއްވާ ޕްރެސް ރިލީސެއްގައި އަންގާނެ ކަމަށެވެ.

ގާނޫނާ ހިލާފަށް އުޅޭ ބިދޭސީން ގާނޫނުގެ އިމުގެ ތެރެއަށް ވެއްދުމަށް 'ރެގިއުލަރައިޒޭޝަން ޕްރޮގްރާމް' ފަށާފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުގައެވެ. މިހާތަނަށް އައި އިރު 10،000 އެއްހާ ބިދޭސީން ރަޖިސްޓްރީކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ އިރު އަދިވެސް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ރަޖިސްޓްރީ ކުރުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީން ދަނީ ކުރަމުންނެވެ.

ގާނޫނާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު ދޮޅު ލައްކައަށް އަރާނެ ކަމަށާއި، ސީދާ އަދަދު އެނގިވަޑައި ނުގަންނަވާ ކަމަށް މިނިސްޓަރު ފައްޔާޒް ވިދާޅުވެފައި ވާއިރު، މި އަދަދުގެ ދެބައިކުޅަ އެއްބަޔަކީ ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ކަމަށް އިމިގްރޭޝަންގެ ތަފާސް ހިސާބުތައް ދައްކައެވެ. މިހާތަނަށް އައި އިރު އިންސާނީ ވަގުފާރިއަށް މަގުފަހިވާ ގޮތަށް ބިދޭސީ މަސައްކަތްތެރިން ގެނައުމުގައި އަމަލުކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ ޖުމްލަ 27 މައްސަލައެއް ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.