އަމިއްލަ ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމަށް ކޮންމެ ދުވަހަކުވެސް އެންމެ 0.30 ޑޮލަރު ޚަރަދު ކޮށްގެން އުޅެމުން ދިޔަ އުމުރުން 24 އަހަރުގެ ވޫ ހުއާޔާން މަރުވެއްޖެއެވެ.

ވޫގެ ވާހަކަ މީޑިއާގެ ސަމާލުކަމަށް އައީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ފަހުކޮޅުގައެވެ. ނަމަވެސް އޭނާ އެހާލުގައި އުޅޭތާ އޭރުވެސް 5 ވަރަކަށް އަހަރު ވެދާނެއެވެ. ސިއްހީ މައްސަލަތަކެއް ހުރެގެން ހޮސްޕިޓަލަކާ ހަމައަށް ވޫއަށް ދެވުނު ހިސާބުން މުޅި ދުނިޔޭގެ ލޯތްބާއި ހަމްދަރުދީ އޭނާއަށް ލިބުނެވެ.

ހޮސްޕިޓަލަށް ދިޔައިރު އޭނާގެ އިސްކޮޅުގައި ހުރީ 4 ފޫޓު 5 އިންޗިއެވެ. ބަރުދަނުގައި ކިރިއާ 20 ކިލޯ ހަމަވާނީއެވެ. ފައިސާގެ ދަތިކަން ކުރިމަތިވެ، ލިބުނު ފައިސާ ކޮޅުން ކޮއްކޮގެ ބައްޔަށް ބޭސްކުރަމުން ދިޔަ ވޫއަށް ރަނގަޅު ކާނާ ނުލިބި އުޅެންޖެހުމުގެ ސަބަބުން އޭނާއަށް ވަނީ ހިތުގެ ބައްޔާއި ކިޑްނީ ބަލިވެސް ޖެހިފައެވެ. އޭރު އޭނާއަކީ ޔުނިވާސިޓީ ތައުލީމުގެ އެންމެ ފަހު މަރުހަލާގައި ކިޔަވަމުންވެސް ދިޔަ ދަރިވަރެކެވެ.

ވޫ އެހާމެ ޅަ އިރު މައިންބަފައިން މަރުވެއްޖެއެވެ. އޭނާ ދިރިއުޅެމުން ދިޔައީ މާމަގެ އެހީތެރިކަމާ އެކުގައެވެ. އެއަށް ފަހު ބޮޑުބެއަކާ ބޮޑުދައިތައެއްގެ އެހީތެރި ކަމުގައެވެ. އެމީހުންނަށް ފޯރުކޮށްދެވެނީ މަހެއްގެ މައްޗަށް ގާތްގަނޑަކަށް 32 ޑޮލަރެވެ. މީގެ ބޮޑުބައެއް ހޭދަވީ ނަފްސާނީ ބަލިމަޑުކަމެއް ޖެހިފައިވާ ވޫގެ ކޮއްކޮގެ ބޭސްފަރުވާއަށެވެ.

ވޫގެ ދެބެން ނިސްބަތް ވަނީ ޗައިނާގެ އެންމެ ފަގީރު ސަރަހައްދު ތަކަށެވެ. ނަތީޖާއަކަށް ވީ ކާންބޯނެ ރަނގަޅު އެއްޗެއްވެސް ނުލިބުމެވެ. ފާއިތުވީ 5 އަހަރެއްހާ ދުވަހު ވޫ ކައި އުޅުނުހާވެސް އެއްޗަކީ ހުސް ބަތްކޮޅަކާ މިރުހެވެ.

ސޯޝަލް މީޑިއާގައި ވޫގެ ވާހަކަ ދައުރުވާން ފެށުމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަނީ އޭނާއަށް އެހީވާން ފަށާފައެވެ. ނަމަވެސް މިއަދު އޭނާ މިދުނިޔޭގައި ނެތްކަން ވޫގެ އާއިލާ މެމްބަރަކު ވަނީ މީޑިއާއަށް ހާމަކޮށްފައެވެ. މި ފަނާވަނިވި ދުނިޔެއާ ވޫ އަލްވަދާއު ކީ މިދިޔަ ހޯމަ ދުވަހު ކަމަށްވެސް އޭނާގެ އާއިލާއިން ބުނެއެވެ.

ކަންމިހެން އޮތްއިރު ޗައިނާއިން ވަނީ މިހިނގާ 2020 ވަނަ އަހަރަކީ އެގައުމުން އިންތިހާ ފަގީރުކަން ނައްތާލާނެ އަހަރު ކަމަށް ބުނެފައެވެ.