މާތްވެގެންވާ އިސްލާމްދީނާ ދެކޮޅަށް ވާހަކަދައްކާ މީހުންނަށްވެސް އޯގާތެރިކަމާ އެކުގައި ބަސްބުނުމަށް ޒިމްބާބުވޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް ވިދާޅުވެއްޖެއެވެ.

މުފްތީ މެންކު ރާއްޖެއަށް ކުރައްވާ ދަތުރުގެ ތެރެއިން މާލެ ސިޓީގެ ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ދަރުސްގައި ވާހަކަދައްކަވަމުން ވިދާޅުވީ ދީން ދޭހަވުމުގައި އަދި ދީނަށް އަމަލުކުރުމުގައި ބޭނުންކުރަން ޖެހޭނީ ހަރުކަށި ގޮތްތައް ނޫން ކަމަށެވެ. އެއީ އަގީދާގެ ގޮތުން އިސްލާމްދީނާ ދެކޮޅު މީހެއް ކަމުގައިވީ ނަމަވެސް، އެމީހަކާ ދޭތެރޭގައި މުއާމަލާތް ކުރަން ޖެހޭނީ އޯގާތެރިކަމާއެކު ކަމަށް މުފްތީ މެންކް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އިސްލާމްދީނާ ދެކޮޅަށް ވާހަކަދައްކާ މީހުންނާ ދޭތެރޭ ހަރުކަށި ގޮތްތައް ގެންގުޅެގެން ނުވާނެ ކަމަށެވެ. އެފަދަ މީހުންނަކީ އިސްލާމްދީނާ އަދާވާތްތެރިއެއްގެ ގޮތުގައި ދެކިގެން ނުވާނެ ކަމަށްވެސް މުފްތީ މެންކްގެ ދަރުހުގައި ވިދާޅުވިއެވެ.

"މާތްﷲ ކޮންމެވެސް ދުވަހަކުން އެމީހަކަށް ރަހުމަތްލައްވައި، އެމީހަކު އިސްލާމްދީނަށް އަތުވެދާނެ. އެހެންވީމާ އަޅުގަނޑުމެން އަދާވާތްތެރިއެއްގެ ގޮތުގައެއް ނޫން ބަލަންޖެހޭނީ. އަޅުގަނޑުމެން ބަލަންޖެހޭނީ އަޅުގަނޑުމެންގެ ފަރާތުން އެމީހަކަށް ހިދާޔަތު ދެވިދާނެ މީހެއްގެ ގޮތުގައި،" އޭނާ ވިދާޅުވިއެވެ.

މިފަދައިން ވާހަކަދައްކަމުން މުފްތީ މެންކް ވަނީ މޫސާގެފާނާއި ހާރޫނުގެފާނުގެ ހަޔާތްޕުޅުން މިސާލު ނަންގަވާފައެވެ. އެގޮތުން ވިދާޅުވީ އެ ދެ ބޭކަލުންނަށްވެސް އެންގެވީ ފިރުއައުނާ ބައްދަލުކޮށް މަޑުމައިތިރިމާއެކު ވާހަކަދެއްކެވުމަށް ކަމަށެވެ.

މުފްތީ މެންކު ދެއްވުމަށް ހަމަޖެހިފައިވާ ދެވަނަ ދަރުސް ބޭއްވުމަށް ހަމަޖައްސާފައިވަނީ އައްޑޫ ސިޓީގައި މާދަމާ ރެއެވެ. މުސްލިމުން އިސްލާމްދީނާ ދުރަށް ދިއުމާ ބެހޭގޮތުން ދެއްވާ އެ ދަރުސްގައި ދީނާ ދުރަށް މުސްލިމުން ދިއުމަށް މެދުވެރިވާ ސަބަބުތަކާއި އަނބުރާ ދީނަށް ގެނެވޭނެ ގޮތާ ބެހޭގޮތުން ދަރުސް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މުފްތީ މެންކުގެ ދަތުރުގައި ބުރާސްފަތި ދުވަހު ދަރުސް ދެއްވުމަށް ހަމަޖައްސާފައިވަނީ ކުޅުދުއްފުށީ ސިޓީގައެވެ. އެ ދަރުސްގައި އިސްލާމްދީން މާނަކުރާއިރު މާނަކުރަން ޖެހޭ އަސްލު ގޮތާ ބެހޭގޮތުން ދަރުސް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އަންނަ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި ހުކުރު ހުތުބާ ދެއްވާނީވެސް މުފްތީ މެންކު ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެއެވެ. ހުތުބާގެ މައުޟޫއަކަށް ކަނޑައަޅާފައިވަނީ ހަލާލު ގޮތުގައި ފައިސާ އާއި މުދާ ހޯދައި ހަރަދު ކުރުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.