ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެއް ޕާޓީއަކަށް ހުރިހާ ގޮނޑިއެއް ދިނުމާ ދެކޮޅު ހައްދަވާކަން ހެރިޓޭޖް މިނިސްޓަރު އަދި މޯލްޑިވިއަން ރިފޯމް މޫވްމެންޓް (އެމްއާރްއެމް) ގެ ނައިބު ރައީސް ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

ޔުމްނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި އޮންނަން ވާނީ ތަފާތު ސިޔާސީ ޕާޓީތައް ހިމެނޭ ޑިމޮކްރެޓިކް ނިޒާމެއް ކަމަށާއި އެއް ޕާޓީއަކަށް ހުރިހާ ގޮނޑިތަކެއް ދީގެން މިކަން ހާސިލު ނުކުރެވޭނެ ކަމަށެވެ. އަދި ރައްޔިތުން މިކަމާ ފުންކޮށް ވިސްނުމަށް ވެސް ޔުމްނާ ވަނީ ގޮވާލައްވާފައެވެ.

ޔުމްނާ މިކަމަށް ގޮވާލެއްވިއިރު އެމްޑީޕީ ނޫން އެހެން ޕާޓީއަކަށް ލާމަރުކަޒީ ނިޒާމު ނުހިންގޭނެ ކަމަށާއި ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ފަރާތުން ރައްޔިތުންނަށް ދިން ވިސްނުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ވެސް ރައީސް މުހައްމަދު ނަޝީދު އިއްޔެ ވަނީ ހއ.ހޯރަފުށީގައި ބޭއްވި ކެމްޕޭން އިވެންޓެއްގައި ވިދާޅުވެފައެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކުގެ ވިސްނުމަކީ ބާރު އެއްކުރުމުގެ ވިސްނުން ކަމަށެވެ. އެގޮތުން ރަށް ރަށުގެ ކައުންސިލްތައް ހަލާކުކޮށް، ރަށް ރަށުގެ ރަށްވެހިކަން ރޫޅާލައި، މާލެ އަށް އެންމެން ޖަމާކުރުމަކީ އެ ފަރާތްތަކުގެ އަމާޒު ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"މިއީ އެހެން ބަޔަކަށް ކޮށްދެވޭނެ ކަމެއް ނޫން. ޕީޕީއެމް އަކަށް ވެސް، ޖުމްހޫރީ ޕާޓީއަކަށް ވެސް އަދި އެހެން ޕާޓީއަކަށް ވެސް މި މަސައްކަތެއް ނުކޮށްދެވޭނެ. މީގެއިން އެއްވެސް ކަމެއް ކޮށްދޭކަށް ނުވެސް އިނގޭނެ، އެ ވިސްނުމެއް ވެސް ނުވެސް ހުންނާނެ" ނަޝީދު ވިދާޅުވިއެވެ.

ކައުންސިލް އިންތިހާބަށް އެމްޑީޕީން ކުރަމުން ގެންދާ ކެމްޕެއިންގައި ރައީސް ނަޝީދު އަންނަނީ ސަރުކާރު ކޯލިޝަން ޕާޓްނަރުންނަށް ވެސް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އެގޮތުން އެމްޑީޕީގެ މެންބަރުންނަށް ހައްގު މިންވަރު ލިބިގެން ނުދަނީ ކޯލިޝަން ޕާޓްނަރުންގެ ސަބަބުން ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އެކަމާއި ގުޅިގެން ނުސީދާ ގޮތެއްގައި ކޯލިޝަންގެ ބައިވެރިން ނަޝީދަށް އަންނަނީ ބަހުގެ ހަމަލާތައް ދެމުންނެވެ.