އިތުރު މީހަކު ހިމަބިއްސަށް ޕޮސިޓިވް ވެއްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޗަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، މިއަދު ހިމަބިއްސަށް ޓެސްޓްކުރެވުނު 10 މީހުންގެ ތެރެއިން އެކަކު ވަނީ މި ބައްޔަށް ޕޮސިޓިވް ވެފައި ވާކަމަށެވެ.

ހިމަބިހީގެ ހާލަތާ ގުޅޭ އެންމެ ފަހުގެ މައުލޫމަތު ނޫސްވެރިންނާ ހިއްސާ ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ހިމަބިހީގެ އިތުރު ކޭހެއް ފެނިފައި ނުވާ ކަމަށާއި، ބައްޔަށް ޝައްކު ކުރެވޭ ކޭހެއްވެސް ނެތް ކަމަށެވެ. ނަމަވެސް ހުމުގެ އަލާމަތްތަކާއި ހުންއައިސްގެން ރިޕޯޓް ކޮށްފައިވާ 10 މީހެއްގެ އިތުރު ޓެސްޓް ހަދަމުން ގެންދާ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު ހިމަބިހި ފެތުރެމުން ދާއިރު، ވެކްސިން ދިނުން ހުއްޓާލި 3 އަހަރުގެ ކުއްޖަކަށާއި، 30 އަހަރުގެ މީހަކު ވަނީ ހިމަބިއްސަށް ޕޮޒިޓިވްވެފައެވެ. އަދި 17 އަހަރުގެ ކުއްޖަކަށް ޝައްކު ކުރެވިގެން ޓެސްޓުކުރުމުން އެކުއްޖާ ވަނީ ހިމަބިއްސަށް ނެގެޓިވް ވެފައިވާއިރު މިއީ ހިމަބިއްސަށް ޕޮޒިޓިވް މި ތިންވަނަ މީހާއެވެ.

ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ގައުމެއް ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ކަނޑައެޅީ 2017 ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ. އެއާއެކު، ރާއްޖެ ވެފައި ވަނީ އޭޝިއާ ސަރަހައްދުގައި ވެސް އެންމެ ފުރަތަމަ ހިމަބިހި ނައްތާލެވުނު ދެ ގައުމުގެ ތެރެއިން އެއް ގައުމަށެވެ. ރާއްޖެއާ އެކުގައި ހިމަބިހި ނައްތާލެވިފައިވާ އަނެއް ގައުމަކީ ބޫޓާނެވެ.