ހިމަބިއްސަށް ވެކްސިންދޭއިރު ކުޑަކުދިންނަށް އިސްކަން ދިނުމަށް މިނިސްޓާ އޮފް ހެލްތް އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ، އަދި ވެކްސިން ނުދީ ހުރި ކުދިންނާއި ވެކްސިން ދެވުނުކަން ޔަގީން ނުވާ އާއިލާތަކުން ވެކްސިން ދިނުމުގައި ބަލަންވީ އާއިލާގައި ތިބި ކުޑަ ކުދިންނަށް އިސްކަން ދިނުމަށް ކަމަށެވެ.
އަދި އެއްވެސް ގޮތަކުން ވެކްސިން ނުޖަހާ ހުރި ފަރާތްތަކުން ވެކްސިން ޖެހުން މުހިންމު ކަމަށާއި ވެކްސިން ޖެހުމަށްފަހު ދެވެނަ ޑޯޒް ހަމަނުވާ ފަރާތަކުންވެސް އާއިލާގެ އެންމެ ކުޑަ ކުދިންނަށް އިސްކަން ދިނުމަށްފަހު ވެކްސިން ކުރިއަށް ގެންދިއުމަށް އަމީން ވަނީ ފާހަގަ ގޮވާލައްވާފައެވެ.
މީގެ އިތުރުން އަމީން ވިދާޅުވީ އުމުރުން ދުވަސްވީ މީހުނަށް ވެކްސިން ނުޖަހާނަމަ ވެކްސިން ޖަހަމުން ގެންދިއުމަށެވެ.
އަދި ހިމަބިހި ޖެހިފައިވާ މީހަކު ރާއްޖޭގެ އެއްވެސް ހިސާބެއްގައި ހުރިތޯ ބައްލަވައިފައިވާ ކަމަށާއި، ރާއްޖޭގެ އެއްވެސް ހިސާބަކުން އެ ބަލި ޖެހިފައިވާ އިތުރު މީހަކު އަދި ދެނެގަނެވިފައިނުވާ ކަމަށްވެސް އަމީން ވިދާޅުވިއެވެ.
ރާއްޖޭގައި މިހާރު ހިމަބިހި ފެތުރެމުން ދާއިރު، ވެކްސިން ދިނުން ހުއްޓާލި 3 އަހަރުގެ ކުއްޖަކަށާއި، 30 އަހަރުގެ މީހަކު ވަނީ ހިމަބިއްސަށް ޕޮޒިޓިވްވެފައެވެ. އަދި 17 އަހަރުގެ ކުއްޖަކަށް ޝައްކު ކުރެވިގެން ޓެސްޓުކުރުމުން އެކުއްޖާ ވަނީ ހިމަބިއްސަށް ނެގެޓިވް ވެފައެވެ.
ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ގައުމެއް ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ކަނޑައެޅީ 2017 ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ. އެއާއެކު، ރާއްޖެ ވެފައި ވަނީ އޭޝިއާ ސަރަހައްދުގައި ވެސް އެންމެ ފުރަތަމަ ހިމަބިހި ނައްތާލެވުނު ދެ ގައުމުގެ ތެރެއިން އެއް ގައުމަށެވެ. ރާއްޖެއާ އެކުގައި ހިމަބިހި ނައްތާލެވިފައިވާ އަނެއް ގައުމަކީ ބޫޓާނެވެ.