ތަރައްގީއަށް ކުރަންޖެހޭ މަސައްކަތްތައް އެބަހުރި ކަމަށާއި އެހެން ނަމަވެސް ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަންވާނީ ގުދުރަތީ ގޮތުން ލިބިފައިވާ މުއްސަނދިކަން އަންނަން އޮތް ޖީލުތަކަށްވެސް ފޯރުކޮށްދެވޭނެ ގޮތަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ހދ. ނޭކުރެންދުއަށް ވަޑައިގެން ސަރުކާރާއި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަން ގުޅިގެން ކުރާ ކަނޑުގެ ދިރާސާއާ ގުޅޭ މައުލޫމާތު ހިއްސާ ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ރާއްޖެއަކީ ހަމައެކަނި ކުދި ޖަޒީރާ ގައުމުތަކެއްގެ ގޮތުގައި އެކުލެވިފައިވާ ގައުމެން ނޫން ކަމަށާއި ރާއްޖެއަކީ ބިޔަ ބޮޑެތި ކަނޑުތަކެއްގެ މައްޗަށްވެސް އެކުލެވިފައި އޮތް ގައުމެއް ކަމަށެވެ. ދިރިިއުޅުމުގެ ބޮޑު ބައެއް ބިނާވެފައި ވަނީ ކަނޑުތަކާއި ފަޅުތަކުގެ މައްޗަށް ކަމަށާއި ރާއްޖޭގެ ފަޅާއި ކަނޑުތަކުގެ މުއްސަނދިކަން ފޯރުކޮށް ދިނުމަކީ އެންމެންގެ ބޮލުގައި އެޅިފައި އޮތް ވަރަށް ބޮޑު ވާޖިބެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"މިއަދު އަޅުގަނޑުމެން ކުރަމުން ގެންދާ މަސައްކަތަކީ މިއީ، ފުރަތަމަ ކަމަކަށް ރާއްޖޭގެ ކަނޑުތަކުގައި ދިރިއުޅެނީ ކޮންކަހަލަ މަސްމަހާމެއްސެއް ކަމާއި ކޮންކަހަލަ ދިރުމެއް ކަމަށް ހޯދައި ދެނެގަނެ، މިކަން ކުރެވެން މި އަންނަނީ ސައިންޓިފިކް ރިސާޗްގެ ތެރެއިން، މިއަދު އަޅުގަނޑުމެން ކުރަން ފަށައިގެން މިގެންދަނީ މިކަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ކަނޑުފަޅާއި ފަރުތައް ހިމާޔަތް ކުރަން ބޭނުން ކުރަންޖެހޭ ވަރަށް މުހިންމު ސަބަބުތައް އެބަހުރި ކަމަށެވެ. އެގޮތުން އެންމެ މުހިންމު އެއް ސަބަބަކީ މަސްވެރިކަން ތަރައްގީ ކުރުން ކަމަށެވެ. އަދި ޓޫރިޒަމްގެ ސިނާއަތުން ލިބެންވާ އެންމެ ރަނގަޅު ފައިދާ ލިބޭނެ ގޮތް ހެދުން ކަމަށެވެ. މިކަންކަން ކުރެވޭނީ ފަރުތަކާއި ކަނޑުތަކާއި ގޮނޑުދޮށްތައް ހިމާޔަތް ކުރެވިގެން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ތަރައްގީއަށް ކުރަންޖެހޭ މަސައްކަތްތައް އެބަހުރި، އެހެން ނަމަވެސް ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަންވާނީ ދެމެހެއްޓެނިވި ގޮތެއްގައި އަޅުގަނޑުމެންނަށް ގުދުރަތީ ގޮތުން ލިބިފާ މިއޮތް މުއްސަނދިކަން އަންނަން އޮތް ޖީލުތަކަށްވެސް ފޯރުކޮށްދެވޭނެ ގޮތެއްގެ މަތިން،" ރައީސް ވިދާޅުވިއެވެ.
ސަރުކާރާއި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަން ގުޅިގެން ކުރާ ކަނޑުގެ ދިރާސާއާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ އެމަސައްކަތަކީ އެންމެ ބޮޑު އެންމެ ފުޅާ ދާއިރާއެއްގައި ކުރެވޭ މަސައްކަތް ކަމަށެވެ. މި މަސައްކަތް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ދެ ބަޔަކަށް ބަހާލައިގެން ކަމަށާއި އެގޮތުން ފުރަތަމަ ކަމަކަށް ކުރިއަށް ގެންދާނީ ރާއްޖޭގެ ކަނޑުތަކުގައި އުޅޭ މަސްމަހާމެއްސާއި ދިރުންތަކާއި ފަރުތަކާއި މުރަކައާ އެންދެރިއާ ތަކެތީގެ ސާމްޕަލް ނެގުމުގެ މަސައްކަތް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"މިތަކެއްޗަށް ގެއްލުން ލިބެނީ ކޮން ކަހަލަ ކަންތައްތަކެއް ކުރިމަތިވެގެންތޯ ބަލައި އެބަ ހޯދާ، ޖުމްލަ ގޮތެއްގައި ފުރަތަމަ މި ކުރެވެނީ ކަނޑުތަކުގެ ބޯހިމެނުމުގެ މަސައްކަތް، އެއަށްފަހުގައި މީގެން ލިބޭ މައުލޫމާތުތަކުގެ އަލީގައި އަޅުގަނޑުމެންނަށް އެކުލަވާލެވޭ ކަރުދާސް އާންމު ކުރެވިގެންދާނެ، އަދި ސަރުކާރާ ހިއްސާ ކުރުމަށްފަހު މިކަންތައްތައް ހިމާޔަތް ކުރުމުގެ ސިޔާސަތުތައް ކަނޑައަޅާނަން،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ލިބިގެންދާނެ ކަމަށާއި ރަށާއި ރަށުގެ ވަށައިގެންވާ ގުދުރަތީ މުއްސަނދިކަން ހިމާޔަތް ކުރުމުގެ އެންމެ މުހިންމު ދައުރެއް އަދާކުރަން ޖެހޭނެ އެއް ބަޔަކީ ކައުންސިލަރުން ކަމަށެވެ. އެކަން ކުރާނެ ސިޔާސަތުތަކެއް ކަނޑައަޅަންޖެހޭ ކަމަށާއި މި ރިސާޗްގެ އަލީގައި އެތަންތަން ހިމާޔަތް ކުރެވޭނެ ގޮތް ހޯދުމަށްފަހު އެމަސައްކަތުގެ ބޮޑު ދައުރެއް އަދާ ކުރަންޖެހޭނެ ބަޔަކީ ކައުންސިލަރުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.