އެ އުމުރަކަށް ޖަހަންޖެހޭ ވެކްސިންތައް ހަމަކޮށްފައިވޭތޯ ބެލުން މުހިންމު ކަމަށާއި މިކަމަށް ގަވާއިދެއް ކަނޑައެޅުންވެސް މުހިންމު ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ޑރ.ފައިސަލް ވިދާޅުވީ ކިތަންމެ ކުޑަ އުމުރެއްގައި ސުކޫލަށް ކުދިން ފޮނުވްން ފެށި ކަމުގައި ވި ނަމަވެސް އެ އުމުރަކަށް ޖަހަންޖެހޭ ވެކްސިންތައް ހަމަކޮށްފައި ހުރިތޯ ބެލުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީން ވެކްސިން ޖެހުމަށް ގަވާއިދެއް ކަނޑައެޅުންވެސް މުހިންމު ކަމަށް ފައިސަލް ވިދާލުވެފައި ވެއެވެ.

ސިއްހީ ތަފާތު މައްސަލަތަކާ ބެހޭ ގޮތުން މެސެޖްތައް ދެއްވާ ޑރ. ފައިސަލް ވަނީ ރާއްޖެއަށް މިހާރު ކުރިމަތިވެގެން އުޅޭ ހިމަބިހީގެ މައްސަލާގައި، ތަކުރާރުކޮށް އެތައް ޓްވީޓެއް ކުރައްވާފައެވެ.

ހިމަބިއްސަކީ ރާއްޖެއިން ނައްތާލެވިފައިވާ ބައްޔަކަށް ވާއިރު، މާލެ ސަރަހައްދުގައި ދިރިއުޅޭ ތިން އަހަރުގެ ކުއްޖަކު ހިމަބިހި (މީސަލްސް) ޖެހިފައިވާ ކަމަށް ޝައްކުކުރެވުމާ ގުޅިގެން ކުރި ޓެސްޓް ތަކުން ކުއްޖާ ހިމަބިއްސަށް ޕޮސިޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ބުނެފައި ވަނީ މިދިޔަ ހޮނިހިރު ދުވަހެވެ.

އެޗްޕީއޭއިން ބުނެފައި ވަނީ ތިން އަހަރުގެ ކުއްޖާ ހިމަބިއްސަށް ޕޮޒިޓިވް ވެފައި ވަނީ ވެކްސިން ހުއްޓާލުމުން ކަމަށެވެ.

ކުދިންނަށް ވެކްސިން ނުދީ ކުދިން ސްކޫލަށް ނުފޮނުވާ ބައެއް ފަރާތްތައް ފާހަގަކުރެވި ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން އެ ކުދިންގެ މައިންބަފައިންނަށް ނަސޭހަތްތެރިވެފައި ވެސް ވެއެވެ. ނަމަވެސް، އަދިވެސް ފާޅުގައި ވެކްސިން ނުދޭނެ ކަމަށް ބުނެ އިންކާރުކޮށް، ވެކްސިން ނުދީ ގެންގުޅޭ ކުދިން ރާއްޖޭގެ އެކި ހިސާބުތަކުގައި އެބަ ތިއްބެވެ.