2020 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީއަށް ހުޅުވާލުމާއި ގުޅިގެން ކުރިމަތިލި ކެންޑިޓޭޓުންގެ ލިސްޓް އާއްމުކޮށްފިއެވެ.

އެމްޑީޕީގެ ފަރާތުން އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ތިން ދާއިރާއަށްވެސް ގިނަ ބަޔަކު ކުރިމަތިލާފައި ވެއެވެ. އެގޮތުން ސިޓީ ކައުންސިލް ތަކަށާއި އަތޮޅު ކައުންސިލް ތަކުގެ އިތުރުން ރަށު ކައުންސިލް ތަކަށް ކުރިމަތި ލާފައިވާ ކެންޑިޑޭޓުންގެ ލިސްޓް ވަނީ އާންމުކޮށްފައެވެ.

ސިޓީ ކައުންސިލް ތަކަށް ކުރިމަތި ލާފައިވާ ކެންޑިޑޭޓުންގެ ލިސްޓުގައި ތިން ސިޓީއެއް ހިމެނެއެވެ. އެއީ މާލެ އާއި އައްޑޫ އަދި ފުވައްމުލަކެވެ.

އެގޮތުން މާލޭ ސިޓީގެ މޭޔަރު ކަމަށް ހަތް މީހަކާއި އައްޑޫ ސިޓީގެ މޭޔަރު ކަމަށް ތިން މީހަކާއި ފުވައްމުލަކު ސިޓިގެ މޭޔަރު ކަމަށް ހަތަރު މީހަކު ވަނީ ކުރިމަތި ލާފައެވެ. މީގެ އިތުރުން މާލެ ކައުންސިލް ކަމަށް 42 މީހަކާއި އައްޑޫގެ ކައުންސިލަރު ކަމަށް 41 މީހުން ވަނީ ކުރިމަތިލާފައެވެ. އަދި ފުވައްމުލަކުން ކައުންސިލަރުކަމަށް 11 މީހަކު ވަނީ ކުރިމަތިލާފައެވެ.

އަތޮޅު ކައުންސިލް ކަމަށް 53 މީހުން ކުރިމަތިލާފައި ވާއިރު ރަށު ކައުންސިލް މެންބަރުކަމާއި ރައީސް ކަމަށް ޖުމްލަ 1067 މީހުން ވަނީ ކުރިމަތިލާފައެވެ.

މި އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީއަށް ހުޅުވާލުމާއި ގުޅިގެން ކުރިމަތިލި ކެންޑިޓޭޓުންގެ ލިސްޓް އެ ޕާޓިގެ ވެބްސައިޓުގައި ވަނީ އާންމުކޮށްފައެވެ.

އަންނަ ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމަށް ސަރުކާރު ހިންގާ މައި ޕާޓީ ކަމަށްވާ އެމްޑީޕީން ކެންޑިޑޭޓުންގެ ލިސްޓް އާންމުކޮށްފައި ވާއިރު، ބާއްވާ ޕްރައިމަރީގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހެވެ.

ކެންޑިޑޭޓުންގެ ލިސްޓު އާއްމުކޮށްފައި ވާއިރު، ޝަކުވާ ހުށަހެޅުމުގެ ފުރަސަތަށް ފަހު ވޯޓު ލުމުގެ ހައްގު ލިބިގެންވާ ފަރާތްތަކުގެ ފައިނަލް ލިސްޓު އާންމު ކުރުމަށް ނިންމާފައި ވަނީ މި މަހުގެ 15 ވަނަ ދުވަހެވެ. ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންދިއުމަށް އެމްޑީޕީން ހަމަޖައްސާފައިވާ ތާރީހަކީ މި މަހުގެ 31 ވަނަ ދުވަހެވެ. ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީ ޓިކެޓުގައި ވާދަ ކުރާނީ، އެ ޕާޓީގެ ޕްރައިމަރީން، ކައުންސިލް ގޮނޑި ކާމިޔާބު ކުރާ ފަރާތަކުންނެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވުމަށް އިލެކްޝަން ކޮމިޝަންސް (އީސީ) އިން ނިންމާފައި ވަނީ އަންނަ އަހަރުގެ އޭޕްރީލް މަަހުގެ ހަތަރު ވަނަ ދުވަހެވެ. މި އިންތިހާބުގައި ރާއްޖޭގެ ކޮންސިއުލޭޓެއް ނުވަތަ އެމްބަސީއެއް ހުންނަ ކޮންމެ ގައުމެއްގައި ވޯޓު ފޮށި ބަހައްޓާނީ، ވޯޓުލުމަށް 150 މީހުން ރަޖިސްޓްރީ ކޮށްފިނަމައެވެ. އަދި ޖަލެއްގައި ވޯޓު ފޮށި ބެހެއްޓުމަށް 25 މީހުން ރަޖިސްޓްރީވާން ޖެހޭއިރު، ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓޭނީ 50 މީހުން ރަޖިސްޓްރީ ކޮށްފިނަމައެވެ.

އަންނަ އޭޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި 980 ކައުންސިލަރުން އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރެއިން ރަށު ކައުންސިލްތަކަށް 372 އަންހެން ކައުންސިލަރުން އިންތިހާބު ކުރާނެއެވެ.