ހިމަބިހި ޖެހިފައިވާ ކަމަށް ޝައްކު ކުރެވުނު 17 އަހަރުގެ ކުއްޖާ ހިމަބިއްސަށް ނެގަޓިވް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން މިއަދު ކުރި ޓްވީޓެއްގައި ބުނީ ހިމަބިއްސަށް ޝައްކު ކުރެވުނު 17 އަހަރުގެ ކުއްޖާ ނެގެޓިވް ކަމަށާއި އެ ކުއްޖާއަކީ ވެކްސިން ޖަހާފައިވާ ކުއްޖެއް ކަމަށެވެ.

ނަމަވެސް މިއަދު އެޗްޕީއޭއިން ކުރިން ބުނީ ހިމަބިއްސަށް ޝައްކު ކުރެވޭ، އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ކަމަށެވެ.

މީގެ އިތުރުން މި ހަފްތާތެރޭގައި 3 އަހަރުގެ ކުޑަ ކުއްޖަކުވެސް ވަނީ ހިމަބިއްސަށް ޕޮސިޓިވް ވެފައެވެ.

ހިމަ ބިއްސަކީ ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެކެވެ. ނަމަވެސް މިހާރު މި ބަލި ރާއްޖެއިން ފެނިގެން މިދާ ދަނޑިވަޅަކީ ރާއްޖޭގައި ކުޑަކުދިންނަށް ވެކްސިން ނުދީ އުޅޭ ބައެއް ފަރާތްތައް ހާމަވެެން ގޮސްފައިވާ ދުވަސްވެރެއް ކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން ކުދިންނަށް ވެކްސިން ނުދީ ކުދިން ސްކޫލަށް ނުފޮނުވާ ބައެއް ފަރާތްތައް ފާހަގަކުރެވި ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން އެ ކުދިންގެ މައިންބަފައިންނަށް ނަސޭހަތްތެރިވެފައި ވެސް ވެއެވެ. ނަމަވެސް، އަދިވެސް ފާޅުގައި ވެކްސިން ނުދޭނެ ކަމަށް ބުނެ އިންކާރުކޮށް، ވެކްސިން ނުދީ ގެންގުޅޭ ކުދިން ރާއްޖޭގެ އެކި ހިސާބުތަކުގައި އެބަ ތިއްބެވެ.