ވެކްސިން ދިނުމަށް އިންކާރު ކުރިއަސް ވެކްސިން ދިނުމުގެ މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓާ އޮފް ހެލްތް އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ހިމަބިހި ޖެހިފައިވާ ދެ މީހަކާއި، ހިމަބިއްސަށް ޝައްކު ކުރެވޭ މީހަކު ރާއްޖެއިން ފެނުމާ ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަމީން ވިދާޅުވީ، ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެއް ފެނިފައިވާ ކަމަށެވެ. އެހެން ކަމުން ވެކްސިން ނުޖަހާ ފަރާތްތަކާ މެދު ސަރުކާރުން އަމަލުކުރަމުން ދިޔަ ގޮތަށް މިހާރު އަމަލު ކުރާނެ ވަގުތެއް ނެތް ކަމަށް އަމީން ވިދާޅުވިއެވެ.

މިނިސްޓަރު އަމީން ވިދާޅުވީ، ރާއްޖޭގައި އެއް ސްކޫލަށް ވުރެ ގިނަ ސްކޫލުގައި ވެކްސިން ނުދޭ ކުދިން އުޅޭކަން އެ މިނިސްޓްރީއަށް އެނގިފައިވާ ކަމަށެވެ. އަދި ސަރުކާރުގެ ސަމާލުކަމަށް މީގެ ކުރިން ވެސް މިކަން އައިސްފައިވާ ކަމަށާއި، ވެކްސިން ނުޖަހާ ފަރާތްތަކަށް ވެކްސިން ދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުން ދިޔަ ކަމަށް އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ދާދި ފަހުން ހަރުކަށި ފިކުރުގެ މީހުންނާ ދެކޮޅަށް ރާއްޖޭގެ ސަލާމަތީ ބާރުތަކުން ހިންގި އޮޕަރޭޝަނުގެ ތެރެއިން ވެސް ވެކްސިން ދިނުމަށް އިންކާރު ކުރި އާއިލާތަކަށް ނަސޭހަތްތެރިވެ، ބައެއް ކުދިންނަށް ވެކްސިން ދީފައިވާ ކަމަށެވެ.

ރ. މަޑުއްވަރީގައި ހަރުކަށި ފިކުރާއި ދެކޮޅަށް ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން ހިންގަމުންދާ ހާއްސަ އޮޕަރޭޝަނުގެ ތެރެއިން ވެކްސިން ދިނުމާ ދެކޮޅު އާއިލާއަކަށް ނަސޭހަތްތެރިވެ، 3 ކުއްޖަކަށް ވެކްސިން ދީފައިވެއެވެ. މި އޮޕަރޭޝަނުގައި ވެކްސިން ދީފައި ވަނީ 4 އަހަރުގެ ފިރިހެން ކުއްޖަކާއި، 2 އަހަރުގެ ފިރިހެން ކުއްޖެއްގެ އިތުރުން 1 މަހުގެ އަންހެން ކުއްޖަކަށެވެ.

ހެލްތް މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި ވެކްސިން ދިނުމަށް އިންކާރު ކުރާ ފަރާތްތަކަށް ނަސޭހަތްތެރިވެ، އެމީހުން ހޭލުންތެރި ކުރުވައިގެން ކުދިންނަށް ވެކްސިން ދިނުމުގެ މަސައްކަތް މިގެ ކުރިން ކުރަމުން ގެންދިޔަ ކަމަށެވެ. ނަމަވެސް، ރާއްޖެއިން ހިމަބިހި ފެނުނު ހިސާބުން ފެށިގެން ދެން ވެކްސިން ދިނުމަސް އިންކާރު ކުރިއަސް ވެކްސިން ދޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު ހިމަބިހި ފެތުރެމުންދާއިރު، ވެކްސިން ދިނުން ހުއްޓާލި 3 އަހަރުގެ ކުއްޖަކަށާއި، 30 އަހަރުގެ މީހަކު ވަނީ ހިމަބިއްސަށް ޕޮޒިޓިވްވެފައެވެ. އަދި 17 އަހަރުގެ ކުއްޖަކަށް ޝައްކު ކުރެވިގެން ދަނީ ޓެސްޓުކުރަމުންނެވެ.

ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ގައުމެއް ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ކަނޑައެޅީ 2017 ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ. އެއާއެކު، ރާއްޖެ ވެފައި ވަނީ އޭޝިއާ ސަރަހައްދުގައި ވެސް އެންމެ ފުރަތަމަ ހިމަބިހި ނައްތާލެވުނު ދެ ގައުމުގެ ތެރެއިން އެއް ގައުމަށެވެ. ރާއްޖެއާ އެކުގައި ހިމަބިހި ނައްތާލެވިފައިވާ އަނެއް ގައުމަކީ ބޫޓާނެވެ.