އާދަޔާ ހިލާފަށް ހިމަބިހި ފެތުރިދާނެ ހާލަތަކަށް ވެސް ސަރުކާރު ތައްޔާރު އޮތީ ތައްޔާރުވެފައި ކަމަށް މިނިސްޓާ އޮފް ހެލްތް އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ހިމަބިހި ޖެހިފައިވާ ދެ މީހަކާއި، ހިމަބިއްސަށް ޝައްކު ކުރެވޭ މީހަކު ރާއްޖެއިން ފެނުމާ ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަމީން ވިދާޅުވީ، ރާއްޖޭގައި މިހާރު ދަނީ ހިމިބިހި ފެތުރެމުން ކަމަށެވެ. އަދި މި ބަލި ޖެހިފައިވާ އެންމެ މީހަކު ފެނުނަސް އެއީ އައުޓްބްރޭކެއް ކަމަށް ބަލާ، އެކަމާ ގުޅިގެން ވާން ޖެހޭ ތައްޔާރީތައް ވެފައިވާ ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ، އާދަޔާ ހިލާފަށް ހިމަބިހި ފެތުރިއްޖެ ހާލަތަކަށް ތައްޔާރުވުމަށް ސަރުކާރުން ވަނީ، ހުޅުމާލޭގައި އައިސޮލޭޓިން ފެސިލިޓީ ގާއިމް ކޮށްފައެވެ. އަދި އެޗްޕީއޭގެ ޓީމްތަކުން މިއަދު ހަވީރު 4:00 އިން ފެށިގެން ވެކްސިންގެ ޑޯޒްތައް ހަމަތޯ ވެލުމަށާއި، ވެކްސިން ދިނުމަށް ހުޅުމާލޭގައި ހަރަކާތްތެރިވާން ފަށާނެ ކަމަށް ވެސް އަމީން ވިދާޅުވިއެވެ.

އަމީން ވަނީ، މާލޭގައި ހިމަބިއްސަށް ޝައްކު ކުރެވޭ މީހެއް ނަމަ ސިއްހީ ތަޖުރިބާކާރުންގެ ލަފާ ހޯދުމަށް އައިޖީއެމްއެޗަށް ދިއުމަށާއި، ހުޅުމާލެއިން ނަމަ ހުޅުމާލޭ ހޮސްޕިޓަލަށް ދިއުމަށް އިލްތިމާސްކޮށްފައެވެ. އަދި ވެކްސިން ނުޖަހާ ފަރާތްތަކުން އަވަހަށް ވެކްސިން ޖެހުމަށާއި، ވެކްސިނުގެ ދެ ޑޯޒް ހަމަ ކޮށްފައި ވޭތޯ ބަލާ ޔަގީން ކުރުމަށް ވެސް މިނިސްޓަރު އަމީން އިލްތިމާސްކޮށްފައިވެއެވެ.

ރާއްޖޭގައި މިހާރު ހިމަބިހި ފެތުރެމުންދާއިރު، ވެކްސިން ދިނުން ހުއްޓާލި 3 އަހަރުގެ ކުއްޖަކަށާއި، 30 އަހަރުގެ މީހަކު ވަނީ ހިމަބިއްސަށް ޕޮޒިޓިވްވެފައެވެ. އަދި 17 އަހަރުގެ ކުއްޖަކަށް ޝައްކު ކުރެވިގެން ދަނީ ޓެސްޓުކުރަމުންނެވެ.

ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ގައުމެއް ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ކަނޑައެޅީ 2017 ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ. އެއާއެކު، ރާއްޖެ ވެފައި ވަނީ އޭޝިއާ ސަރަހައްދުގައި ވެސް އެންމެ ފުރަތަމަ ހިމަބިހި ނައްތާލެވުނު ދެ ގައުމުގެ ތެރެއިން އެއް ގައުމަށެވެ. ރާއްޖެއާ އެކުގައި ހިމަބިހި ނައްތާލެވިފައިވާ އަނެއް ގައުމަކީ ބޫޓާނެވެ.

ގައިންގަޔަށް އަރާ ބަލިތަކުން ތުއްތުކުދިން ރައްކާތެރި ކުރުމަށް ރާއްޖޭގައި ވެކްސިން ދޭން ފަށާފައި ވަނީ 1976 ވަނަ އަހަރުއެވެ. އަދި ހިމަބިހިން ރައްކާތެރިވުމަށް މީސަލްސް ވެކްސިން ދޭން ފަށާފައި ވަނީ 1983 ވަނަ އަހަރުއެވެ.

ރާއްޖެއިން ހިމަބިހި ނައްތާލެވިފައިވާ ކަމަށް 2017 ވަނަ އަހަރު ކަނޑައަޅާފައިވީ ނަމަވެސް ރާއްޖެއަކީ މީސްލްސް ފަދަ ބަލިތައް އުޅޭ ގައުމުތަކުން ވަރަށް ގިނަ މީހުން ޒިޔާރަތްކުރާ ގައުމެއް ކަމަށާއި ރާއްޖޭގެ މީހުންވެސް މިފަދަބަލިތައް އުޅޭ ގައުމުތަކަށް ޒިޔާރަތް ކުރެއެވެ. އެގޮތުން 2017 އަހަރާއި 2018 ވަނަ އަހަރުވެސް ރާއްޖެއިން ބޭރުން ދެ ދިވެހިންނަށް ހިމަބިހި ޖެހިފައިވާ ކަމަށް އެޗްޕީއޭއިން މައުލޫމާތުދީފައިވެއެވެ.