ސޯޝަލް މީޑިއާގައި ހިނގާ ކަންކަން އަބަދުވެސް މޮނިޓާ ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ޅ. ނައިފަރަށް އުފަން އުފާ މުހުތާރު ފަހުމީ ޔޫޓިއުބްގައި ޝާއިއު ކުރި ވީޑިއޯ ތަކާ ގުޅިގެން އެތައް ބައެއްގެ ފާޑު ކިޔުން އޭނާއަށް ވަނީ އަމާޒުވެފައެވެ. އެ ވީޑިއޯތަކުގައި ރާއްޖޭގެ ސަރުކާރަށާއި އިސްލާމް ދީނަށް އޭނާ ވަނީ ވަރަށް ބޮޑަށް ފުރައްސާރަ ކޮށްފައެވެ.

މި ކަމާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން އިސްލާމިކް މިނިސްޓްރީން ބުނީ، ސޯޝަލް މީޑިއާގައި ހިނގާ ކަންކަން އަބަދުވެސް މޮނިޓާ ކުރަމުންދާ ކަމަށާއި އެފަދަ މައްސަލަތައް ދަނީ ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހަޅަމުން ކަމަށެވެ.

ޔޫޓިއުބްގައި ޗެނަލެއް ހަދައިގެން އުފާ ވީޑިއޯ ލާން ފަށާފައި ވަނީ މި މަހު 10 ވަނަ ދުވަހުން ފެށިގެންނެވެ. އެގޮތުން އޭނާ މިހާތަނަށް ޖުމްލަ ތިން ވީޑިއޯއެއް ޔޫޓިއުބުގައި ޕޯސްޓު ކޮށްފައި ވެއެވެ. ފުރަތަމަ ވީޑިއޯގައި އޭނާ ވާހަކަ ދައްކާފައި ވަނީ ރާއްޖޭގައި އޮތް ޖިންސީ ތަފާތުކުރުންތަކާ ގުޅޭ ގޮތުންނެވެ.

ޔޫޓިއުބްގައި އުފާ އާއްމުކުރި ވީޑިއޯތަކުގައި އޭނާ ބުނީ ރާއްޖޭގެ ރައްޔިތުންނަށް އިސްލާމް ދީން ނޫން އެހެން ދީނެއް ގަބޫލުކުރުމަކީ މަނާ ކަމެއް ކަމަށާއި އިސްލާމް ދީނަށް އުޅުމަކީ ދިވެހި ރައްޔިތުންނަށް މަޖުބޫރު ވެފައިވާ ކަމެއް ކަމަށެވެ. އަދި އިސްލާމް ދީނާ ދެކޮޅަށް ވާހަކަ ދައްކާ މީހުންނަށް ހައްދު ފަހަނައަޅާފައިވާ ފިކުރުގެ މީހުން އިންޒާރު ދޭ ކަމަށްވެސް ބުނެފައި ވެއެވެ. އަދި ދާދި ފަހުން ދީނާ ދެކޮޅު ވާހަކަ ދައްކައިގެން ރުސްތުމް ނަމަކަށް ކިޔާ މީހަކު ފުލުހުން ހައްޔަރުކުރި ކަމަށް ބުނެ އޭނާ ބުނީ އެ މީހާ ހައްޔަރު ކުރުމަށް ފަހު ފުލުހުން ލާފައި ބެހެއްޓީ ހަރުކަށި ފިކުރުގެ މީހުން ތިބި ޖަލަކަށް ކަމަށެވެ. އެ ޖަލުން އެމީހާއަށް އަނިޔާ ލިބުނު ކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް މިވާހަކަތަކުގެ ސައްހަކަން ކަށަވަރު ކުރެވިފައެއް އަދި ނުވެއެވެ.

އިސްލާމްދީނަށް ފުރައްސާރަ ކުރާ މައްސަލާގައި ފުލުހަށް އުފާ ހާޒިރު ކުރީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އޭރުވެސް އޭނާ ދިޔައީ މީސްމީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އިސްލާމް ދީނާ ހިލާފު ވާހަކަތައް ދައްކަމުންނެވެ. ފުލުހުން އުފާ ހާޒިރު ކުރީ ޅ. ނައިފަރު ޕޮލިސް ސްޓޭޝަނަށެވެ. ނަމަވެސް އޭނާ އާ މެދު އެޅި ފިޔަވަޅެއް ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ.