ވެކްސިން ނުޖަހާ ކުދިން ވައްދާ ސްކޫލެއް އައްޑޫގައި ހުންނަ ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ޑރ. އަހްމަދު ފައިސަލް ތުހުމަތު ކުރެއްވުމާ ގުޅިގެން، އެ ސްކޫލާ ބެހޭ މައުލޫމާތު އެޑިއުކޭޝަން މިނިސްޓްރީއާ ހިއްސާ ކޮށްދެއްވުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެދިވަޑައިގެންފިއެވެ.
މިފަދައިން އެދިވަޑައިގަންނަވަމުން މިނިސްޓަރު އައިޝާ ވިދާޅުވީ، ޑރ. ފައިސަލް ފަދަ ގައުމުގައި ތިބި ޒިންމާދާރު މީހުން ކުރައްވާ މިފަދަ ބޮޑެތި ތުހުމަތުތަކަކީ އާންމުންގެ ތެރޭގައި ބިރުވެރިކަން އުފެދިގެންދާނެ ކަމެއް ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓަރު ވަނީ ވެކްސިން ނުޖަހާ ކުދިން ވައްދާ ސްކޫލެއް އައްޑޫގައި ހުންނަ ނަމަ، އެކަމާ ގުޅިގެން ޑރ. ފައިސަލަށް އެނގިވަޑައިގަންނަވާ މައުލޫމާތު އެ މިނިސްޓްރީއާ ހިއްސާ ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. މިނިސްޓަރު އައިޝާ ވިދާޅުވީ، ވެކްސިން ނުޖަހާ ކުދިން ވައްދާ ސްކޫލެއް ހުންނަ ނަމަ އެކަމާ ވީ އެންމެ އަވަހަށް ފިޔަވަޅު އަޅާނެ ކަމަށެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައިވާއިރު، މިކަމާ ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތުދެއްވަމުން އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވީ، އުސޫލެއްގެ ގޮތުން ވެކްސިން ނުދޭ ކުދިން ސްކޫލަށް ނުވައްދާ ކަމަށެވެ. އަދި އެފަދަ ކުދިން ސްކޫލަށް ވައްދާނަމަ، އެއީ ގާނޫނާ ހިލާފަށް ކުރަމުންދާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. ސޯބެ ވިދާޅުވީ، ގާނޫނާ ހިލާފަށް އެފަދަ ކަމެއް ކުރަމުންދާނަމަ އެކަން ބައްލަވައި ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. އަދި ކައުންސިލާއި އެޑިއުކޭޝަނާ ގުޅިގެން ވެސް އެކަން ބައްލަވާނެ ކަމަށެވެ.
ނަމަވެސް ވެކްސިން ނުދީ ކުދިން ފޮނުވާ ސްކޫލެއް އައްޑޫގައި ހުންނަ ކަން ކައުންސިލުގެ ސަމާލުކަމަށް އައިސްފައި ނުވާ ކަމަށް ސޯބެ ވިދާޅުވިއެވެ.
ވެކްސިން ނުދޭ ކުދިން ވައްދާ ސްކޫލެއް އައްޑޫގައި ހުންނަ ކަމަށް ޑރ. ފައިސަލް ތުހުމަތު ކުރައްވާފައި ވަނީ މާލެ ސަރަހައްދުގައި ދިރިއުޅޭ ތިން އަހަރުގެ ކުއްޖަކު ހިމަބިހި (މީސަލްސް) ޖެހިފައިވާ ކަމަށް ޝައްކުކުރެވުމާ ގުޅިގެން ކުރި ޓެސްޓް ތަކުން އެކުއްޖާ ހިމަބިއްސަށް ޕޮސިޓިވް ވެފައިވާ ކަން ހާމަވެފައި ވަނިކޮށެވެ. އެ ކުއްޖާއަކީ 9 މަހުގަ އާއި 18 މަހުގައި ދޭންޖެހޭ މީސަލްސް ވެކްސިންގެ ދެޑޯޒް ފުރިހަމަ ނުކޮށް ހުރި ކުއްޖެކެވެ.
މީގެ އިތުރުން ވެސް 17 އަހަރުގެ ކުއްޖަކު ހިމަބިހި ޖެހިފައިވާ ކަމަށް ޝައްކު ކުރެވިގެން ޓެސްޓު ކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.
3 އަހަރުގެ ކުއްޖަކު ހިމަބިއްސަށް ޕޮޒިޓިވްވެ، އިތުރު ކުއްޖަކު ވެސް ޕޮޒިޓިވް ވެދާނެ ކަމުގެ ބިރު އޮތް އިރު، ރާއްޖޭގައި މިހާރު ވެކްސިން ނުދީ ގެންގުޅޭ ކުދިން ވެސް އެބަތިއްބެވެ. އެފަދަ ބައެއް ކުދިންނަށް ވެކްސިން ދިނުމަށްޓަކައި، ރާއްޖޭގެ ކަމާ ބެހޭ އިދާރާތަކުން އެ ކުދިންގެ މައިންބަފައިންނަށް ނަސޭހަތްތެރިވެފައި ވެސް ވެއެވެ. ނަމަވެސް، އަދިވެސް ފާޅުގައި ވެކްސިން ނުދޭނެ ކަމަށް ބުނެ އިންކާރުކޮށް، ވެކްސިން ނުދީ ގެންގުޅޭ ކުދިން ރާއްޖޭގެ އެކި ހިސާބުތަކުގައި އެބަ ތިއްބެވެ.
ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ގައުމެއް ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ކަނޑައެޅީ 2017 ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ. އެއާއެކު، ރާއްޖެ ވެފައި ވަނީ އޭޝިއާ ސަރަހައްދުގައި ވެސް އެންމެ ފުރަތަމަ ހިމަބިހި ނައްތާލެވުނު ދެ ގައުމުގެ ތެރެއިން އެއް ގައުމަށެވެ. ރާއްޖެއާ އެކުގައި ހިމަބިހި ނައްތާލެވިފައިވާ އަނެއް ގައުމަކީ ބޫޓާނެވެ.
ގައިންގަޔަށް އަރާ ބަލިތަކުން ތުއްތުކުދިން ރައްކާތެރި ކުރުމަށް ރާއްޖޭގައި ވެކްސިން ދޭން ފަށާފައި ވަނީ 1976 ވަނަ އަހަރުއެވެ. އަދި ހިމަބިހިން ރައްކާތެރިވުމަށް މީސަލްސް ވެކްސިން ދޭން ފަށާފައި ވަނީ 1983 ވަނަ އަހަރުއެވެ.
ރާއްޖެއިން ހިމަބިހި ނައްތާލެވިފައިވާ ކަމަށް 2017 ވަނަ އަހަރު ކަނޑައަޅާފައިވީ ނަމަވެސް ރާއްޖެއަކީ މީސްލްސް ފަދަ ބަލިތައް އުޅޭ ގައުމުތަކުން ވަރަށް ގިނަ މީހުން ޒިޔާރަތްކުރާ ގައުމެއް ކަމަށާއި ރާއްޖޭގެ މީހުންވެސް މިފަދަބަލިތައް އުޅޭ ގައުމުތަކަށް ޒިޔާރަތް ކުރެއެވެ. އެގޮތުން 2017 އަހަރާއި 2018 ވަނަ އަހަރުވެސް ރާއްޖެއިން ބޭރުން ދެ ދިވެހިންނަށް ހިމަބިހި ޖެހިފައިވާ ކަމަށް އެޗްޕީއޭއިން މައުލޫމާތުދީފައިވެއެވެ.
އެޑިޔުކޭޝަން މިނިސްޓްރީ ގެ ޒިންމާ އަދާކުރޭތޯ؟ ހަމަ ގައިމުވެސް މިދިއަ2019 ވަނަ އަހަރު ސްކޫލްތައް ކިޔެވުން ބަންދު ވުމުން އެނގިގެން ދިޔަ އެއްކަމަކީ އެޑިއުކޭޝަން މިނިސްޓްރީ އާއި، ޑިޕާޓްމެންޓް އޮފް އެގަޒމިނޭޝަން އަދި ނެޝަނަލް އިންސިޓިޓުއުޓް ގެ ޒިންމާދާރު ކުޑަކަން.. މި ބުނީ އެސްއެސްސީ އިމްތިހާން ގައި ފުރަތަމަ ފަހަރު ގުރުއާން ހިމެނި އިރު 2019 ވަނަ އަހަރު ގްރޭޑް 9 ގެ ކިޔެވި ދަރިވަރުންނައް ދޭންޖެހޭ މައުލޫމާތު ސްކޫލްތަކައް ފޯރުކޮށް ނުދެވި ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ އިހްމާލުން