އީރާނުގެ ވެރިރަށް ތެހްރާނުން ފުރައިގެން ޔޫކްރައިންގެ ވެރިކަން ކުރާ ކިއޭފްއަށް ދަތުރުކުރަމުން ދިޔަ ޔޫކްރައިންގެ ކޮމާޝަލް ފްލައިޓް ޕީއެސް 752 ވައްޓާލި ހާދިސާއާއި ގުޅިގެން އީރާނުގެ ލީޑަރުންނާ ދެކޮޅަށް އެ ގައުމުގައި ފަށާފައިވާ ސިލްސިލާ މުޒާހަރާތައް ދެވަނަ ދުވަހަކަށް ދިގުލާ ގޮސްފިއެވެ.

180 މީހުންނާއެކު އިމާމު ޚުމައިނީ ވައިގެ ބަނދަރުން ފުރިތާ މާ ގިނަ އިރުތަކެއް ނުވަނީސް ފްލައިޓް ޕީއެސް 752 ވައްޓާލާފައި ވަނީ އީރާނު އަސްކަރިއްޔާއިން ދިން ހަމަލާއެއްގައި ކަމަށާ، މި ހަމަލާ ދެވުނީ އެރި އޮޅުމަކުން، ހެދުނު ގޯހެއްގެ ސަބަބުން ކަމަށް އީރާނުގެ ކަމާބެހޭ ފަރާތްތަކުން ވަނީ އިއުތިރާފުވެފައެވެ.

ބޯޓުން ދަތުރުކުރި އެންމެންގެ ފުރާނަ ގެއްލި ދިޔަ ހާދިސާއާއި ގުޅިގެން އީރާނުގެ އިސް ފަރާތްތަކާ ދެކޮޅަށް އެގައުމުގައި ކުރިއަށްދާ މުޒާހަރާތައް، އެގައުމުގެ އެކި ސިޓީތަކަށްވެސް މިހާރު ވަނީ ފެތުރިފައެވެ. މުޒާހަރާގެ ބައިވެރިންނާ ސަލާމަތީ ބާރުތަކާ ދެމެދު ކުރިމަތިލުންތަކެއް ހިންގާފައިވާއިރު، ކަރުނަ ގޭހުގެ ބާރުގެ ބޭނުންކޮށްފައިވާ ކަމަށް ޚަބަރު ލިބެއެވެ.

އީރާނު އަސްކަރިއްޔާގެ އިސް ކޮމާންޑަރު ޖެނެރަލް ގާސިމް ސުލައިމާނީ މަރާލުމުގެ ބަދަލު ހިފުމުގެ ގޮތުން އެމެރިކާގެ އަސްކަރީ ބޭސްތަކަށް އަމާޒުކޮށް އީރާނުން އިރާގަށް މިސައިލް ހަމަލާތަކެއް ދިންތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ފްލައިޓް ޕީއެސް 752 އަށް އީރާނު އަސްކަރިއްޔާއިން ހަމަލާ ދީ ވައްޓާލި ހާދިސާއާ ގުޅިގެން އީރާނުގައި ކުރިއަށްދާ މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް، އެގައުމުގެ އަސްކަރިއްޔާގެ އެންމެ ބާރުގަދަ ފައުޖުކަމަށް ރިވަލޫޝަނަރީ ގާޑުންގެ ސިފައިންވެސް ވަނީ މަގުތަކަށް ނެރެފައެވެ.

އީރާނުގައި އާންމުންގެ ބަޔަކު މުޒާހަރާކުރަނީ/ފޮޓޯ: އޭޕީ

މީޑިއާގައި ދައުރުވަމުންދާ ބައެއް މަންޒަރުތަކަށް ބަލާއިރު، އީރާނުގެ ޒަމާންވީ އަދުވުން ކަމަށްވާ އެމެރިކާއާއި އިސްރާއީލަށް ފުރައްސާރަ ކުރުމުގެ ގޮތުން އެގައުމުގެ ކަމާބެހޭ ފަރާތްތަކުން މަގުގެ ބިންމަތީގައި ކުރަހާފައިވާ އެމެރިކާއާއި އިސްރާއީލުގެ ދިދަތަކަށް ނޭރޭ ގޮތަށް، ދަރިވަރުންތަކެއް މަގުމަތީގައި ހިނގާބިނގާވެ އުޅޭ މަންޒަރު ވަނީ ފެނިގެންގޮސްފައެވެ. މިއީ އީރާނުގެ ދައުލަތުން ފަތުރަމުންދާ ޕްރޮޕަގަންޑާއާއި ދެކޮޅަށް މުޒާހަރާގެ ބައިވެރިން ކުރި އިހުތިޖާޖެއްކަމަށްވެސް ބައެއް ފަރާތްތަކުން ސިފަކުރެއެވެ.

މުޒާހަރާގެ ބައެއް ބައިވެރިން ބުނާ ގޮތުގައި، އީރާނުގެ ދުޝްމަނުންނަކީ އެމެރިކާ ކަމަށް ބުނެ އެގައުމުގެ ރައްޔިތުންނަށް ވަނީ ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލަފައެވެ. ފްލައިޓް ޕީއެސް 752 ވައްޓާލުމާ ގުޅިގެން އީރާނުގައި މުޒާހަރާ ކުރަމުންދާ ބައެއް ފަރާތްތަކުން ސިފަކުރާ ގޮތުގައި އީރާނު ރައްޔިތުންގެ ހަގީގީ ދުޝްމަނުން ތިބީ އީރާނުގެ ފަސްގަނޑުގައެވެ.

ޚަބަރު ލިބޭ ގޮތުގައި މިހާރު އީރާނުގައި ކުރިއަށްދާ މުޒާހަރާތަކުގައި ގިނަ އަދަދަކަށް އަންހެނުންވެސް ދަނީ ބައިވެރިވަމުންނެވެ.

މިމުޒާހަރާތަކާ ގުޅިގެން އީރާނުން އަދި ރަސްމީ ސިފައެއްގައި އެއްޗެއް ބުނެފައެއް ނުވެއެވެ.